. ހަރަމްފުޅަށްދާއިރު ވީހާވެސް ބޮޑަށް ސާފްތާހިރުވެގެން ރީތި ހެދުމުގައި ދިޔުން ހުއްޓެވެ. އަދި އެމިސްކިތުގައި އަޅުކަމައިގެން އުޅޭ މީހުންނަށް އުނދަގޫވެދާނެ ފަދަ އެންމެހައި އެއްޗަކުން ދުރުވުން ހުއްޓެވެ. މިސާލަކަށް ލޮނުމެދު، ފިޔާ، އަދި ސިނގިރޭޓް ފަދަ އެއްޗެހި ފާހަގަކޮށްލެވެއެވެ.
ޖާބިރުގެފާނު ރިވާކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ.
”ލޮނުމެދު ނުވަތަ ފިޔާ ކައިފިމީހާ ތިމަންމެނާ ދުރުވެގަންނަހުއްޓެވެ. ނުވަތަ ތިމަންމެންގެ މިސްކިތާއި ދުރުވެގަންނަހުއްޓެވެ. އަދި އެމީހަކު އެމީހެއްގެ ގޭގައި ހުންނަހުއްޓެވެ.”
އަދި ޖުޒާމްބަލިފަދަ ގައިންގަޔަށްއަރާބަލިތައް ޖެހިފައިވާ މީހުން އެމިސްކިތަށް ނުދިޔުން އެދެވިގެންވެއެވެ.
ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެރިބަކަރި ގެންގުޅޭ މީހަކަށް ހަދީސްކުރެއްވިއެވެ.
”ބަލިޖެހިފައިވާ ޖަނަވާރު ބަލިނުޖެހޭ ޖަނަވާރާއި ކައިރިނުކުރާށެވެ.” ކަންމިހެންހުރިއިރު، އިންސާނުންގެ މެދުގައި މިގޮތަށް ކަންކުރުން އަދި މާ އައުލާވެގެންވެއެވެ.
އެއްފަހަރަކު އުމަރުގެފާނު ތަވާފުކުރައްވަނިކޮށް ޖުޒާމްބަލި ޖެހިފައިވާ އަންހެނަކާއި ދިމާވިއެވެ. އުމަރުގެފާނު އޭނާއަށް ވިދާޅުވިއެވެ. ‘‘އޭ ﷲ ގެ އަޅާއެވެ. މީސްތަކުންނަށް އުނދަގޫ ނުކުރާށެވެ. ތިބާގެ ގޭގައި ތިބާ މަޑުކުރިނަމަ ކިހާރަނގަޅުހެއްޔެވެ؟”
4.ހަރަމްފުޅަށް އަންނަމީހާ އެތަނުގައިވާހިނދު އެކިއެކި އަޅުކަމުގައި ޝާމިލުވުން ހުއްޓެވެ. މިސާލަކަށް ތަވާފުކުރުން، ނަމާދުކުރުން، ޒިކުރުކުރުން، ދުޢާކުރުން، ޤުރުއާން ކިޔެވުން، އެހެންމީހުންނަށްޓަކައި ދުޢާކޮށްދިނުން، ކަމެއް ނޭނގިގެން އަހާމީހާއަށް ތިމާއަށް އެނގުނުވަރަކުން ބުނެދިނުން، ޢިލްމު އުނގެނުން، ޒިކުރުގެ މަޖްލިސްތަކަށް ހާޟިރުވުން އަދިވެސް މިފަދަ ކަންތައްތަކުގައެވެ. ދެން ބައެއް ވަގުތުތަކުގައި އެހެން މުސްކިމުތަކުންނާއި ހުއްދަ ބައެއް ވާހަކަތައްދެއްކުމުގައި ހޭދަކުރިޔަސް އެކަމުގައި މައްސަލައެއްނެތެވެ.
އެކަމަކު މުނިފޫހިފިލުވުމުގެ ގޮތުން ބޭކާރު ވާހަކަތައް ދެއްކުމުގައި ވަގުތުތައް ހޭދަކުރުމުން ދުރުވާން ޖެހެއެވެ. އަދި ކެއުމާއި ބުއިމާއި ގަދަޔަށް ހީހެދުމުން ދުރުވާންޖެހެއެވެ. އެއީ މިމާތް ތަނާއި އެކަށީގެން ނުވާކަންކަމަށް ވާތީއެވެ. އަދި ދެބައޮޑުވުމާއި، ނެތިމޮށުމާއި، ދޭތެރެޖެއްސުމާއި، އަދި އެހެން މީހުންނަށް އުނދަގޫކުރުންފަދަ ކަންކަމުގެ ނުބައިކަން އިތުރަށް ބޮޑުވެގެންދެއެވެ.
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.