[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 13

ތަވާފުކުރުން

ޝަރުޢީގޮތުން ތަވާފުކުރުން ހުއްދަވަނީ ހަމައެކަނި ކަޢުބާ ވަށައިގެންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

”އަދި ޤަދީމީ މާތް ގެފުޅުގައި އެއުރެން ތަވާފްކުރާ ހުށިކަމެވެ.”  (ސޫރަތުލް ޙައްޖު 29)

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

”އަދި އިބްރާހިމްގެފާނާއި އިސްމާއިލްގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ތަވާފްކުރާ މިހުންނާއި އަޅުކަންކުރުމަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާމީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ތާހިރުކުރައްވާށެވެ.”

ސޫރަތުލް ބަޤަރާ 125

ތަވާފަކީ ހައްޖާއި ޢުމްރާގެ ރުކުނެކެވެ. އެނޫން އެހެން ވަޤުތުތަކުގައި ތަވާފުކުރުމަކީ މުސްތަޙައްބުކަމެކެވެ.

ތަވާފުކުރުމުގެ މާތްކަމާއިބެހޭގޮތުން އައިސްފައިވާ ހަދީޘެއްގައިވެއެވެ.

ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އަބްދުއްﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާތީ ތިމަން އަޑުއެހީމެވެ.

”މި ގެފުޅު ވަށައިގެން ތަވާފުގެ ހަތް ބުރު ފުރިހަމަކުރުމަށްފަހު ދެން ދެރަކްޢަތްކޮށްފިމީހަކަށް އަޅަކު މިނިވަންކުރުމުގެ ޘަވާބުލިބިގެންވެއެވެ.”

  ޢަބްދުއްﷲ ބިން ޢުމަރު ގެ އެހެން ރިވާޔަތެއްގައިވެއެވެ.

”ތަވާފުކުރާއިރު ފިޔަވަޅު އެޅުމަށްފަހު ފިޔަވަޅުނަގާ ކޮންމެފަހަރަކު ﷲ ތަޢާލާ އޭނާގެ ކުށްފާފަތަކުގެ ތެރެއިން ފާފައެއްފުއްސަވައެވެ. އަދި އޭނާއަށްޓަކައި ހެޔޮކަމެއް ލިޔުއްވައެވެ.”

ތަވާފުކުރަންއެދޭމީހާ އެންމެހާ ހަޑިތަކެއްޗާއި ނަޖިހަކުން ތާހިރުވެގަތުން ހުއްޓެވެ. އަދި އަޢުރަނިވާވާފަދަ ރަނގަޅު ފޭރާމެއްލުން ހުއްޓެވެ.

ޢާއިޝަތުގެފާނު ހައިޟުވެރި ޙާލަތުގައި އިންނަވަނިކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

” އެހެން ޙައްޖުވެރިންވެސް ކަންތައް ކުރާގޮތަށް ކަމަނާ ކަންތައްތައް ކުރައްވާށެވެ. އެކަމަކު ތަވަފުކުރަންވާނީ ހައިޟުން ތާހިރުވުމަށްފަހުގައެވެ.”

ތަވާފާއި ނަމާދާއި އެއްގޮތްކުރައްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ހަދީޘްކުރެއްވިއެވެ.

”ގެފުޅުވަށައި ތަވާފުކުރަމަކީ ނަމާދުފަދަ ކަމެކެވެ. ތަވާފުކުރުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާއި ވާހަކަ ދައްކާދެއްކުން މެނުވީއެވެ. ފަހެ، ހެޔޮކަމެއްގައިމެނުވީ ތިޔަބައިމީހުން ތަވާފުކުރުމުގައި ވާހަކަނުދައްކާހުށިކަމެވެ’

ޙައްޖަތުލް ވަދާޢުގެ ކުރީ އަހަރު މުސްލިމުންކުރި ޙައްޖުގައި ވެރިޔަކަށް ލައްވާފައިވަނީ އަބޫބަކުރުގެފާނެވެ. އަބުބަކުރުގެފާނު އަބޫހުރައިރާގެ ފާނު މީސްތަކުންގެ ގާތަށް ފޮނުއްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި އެންގެވުން އިއްވިއެވެ.

މިއަހަރަށްފަހު މުޝްރިކަކަށް ހައްޖުނުކުރެވޭނެއެވެ . އަދި ގެފުޅު ވަށައިގެން އޮރިޔާމުން ތަވާފުނުކުރެވޭނެއެވެ.’

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުކުރަން ފެއްޓެވީ ޙަޖަރުލް އަސްވަދުންކަން ޘާބިތުވެއެވެ. އެއީ ކަޢުބާގެ ރުކުނުލް ޔަމާނީއާ ޖެހިގެންވާ ކަނެވެ. އަދި އެކަލޭގެފާނު ހުރިހާ ފަހަރެއްގައިވެސް ޠަވާފުކުރެއްވީ ޙިޖުރުގެ ވަށައިގެންނެވެ. އަދި ޠަވާފުލް ޤުދޫމުގައި ފުރަތަމަ ތިންފަހަރު ހަލުއި ފިޔަވަޅުމަތީގައި ހިންގެވިއެވެ.

އަދި އެކަލޭގެފާނުގެ ޠަވާފުގައި ޙަޖަރުލް އަސްވަދަށް ސަލާމްދަންނަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ޙަޖަރުލް އަސްވަދުގައި އަތްޕުޅު ބީއްސަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރީގައި ޠަވާފުކުރައްވަމުން އެކަލޭގެފާނުގެ އަސާކޮޅު ޙަޖަރުލް އަސްވަދުގައި ޖައްސަވައި އެ އަސާކޮޅުގައި ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނުގެ ސަވާރީގައި ޠަވާފުކުރައްވަމުން، އަސާކޮޅުން ޙަޖަރުލް އަސްވަދަށް އިޝާރާތްކުރެއްވިއެވެ. އެއީ ޙަޖަރުލްއަސްވަދާ އަރާ ހަމަވުމުންނެވެ. އަދި އެކަލޭގެފާނު ރުކުނުލް ޔަމާނީގައި އިސްތިލާމުކުރެއްވިކަމަށްވެސް ޘާބިތުވެފައިވެއެވެ.

ޙަޖަރުލް އަސްވަދަށް ސަލާމްދެންނެވުމާއި ބޮސްދިނުމަށް ތަފާތު ގޮތްތަކެއް އައިސްފައި މިވަނީ އެމީހަކަށް ފަސޭހަވެގެންވީ ގޮތަކަށް އެކަންކުރުމަށެވެ. وَاللهُ أَعْلَمُ. ޙަޖަރުލް އަސްވަދަށް ސަލާމްދެންނެވުމާއި ބޮސްދިނުމާއި އިޝާރާތްކުރުމަކީ ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެހިލައިގެ ސަބަބުން ފައިދާއެއް ނުވަތަ ގެއްލުމެއް ލިބޭކަމަށް އިޢުތިޤާދުކޮށްގެން ކުރާކަމެއް ނޫނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލް އަސްވަދުގައި ބޮސްދެއްވުމަށްފަހު މިހެން ވިދާޅުވިކަމަށް ޞަޙީޙައިނުގައި އައިސްފައިވެއެވެ.

((إِنِّي أَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ وَلَوْلَا أَنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ)) [رواه البخاري (1520) ومسلم (1720)]

މާނައީ: ހަމަކަށަވަރުން ތިޔައީ ގެއްލުމެއްވެސް އަދި ފައިދާ އެއްވެސް ނުދެވޭ ހިލައެއްކަން އަހަރެންނަށް އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތީގައި ބޮސްދެއްވަނިކޮށް އަހަރެންނަށް ނުފެނުނަމަ ތިއަކަށް ބޮހެއް ނުދިނީމުހެވެ.”

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.