[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 14

ތަވާފުކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް

ޙަޖަރުލް އަސްވަދުގައި އަތް ބީއްސުމާއި އެއަށް ބޮސްދިނުމަކީ ސުންނަތެކެވެ.

ޢުމަރުގެފާނު ޙަޖަރުލް އަސްވަދާޢި އަރާ ހަމަވެ އެއަށް ބޮސްދެއްވުމަށްފަހު ވިދާޅުވިއެވެ.

”ތިބާއީ ފައިދާއެއްވެސް ގެއްލުމެއްވެސް ނުދެވޭނޭ ގަލެއްކަން ހަމަކަށަވަރުންވެސް ތިމަންކަލޭގެފާނަށް އެނގެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިގާކޮޅުގައި ބޮސްދެއްވިތަން ތިމަންކަލޭގެފާނަށް ފެނިފައިނުވާނަމަ، ތިގާކޮޅަށް ބޮސް ނުދިނީމުހެވެ.”

އަދި އަބްދުއްﷲ ބިން ޢައްބާސް ރިވާކުރައްވައިފައިވާ ހަދީސެއްގައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ހަދީޘްކުރެއްވިއެވެ.

”ޙަޖަރުލް އަސްވަދު ބާއްވައިލެއްވިފައިވަނީ ސުވަރުގެއިންނެވެ.”

އަބްދުއްﷲ ބިން ޢައްބާސް ރިވާކުރައްވައިފައިވާ އެހެން ހަދީސެއްގައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ހަދީޘްކުރެއްވިއެވެ.

”ޙަޖަރުލް އަސްވަދު މިބިންމައްޗަށް ބާއްވައިލެއްވުނުއިރު އޭގެ ހުދުކަން ގެރިބަކަރީގެ ކިރަށްވުރެވެސް ގަދައެވެ.

އެކަމަކު އާދަމުގެ ދަރިންގެ ފާފަތަކުގެ ސަބަބުން އެކަޅުވެގެންދިޔައީއެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

”ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހުން މާތް ﷲ އެ ޙަޖަރުލް އަސްވަދު ތަންތަން ބެލުމަށްޓަކައި ދެލޮލާއި ޙައްޤުގޮތުގައި އެއަށް އިސްތިލާމްކުރި މީހުންނަށް ހެކިވުމަށްޓަކައި ދުލެއް ލިބިގެންވާ ޙާލު ފޮނުއްވާހުއްޓެވެ.”

ވާރިދުވެގެންއައިސްފައިވެއެވެ.

”ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީގައި އަތްބީއްސުމަކީ ކުށްފާފަތައްފޮހެވޭ ކަމެކެވެ.”

ޙަޖަރުލް އަސްވަދުގައި ބޮސްދީ އޭގައި ބީހުމަކީ މުސްތަޙައްބުކަމެކެވެ. އެކަންކުރެވޭގޮތްވެއްޖެ މީހާ އެކަން ކުރާނީއެވެ.

އެކަންކުރުމުގައި މީސްތަކުންނަށް އުނދަގޫކުރުންފަދަ ޙަރާމްކަމަކަށް އަރައި ގަނެގެންނުވާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމަރުގެފާނަށް  ހަދީޘްކުރެއްވިއެވެ.

”އޭ ޢުމަރެވެ. ހަމަކަށަވަރުން ތިބާއީ ވަރުގަދަ މީހެކެވެ. ޙަޖަރުލް އަސްވަދުކައިރީގައި ބައިބޯނުކުރާށެވެ. އަދި ނިކަމެތި މީސްތަކުންނަށް އުނދަގޫނުކުރާށެވެ. (ބައިބޯކަމެއްނެތި) އެކަހެރިކަމާއެކު އެކަން ކުރެވެން އޮތްނަމަ ކަލޭގެފާނު އެކަން ކުރައްވާށެވެ. އެހެންނޫންނަމަ އެއާއި އަރާހަމަވުމުން ޙަޖަރުލްއަސްވަދާއި ކުރިމަތިލާ ތަހްލީލްކިޔާ، ތަކްބީރުކިޔާށެވެ.

އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަބްދުއްރަޙްމާން ބިން ޢައުފަށް ހަދީސްކުރެއްވިއެވެ.

”އޭ އަބޫ މުޙައްމަދެވެ. ރުކުނުލްޔަމާނީގައި އިސްތިލާމްކުރުމުގައި ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟”

ޢަބްދުއްރަޙްމާން ބިން ޢައުފުވިދާޅުވިއެވެ. ”ފުރަތަމަ ފަހަރު އިސްތިލާމުކުރުމަށްފަހު (އޭގެ ފަހުން އައި ފަހަރުތަކުގައި) ދެން ދޫކޮށްލީއެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. ”ތިކަންކުރީ ރަނގަޅަށެވެ.”

އިބްނު ޢައްބާސް ވިދާޅުވިއެވެ. ”ރުކުނުގެ ކައިރީގައި މީހުންބައިބޯނަމަ، މަޑުނުކޮށް ކުރިއަށްދާށެވެ.”

 ކަޢުބާގެ ކަންތަކުގެ ތެރެއިން ދެކަނެއްގައި މެނުވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްތިލާމްނުކުރައްވައެވެ. އެއީ ޔަމަނާ ދިމާއަށް ވީ ދެ ކަނެވެ. ޙަޖަރުލް އަސްވަދާއި (ކަޢުބާގެ އިރުމަތީކަން) ކަޢުބާގެ ހުޅަނގުފަރާތު ކަނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުގެ ތެރޭގައި ޙަޖަރުލް އަސްވަދުގެ ކައިރިއަށް ވަޑައިގެންނެވި ކޮންމެ ފަހަރަކު އެކަލޭގެފާނު ތަކްބީރު ވިދާޅުވިކަމަށް ޘާބިތުވެފައިވެއެވެ. ރުކުނުލް ޔަމާނީއާ ޙަޖަރުލް އަސްވަދާ ދެމެދު އެކަލޭގެފާނު މިފަދައިން ވިދާޅުވާ ކަމުގައިވެއެވެ. {رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ} [البقرة: 201]  މާނައީ: “އަޅަމެންގެ ރައްބު، ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.

ދުނިޔެއާއި އާޚިރަތުން ތިމާ ބޭނުންވާކަންތައްތައް ފަހިކޮށްދެއްވުންއެދި ދުޢާކުރެވިދާނެއެވެ. ޤުރުޢާނާއި ސުންނަތުން ސާބިތުވާ ޝާމިލުދުޢާތައް ކުރުމަށް ވަކިން ޚާއްސަ ސަމާލުކަމެއް ބެހެއްޓުން ހުއްޓެވެ. ޤުރުޢާންކިޔެވުމާއި ޒިކުރުކުރުމުގައިވެސް މަޝްޣޫލުވެވިދާނެއެވެ. ޤުރުއާނާއި ސުންނަތުން ސާބިތުނުވާ، ތަވާފަށް ޚާއްސަ ދުޢާތަކޭ ކިޔައިގެން ހެދިފައިވާ ދުޢާތައް ކުރުމުން ދުރުވާންޖެހެއެވެ.

އަދި ތަވާފުކުރާމީހާ ތަވާފުކުރާއިރު މިތަނުގެ މަތިވެރިކަން ހިތްމައްޗަށްގެނެސް، މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއެކު ތަވާފުކުރުންހުއްޓެވެ. އަދި ތަވާފުކުރުމުގައި އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަންކުރުމުން، މިސާލަކަށް އަޑުބާރުކޮށް ދުޢާކުރުން، ފަދަ ކަންކަމުން ދުރުވާންޖެހެއެވެ. ޖަމާޢީކޮށް އަޑުވީއްލާދުޢާކުރުމަކީ ސުންނަތާއި ޚިލާފު، އަދި ނަހީވެގެންވާކަމެކެވެ.

އަދި ކެއުން ބުއިމާއި، ބޭކާރުވާހަކަދެއްކުންފަދަ ކަންކަމުން ދުރުވާންޖެހެއެވެ.

އަދި މިއަންނަނިވި ކަންކަމަކީ ތަވާފްކުރުމުގައި ނަހީވެގެންވާ ކަންކަމެވެ. އެއީ މިމަތިވެރި ޝިޢާރަށް ކުޑައިމީސްކޮށްހިތުމުގެ ތެރެއިންވާ ކަންކަމަށްވާތީއެވެ. އެކަންކަމަކީ ހުނުން، އެހެންމީހުންނަށް ފުރައްސާރަކުރުން، މަލާމާތްކުރުން، ޖަދަލުކުރުން، ބެލުން ޙަރާމް ތަންތަނަށް(ތިމާގެ މަޙްރަމްނޫން އެހެންފަރާތް ތަކުގެ ޢައުރައަށްވާ ހިސާބަށް) ބެލުން، އެހެންމީހުންނަށް އުނދަގޫކުރުން، ދުލުންވިޔަސް ނުވަތަ އަތުންވިޔަސް ނުވަތަ އެހެނިހެން ގުނަވަނަކުންވިޔަސް ޢަދާވާތްތެރިވެގަތުން ފަދަ ކަންކަމެވެ.

މުސްލިމުއަންހެނުން ވީވަރަކުން ޙަރަމްގެ ބައިބޯކަން ކުޑަ ވަޤުތުތައް ބަލާފައި އެ ވަޤުތުތަކުގައި ތަވާފުކުރުން ހުއްޓެވެ. ފިރިހެނުންނާ ބޮނޑިވެގަތުމުން ވީހާވެސް ބޮޑަކަށް ދުރުވާންޖެހެއެވެ.

އަދި އަޢުރަ ނިވާނުވާފަދަ ހެދުންލުމާއި، ގަޔަށް ބާރު، ވަނާތައްފާޅުވާފަދަ ހެދުންލުމުންވެސް ދުރުވާންޖެހެއެވެ.

ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.

ފަހެ ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އަދި އުރެދުމެއް އަދި އަރާރުންވުމެއްވެސް ނެތެވެ.’’

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.