[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުއްމަތުގައި އިޚްތިލާފުތައް އުފެދުން.

ޚިލާފުވުމަކީ މިކައުނުގައި އިންސާނީ ޠަބީޢަތުގައި މާތްﷲ ލައްވާފައިވާ ކެމެކެވެ. މިކަމަށް އިޝާރާތްކުރައްވާ މާތްﷲ ވަޙީ ކުރައްވަނީ.

وَلَوْ شَاءَ رَ‌بُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ﴿١١٨﴾  سورة هود

މާނައީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. “

ޚިލާފުވުމަށް ބަލާއިރު އާދަމުގެފާނުންގެ ދަރިކަލުން ކަމުގައިވާ ޤާބީލު އާއި ހާބީލު އާ ދެމީހުންގެ މެދުގައި ޚިލާފު އުފެދި އޭގެ ސަބަބުން ޤާބީލު މަރުވެގެންދިޔައެވެ.

އިޚްތިލާފު ތަކުގެ ތެރޭގައި ޤަބޫލު ކުރެވޭ ޚިލާފުތަކާއި ޤަބޫލު ނުކުރެވޭ ޚިލާފުތައްވެއެވެ. ޤަބޫލު ކުރެވޭ ޚިލާފުތަކަކީ، ދީނުގެ މައްސަލަތަކުގައި ދިމާވާ ކަންކަމުގައި ވިސްނުމާއި ފިކުރުގައި އުފެދޭ ޚިލާފެވެ. ޤަބޫލު ނުކުރެވޭ ޚިލާފުތަކަކީ، ތަޢައްޞުބާއި ހަވާނަފްސަށް ތަބާވުމާއި ރުޅިވެރިކަމާއި ބައިބައިވުމުގެ ގޮތުން އުފެދޭ ޚިލާފުތަކެކެވެ.

އިޚްތިލާފް އުފެދެން ދިމާވި ބައެއް ސަބަބުތައް

އިންސާނުން ދެކޭގޮތުގައި ވިސްނާ ވިސްނުންތަކަކީ އެއްފަރުދުން އަނެއް ފަރުދަށް، އެއްޖަމާޢަތުން އަނެއް ޖަމާޢަތަށް އެއްޤައުމުން އަނެއް ޤައުމަށް އެއް މައްސަލައިން އަނެއް މައްސަލައަށް އެއްބައެއްގެ ހޭލުންތެރިކަމާއި ތަރުބިއްޔަތާއި ލިބިފައިވާ މަޢުލޫމާތައް ބަލައި ތަފާތުވެގެން އަންނަ އެއްޗެކެވެ. އިޚްތިލާފް އުފެދެން ދިމާވި ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބު ތަކަކީ:

1       ޝަރުޢު ޙުކުމްތައް ނެރެވޭ އުޞޫލުތަކުގައި އިޚްތިލާފުވުން.

މަޒުހަބު ތަކުގައި އިޚްތިލާފު އުފެދެން ދިމާވެފައިވާ މައްސަލަތަކަކީ ބައެއް ޝަރުޢީ ދަލީލުތަކާއި އުޞޫލުތަކުން ނެރެވޭ އަޞްލުތަކެވެ. މުޅި އުއްމަތް ޤުރުއާނާއި، ސުންނަތާއި، އިޖުމާޢުއަކީ އަސާސީ ޤަވާޢިދުކަމަށް އިޖުމާޢުވެފައިވީނަމަވެސް، އެ މަސްދަރުތަކުގެ ފަހުން ދެން އަސާސު ތަކެއްގެ ގޮތުގައި ބެލެވޭނެ އެއްޗަކާއިމެދު އިޚްތިލާފުވެއެވެ. މިސާލަކަށް އަބޫ ޙަނީފާ މުރުސަލް ޙަދީޘަށްވުރެ ޤިޔާސް އިސްކުރައްވައެވެ. އިމާމް މާލިކު މަދީނާގެ އަހުލުވެރީންގެ ޢަމަލާއި މުރުސަލް ޙަދީޘް  ޤިޔާސަށްވުރެ އިސްކުރައްވައެވެ.

2       ޙަދީޘްތަކުގެ ރާވީންގެ ތެރެއިން ޢަދުލުވެރީންނާއި ޢަދުލުވެރި ނޫން ރާވީންނަކީ ކޮބައި ކަމާމެދު ޚިލާފު އުފެދިފައިވެއެވެ. ޙަދީޘް ޘާބިތުނުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ސަނަދު މެދު ކެނޑުމާއި ރާވީއަކީ ޢަދުލު ނޫން ރާވީ އަކަށްވުން ހިމެނެއެވެ.

3       ޙަދީޘުގެ ނައްޞު ވިސްނުމުގައި ޚިލާފުތަކެއް އުފެދުން. އެ ޙަދީޘަކީ ޢިލްމުވެރީން ޞައްޙަ ޙަދީޘެއްކަމުގައި އެއްބަސްވެފައިވީނަމަވެސް އެ ޙަދީޘް ފަހުމު ވުމުގައި އިޚްތިލާފްތަކެއް ވެއެވެ. މިސާލަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްއެއްގައިވެއެވެ. ” ޠާހިރު ޙާލަތުގައިމެނުވީ ޤުރުއާނުގައި ބީހުމެއްނުވެއެވެ. ” މި ޙަދީޘުން ތަފާތު މާނަތަކެއް ޢިލްމުވެރީން ނެރުއްވާފައިވެއެވެ. ބައެއް ޢިލްމުވެރީން މި ޙަދީޘްގައިއެވާ ޠާހިރު މުރާދު ކަމުގައި ބެއްލެވީ ބޮޑު ޙަދަޘާއި ކުޑަ ޙަދަޘުން ޠާހިރު ވުމެވެ. މިގޮތަށް ބެއްލެވި ޢިލްމުވެރީންގެ އަރުހިގައި ދެ ޙަދަޘުން ޠާހިރުނުވެ ޤުރުއާނުގައި ބީހުން ހުއްދަވެގެނެއް ނުވެއެވެ. އަނެއްބައި ޢިލްމުވެރީންގެ އަރިހުގައި ޠާހިރުގެ މާނައަކީ އެމީހެއްގެ ހަށިގަނޑުގައި ނަޖިހެއްނެތުމެވެ. މިގޮތަށް މާނަ ކުރެއްވި ޢިލްމުވެރީންގެ އަރިހުގައި ދެ ޙަދަޘުން ޠާހިރު ނުވިޔަސް، ހަށިގަނޑުގައި ނަޖިހެއް ނެތްނަމަ ޤުރުއާނުގައި ބީހުން ހުއްދައެވެ.

އެހެން މިސާލެއް: ބުޚާރީ އަދި މުސްލިމްގައި އިބްނު ޢުމަރު ޜަޟިޔަﷲ ޢަންހުމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

ރަސޫލާ އަހުޒާބު ހަނގުރާމައިން އެނބުރި ވަޑައިގެންނެވި ތަނާ ޖިބްރީލުގެފާނު ވަޑައިގެން ބަނީ ޤުރުއިޠާ އަށް ދިއުމަށް އަމުރު ކުރެއްވިއެވެ. ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘް ކުރެއްވިއެވެ. ” އެކަކުވެސް ބަނީ ޤުރައިޠާ  ގައި މެނުވީ މިއަދުގެ ޢަޞްރު ނަމާދު ނުކުރާހުށިކަމެވެ. ” ކޮންމެއަކަސް އަޞްޙާބު ބޭކަލުން ބަނީ ޤުރައިޠާ  އަށް ވަޑައިގެންނެވި މަގުމަތީގައި ޢަޞްރު ނަމާދު ވަގުތު ޖެހިއްޖެއެވެ. ބައެއް އަޞްޙަބުނޭކަލުން ވިދާޅުވިއެވެ. އަހަރެމެން ޢަޞްރު ނަމާދު ކުރާނީއެވެ. ނަމާދު ނުކުރުމަށް ރަސޫލާ އަހަރެމެންގެ ފަރާތަކުން އެދިއެއްނުލައްވައެވެ. ކޮންމެއަކަސް މި މައްސަލަ ރަސޫލާއަށް ދެންނެވުމުން މި ދެގޮތުން އެއްވެސް ގޮތެއް އެކަލޭގެފާނު ނުބައެއް ނުކުރައްވައެވެ.

4       ދަލީލުތަކަށް ތަރުޖީޙު ދިނުމާއި، އެ ދަލީލުތައް ޖަމާކުރުމުގައި އިޚްތިލާފު އުފެދުން. ޢިލްމުވެރިން މައްސަލަތަކުގައި ޙުކުމްތައް އިސްތިންބާޠު ކުރައްވާއިރު ބައްލަވަނީ އެންމެ ދަލީލަކަށް ނޫނެވެ. އެ މައްސަލަ އާއި ގުޅޭ ހުރިހާ ދަލީލްތަކާއި އުޞޫލުތަކަށް ބައްލަވައެވެ. މިސާލަކާސް އިމާމް ޝާފިޢީ، ބުޚާރީއާއި މުސްލިމްގައިވާ ޞައްޙަ ޙަދީޘްތަކަށް ޢަމަލު ކުރައްވާފައެއްނުވެއެވެ. އެއް ޙަދީޘަކީ ރަސޫލުﷲ ނަމާދުގައި ބިސްމި ބާރަށް ވިދާޅުނުވާކަމަށް އޮތް ޙަދީޘެވެ. މީގެ މާނައަކީ މި ޙަދީޘަށް އިމާމް ޝާފިޢީ އިންކާރު ކުރެއްވީ އެއް ނޫނެވެ. ނަމަވެސް މި މައްސަލަ އާއި ގުޅޭ އެހެނިހެން ދަލީލްތަކާއި އުޞޫލުތަކަށް ބުރަވެ ވަޑައިގަތީއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. ” ރަސޫލާގެ ޞައްޙަ ޙަދީޘެއްފެނި އެ ދޫކޮށްލައި އެހެން މީހެއްގެ ބަހަށް ޢަމަލުކުރުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. ” އިމާމް ޝާފިޢީ މި ޙަދީޘަށް ޢަމަލު ނުކުރުމަކީ އެއަށް އިންކާރު ކުރުމެއް ނޫނެވެ. އެހެންނަމަވެސް އެއިން މައްސަލަ ނެރުއްވި ގޮތް ތަފާތުވީއެވެ.

______

އައްޝައިޚް ޙަސަން ލަޠީފް މޫސާ/ ފައުންޑޭޝަން ލެވަލް 2 ހޭންޑް އައުޓް