- މަސްޖިދުލް ޙަރާމްއަށް އަންނަމީހާ އޭނާގެ ނިޔަތުގައި ވީހާވެސް ބޮޑަށް އިޚްލާޞްތެރިވުން ހުއްޓެވެ.
އަދި ދެއްކުންތެރިކަމާއި، މީހުން ގާތު ތިމާކުރި އަޅުކަންތަކުގެ ވާހަކަ ދެއްކުމުން ދުރުވާންޖެހެއެވެ.
އަދި އަޅުކަން ގިނައިން ވެވުމުން (މިސާލަކަށް އެތަކެއް ފަހަރަކު ޙައްޖުކުރެވުމުން) އެކަމާއިމެދު ފަޚުރުވެރިވެ އުޅެގެންނުވާނެއެވެ. އެއީ އަޅުގަނޑުމެން ކުރި އަޅުކަންތައް ޤަބޫލުވިކަން ނުވަތަ ނޫންކަން އެކަކަށްވެސް ނޭނގޭތީއެވެ. ދެއްކުންތެރިކަމަކީ ހެޔޮޢަމަލުތައް ބާޠިލްކޮށްލާކަމެކެވެ. އެއީ ކުޑަ ޝިރުކެވެ.
ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
”ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާތިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެތެރެއިންކަން ކަށަވަރެވެ.”
ހަދީޘްފުޅެއްގައިވެއެވެ.
”އެންމެހައި ޝަރީކުންކުރެ އެންމެބޮޑަށް ފުދިވޮޑިގެންވަނީ ތިމަން ﷲ އެވެ. ޢަމަލެއްކޮށް އެ ޢަމަލުގައި ތިމަން ﷲ އާއިއެކު ތިމަން ﷲ ނޫން ފަރާތެއް ޝަރީކުކޮށްފިމީހާ ދަންނައެވެ. އޭނާއާއި އޭނާގެ ޝިރުކު ތިމަން ﷲ ދޫކޮށްލައްވާހުށީމެވެ.”
އެހެން ހަދީޘެއްގައިވެއެވެ.
”މީހުންގެ ދޫމަތިން ތަޢުރީފާއި ސަނާ ލިބެން ބޭނުންވާ މީހާ، ﷲ ގެ ތަޢުރީފާއި ސަނާ ހޯދަން މަސައްކަތްކުރާށެވެ. އަދި ކަންދެއްކުމަށް ކަންކަންކުރާނަމަ، ﷲ އަށް ކަންދައްކާށެވެ.”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.