މަސްޖިދުލް ޙަރާމްގައި އިޢުތިކާފުކުރުމަކީ ސުންނަތެކެވެ.
ބަހުގެ ގޮތުން އިޢުތިކާފްގެ މާނައަކީ: ކަމެއް ކުރުމަށްޓަކައި ކޮންމެވެސް ތަނެއްގައި، ޤާއިމުވެ ހުންނަހުރުމެވެ.
އިޢުތިކާފްގެ އިޞްތިލާޙީ މާނައަކީ: ﷲ ތަޢާލާއަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ޤާއިމުވެ ހުރުމެވެ.
އިޢުތިކާފް ޝަރުޢުކުރައްވާފައިވާ ކަމުގެ ދަލީލު” title_size=”h3″ title_color=”title” separator_style=”double”]
ޤުރުއާނުން:
﴿وَلا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ﴾ البقرة/187
މާނައީ: “އަދި ތިޔަބައިމީހުން މިސްކިއްތަކުގައި އިޢުތިކާފަށް ތިބޭއިރު، ތިޔަބައިމީހުން އެކަނބަލުންނާއެކު ޖިމާޢު ނުވާހުށިކަމެވެ.”
﴿وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴾ البقرة/125
”އަދި އިބްރާހިމްގެފާނާއި އިސްމާއިލްގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ތަވާފްކުރާ މިހުންނާއި އަޅުކަންކުރުމަށް އިޢުތިކާފަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާމީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ތާހިރުކުރައްވާށެވެ.”
ފަހެ މަސްޖިދުލް ޙަރާމްގައި އިޢުތިކާފުކުރާމީހާ އެ އަޅުކަމުގެ ޙުރުމަތަށާއި އެތަނުގެ ޙުރުމަތަށް ރައްކާތެރިވާންޖެހެއެވެ. އަދި އޭނާގެ ވަޤުތުތައް އަޅުކަންކުރުމުގައި ހޭދަކުރަންޖެހެއެވެ. މިސާލަކަށް ތަވާފުކުރުމާއި، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރުކުރުމާއި، ދުޢާކުރުމާއި، އެހެންމީހުންނަށް ހެޔޮ ނަސޭޙަތް ދިނުމުގަޔާއި، ޢިލްމު އުނގެނުމާއި އަދިވެސް މިފަދަ ހެޔޮ ޢަމަލުތަކުގައެވެ. މިހެން އިޢުތިކާފަށް ހުންނަ ހުރުމުގައި ފޫހިފިލުވާލުމުގެ ގޮތުން ހުއްދަ ބައެއް ވާހަކަތައް ދައްކާލުމަކުން މައްސަލައެއްނެތެވެ. އަދި އިޢުތިކާފުކުރާމީހާ އިޢުތިކާފުގެ ރޫޙާއި މަޤްޞަދާއި ޚިލާފުކަންތައްތައް ކުރުމުން ދުރުވާންޖެހެއެވެ. މިގޮތުން ގިނަވަގުތު ނިދުމުގަޔާއި ވާހަކަދެއްކުމުގައި ވަގުތުހޭދަކުރުމާއި، ކާއެއްޗެހި ތައްޔާރުކުރުމުގަޔާއި އެހެންމީހުން އުޅޭނޫޅޭގޮތް ބެލުމުގައި ގިނަވަގުތުހޭދަކުރުންފަދަ ކަންކަމުން ދުރުވާންޖެހެއެވެ. އަދި އޭނާގެ އަތްދަބަހާއި ފޮށިތަންމަތި އެތަނުގައި އުޅޭ އެހެންމީހުންނަށް އުނދަގޫވާގޮތަށް ބެހެއްޓުމުން ދުރުވާންޖެހެއެވެ. އަދި ނަމާދުގެ ޤަމަތަށް މީސްތަކުން އިންތިޒާރުކުރާ ވަގުތު ނިދާފައިއޮތުމުންވެސް ދުރުވާންޖެހެއެވެ. ނިދާއިރު ނިދުމުގެ އަދަބުތަކާއި ސުންނަތްތަކާއި އެއްގޮތްވާ ގޮތުގެމަތިން ނިދަން ސަމާލުކަންދޭންވާނެއެވެ. މިގޮތުން ވުޟޫގެ މަތީގައި ކަނާތު އަރިކަށިމައްޗަށް އޮވެނިދުމާއި، ބަންޑުން އޮވެ ނުނިދުމާއި، ނަމާދު ވަޤުތުވުމުގެ ކުރިން ތައްޔާރުވެވޭހާ ވަގުތުއޮއްވާ ތެދުވުން ހިމެނެއެވެ.
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.