ޢަރަބިކަރައިގައި ސުންނަތަށް އިންކާރުކޮށް ހަމައެކަނި ޤުރުއާނުން ފުއްދާލުމަށް ދަޢުވަތުދިނުމުގައި އިސް ރޯލެއް އަދާކޮށްފައިވަނީ ދެ ޖަމާޢަތެކެވެ.
ފުރަތަމަ ޖަމާޢަތް:
މިޞްރުގެ ކިނާނާގައި ތަރުބިއްޔަތުވެފައިވާ އަލްމަދްރަސާ އަލްއިޞްލާޙިއްޔާ އަށް ތަބާވާކަމަށް ދަޢުވާކުރާ މީހުން: އެއީ މުޙައްމަދު ޢަބްދުހު އާއި އޭނާގެ ޝައިޚުކަމަށްވާ އަލްއަފްޣާނީގެ ދަށުން ތަރުބިއްޔަތު ވެފައިވާ ބައެކެވެ. މިމަދަރުސާގެ ފިކުރުތައް ފެތުރިފައިވަނީ ދެ ވަސީލަތަކުންނެވެ.
ފުރަތަމަ ވަސީލަތް: މަޖައްލަތުލް މަނާރެވެ. އެ މަޖައްލާގެ ބިންގާ އަޅާ އެޑިޓަރެއްގެ ގޮތުގައި ހުރީ މުޙައްމަދު ރަޝީދު ރިޟާއެވެ. އެއީ އަލްމަދްރަސާ އަލްއިޞްލާޙިއްޔާގެ އެންމެ އިސް އެކަކެވެ. މިމަޖައްލާގައިވަނީ ސިލްސިލާ ވަރަށް ގިނަ ލިޔުންތަކެއް ޝާޢިއުކޮށްފައެވެ. އޭގެ ތެރެއިން އެއް ލިޔުމަކީ ‘އިސްލާމް ދީނަކީ ހަމައެކަނި ޤުރުއާން’ [1] މިއެވެ. އެ ލިޔުންތައް ލިޔުނީ ދުކްޠޫރު ތައުފީޤު ޞިދުޤީއެވެ. އެލިޔުންތަކަށް ރަޝީދު ރިޟާވަނީ ތާއީދުކޮށްފައެވެ. އަދި އޭގެ މުޞީބާތް އޭނާގެ ފުށުން އިތުރަށް ބޮޑުވެގެން ދިޔައީ އޭނާ ސުންނަތް ދެބަޔަކަށް ބެހުމުންނެވެ. އެއީ ޤަބޫލުކުރުން ވާޖިބުވާ ޢާންމު ދީން (ޢަމަލީ ސުންނަތްތަތާއި) ، ޤަބޫލުކުރުން ލާޒިމުނުވާ ޚާއްޞަ ދީން(އެނޫން ސުންނަތްތައް) އެވެ. [2]
ދެވަނަ ވަސީލަތް: އަބޫ ރައްޔާ ލިޔެފައިވާ “أضواء على السُّنَّة المحمدية” އެވެ. [3]
= ނުނިމޭ =
______________________
[1] ބައްލަވާ: مجلة المنار – السنة التاسعة – العددان ٧ – ۱۲.
[2] ބައްލަވާ: دراسات في الحديث النبوي للأعظمي ۱ / ۲٦ – ۲٧
އަދި އަލްއުސްތާޛު އައްސިބާޢީ ޛިކުރުކުރައްވާފައިވާ ގޮތުން ރަޝީދު ރިޟާގެ ޢުމުރުގެ ފަހުކޮޅު އޭނާވަނީ އެ ރަޢުޔުތައް ދޫކޮށްލާފައެވެ. އަދި ދުކްޠޫރު އަލްއަޢުޡަމީވަނީ އެވާހަކަ دراسات في الحديث النبوي ۱/ ۲٧ ގައިވެސް ނަޤުލުކުރައްވާފައެވެ.
[3] އަބޫ ރައްޔާއަށް ރައްދުގައިވަނީ ވަރަށް ގިނަ ފޮތްތައް ލިޔެފައެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފޮތްތަކަކީ: 1- އައްސިބާޢީ ލިޔުއްވި السنة ومكانتها 2- އަލްމުޢައްލިމީ ލިޔުއްވި الأنوار الكاشفة އެވެ. އެދެބޭފުޅުންނަށް ﷲ ތަޢާލާ ރަޙުމަތް ލައްވާށިއެވެ.