ނުބައި ކަމަކަށް މަގުފަހިވާ އެންމެހާ މަގުތައް ބަންދުކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް އަސާސެވެ. މިގޮތުން އެހެންމީހުން ފިތުނަވެރިކުރުވާފަދަ އެންމެހައި ކަމެއްކުރުމުން ދުރުހެލިވުން މުސްލިމު އަންހެނާއަށް ވާޖިބުވާނެއެވެ.
ތަވާފްކުރާއިރުގައްޔާއި ސަޢުޔުކުރާއިރު މަޑުދުވެލީގައި ދުވުން އަންހެނުންނަށް ޝަރުޢުވެގެންނުވަނީ މިހެންވެގެންނެވެ.
އަދި ގަޔަށްބާރު ހެދުމާއި ނިވާކަންކުޑަހެދުންލުމާއި އަތަރުލުމާއި، އަޑުގަދަކުރުމާއި، ފިރިހެނުންނާއި ގައިގޯޅިވުން ފަދަ އެންމެހައި ކަމަކުން ދުރުވާންޖެހެއެވެ. އަދި އަޢުރަ ނިވާކުރުމަށާއި، ފިރިހެނުންނާއި ގައިގޯޅިނުވުމަށް ސަމާލުކަންދޭންޖެހޭނެއެވެ. އަދި މުސްލިމު އަންހެނާ ދަންނަހުއްޓެވެ. މުސްލިމު އަންހެނާ ނަމާދުކުރުން އެންމެ މޮޅުއިތުރުވެގެންވަނީ ގޭގައެވެ. އިބްނު ޢުމަރު ރިވާކުރައްވައިފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘްކުރައްވައިފައިވެއެވެ.
”ތިޔަބައިމީހުން އަންހެނުން މިސްކިތަށް އައުން މަނާނުކުރާ ހުށިކަމެވެ. އަދި ގެތައް އެކަނބަލުންނަށް ހެޔޮކަންބޮޑުވެގެންވެއެވެ.”
އުއްމު ހުމައިދު ގެ އެއްފަހަރަކު ނަބިއްޔާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ކައިރިއަށް އައިސް ދެންނެވިއެވެ.
އޭ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމްގެފާނޭވެ. ތިމަން ކަމަނާ ކަލޭގެފާނާއި އެއްކޮށް ނަމާދުކުރުމަށް ލޯބިކުރަމެވެ.
ދެން ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސް ކުރެއްވިއެވެ. ކަމަނާ ތިމަންކަލޭގެފާނާއިއެކު ނަމާދުކުރުމަށް ލޯބިކުރައްވާކަން އެނގެއެވެ. ކަމަނާއެވެ. ކަމަނާ ގޯތި ތެރޭގައި ކުރާ ނަމާދު ކަމަނާ ގެ ކޮޓަރީގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި ގޭގައި ކުރާ ނަމާދު ކަމަނާގެ ކޮޓަރީގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. ކަމަނާގެ ގޭގައިކުރާ ނަމާދު ކަމަނާގެ ޤައުމުގެ މިސްކިތުގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި ކަމަނާގެ ޤައުމުގެ މިސްކިތުގައި ކުރާ ނަމާދު ތިމަންކަލޭގެފާނުގެ މި މިސްކިތުގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ.”
އާއިޝަތުގެފާނު ވިދާޅުވިއެވެ. ”ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމްއަށް (ނަމާދަށްދާ) އަންހެނުން ކަންތައްކުރާގޮތް އެނގިވަޑައިގަންނަވާނަމަ، އެކަލޭގެފާނު އެކަން(ނަމާދަށް އަންހެނުން މިސްކިތަށް އައުން) މަނާކުރީހެވެ. ބަނީއިސްރާއީލުންގެ އަންހެނުންނަށް މަނާވިފަދައިންނެވެ. ”
މި ޙުކުމް މިގޮތަށް އައިސްފައިވުމުގެ މަޤްޞަދަކީ އަންހެނުންނާއި ފިރިހެނުން މަސްހުނިވުން ކުޑަކުރުމަކީ ދީން ބާރުއަޅާކަމަކަށްވާތީއެވެ. އަދި އަންހެނުން މިސްކިތުގައި ނަމާދުކުރުން ދޫއެކުރަނީ ހަމައެކަނި ނަބިއްޔާ ޞައްލަﷲ ޢަލައިޙި ވަސައްލަމްގެ އިރުޝާދަށް ތަބާވުމުގެގޮތުން ކަމުގައިވާތީއެވެ. އަދި އަންހެނުން ގޭގައި ކުރާ ނަމާދު މިސްކިތުގައި ކުރާ ނަމާދަށްވުރެ މާތްކަމުގައި ވާތީއެވެ.
މިސްކިތަށްދާން ބޭނުންވެއްޖެ ކަމުގައިވާނަމަ، އަންހެނުން އަތަރު ނުލުން ހުއްޓެވެ. އަދި މީރުވަސްދުވާ އެއްޗެއްގެ އަސަރުހުރި ފޭރާމެއްވެސް ނުލުން ހުއްޓެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ.
“ތިޔަބައިމީހުން (އަންހެނުންކުރެ މީހަކު) މިސްކިތަށް ޙާޟިރުވާނަމަ، އަތަރުނުލާ ހުށިކަމެވެ. “
ހުވަނދުގެ ތެރޭގައި މީރުވަސްދުވާ އެންމެހާ އެއްޗެއް ހިމެނޭނެއެވެ. (ނޯޓް: ލޯޝަން ނުހިމެނޭނެއެވެ.) އެއީ މީރުވަސްދުވާ އެއްޗެހިން ޝަހްވަތްތެރިކަން އުފައްދާތީއެވެ. ފޭރާމުގެ ޗާލާކީކަމާއި ފެންނަންހުންނަ ގަހަނާއާއި ފާޅުވެފައިވާ ހަށިގަނޑުގެ ޒީނަތްތެރިކަމާއި އަންހެނުންނާއި ފިރިހެނުން މަސްހުނިވުމަކީވެސް ހަމަ މިގޮތަށް ޝަޙްވަތްތެރިކަން އުފެދުމަށް މެދުވެރިވާ ސަބަބުތަކެވެ.
އަންހެނުން މިސްކިތަށް ގޮސްފިނަމަ، ފަހަތު ސަފުތަކުގައި ނަމާދުކުރުން ހުއްޓެވެ. އެހެނީ އެއީ އެކަންބަލުންނަށް އެންމެ ސަވާބު ބޮޑު ގޮތެވެ.
އަބޫ ހުރައިރާ ރިވާކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވައިފައިވެއެވެ.
”ފިރިހެނުންނަށް އެންމެ ހެޔޮ ސަފަކީ އެންމެ ކުރީ ސަފެވެ. ފިރިހެނުންނަށް އެންމެ ނުބައި ސަފަކީ އެންމެ ފަހަތު ސަފެވެ. އަންހެނުންނަށް އެންމެ ހެޔޮ ސަފަކީ އެންމެ ފަހަތު ސަފެވެ. އަންހެނުންނަށް އެންމެ ނުބައި ސަފަކީ އެންމެ ފަހަތު ސަފެވެ.”
އަދި ނަމާދު ނިމުމުން އަންހެނުން ފިރިހެނުންނަށްވުރެ ކުރިން ނިކުންނަ ހުއްޓެވެ. ފިރިހެނުން ނިކުންނަން ފަށައިފިނަމަ، ފިރިހެނުންގެ ބައިބޯކަން ކުޑަވަންދެން މަޑުކުރުން ހުއްޓެވެ. އެއީ އެމީހުންގައި ޖެހި، މަސްހުނިވެވިދާނެކަމުގެ ބިރަށްޓަކައެވެ.
މަސްޖިދުލް ޙަރަމްއަށް ދާއިރު ވީހާވެސް ކުރީބައިގައި ދިޔުން ހުއްޓެވެ. އޭރުން ސުންނަތާއި އެއްގޮތަށް މަޑުމައިތިރިކަމާއެކު ހިނގާފައިގޮސް ނަމާދު ޤާއިމުކުރެވޭނެއެވެ. އަދި ނަމާދުކުރުމަށް އެކަށޭނެ ތަނެއް ހޯދޭނެއެވެ. ސަފު ހަދަމުން ގޮސް ނިމިފައިވަ ހިސާބުގައި އެމީހާ ހުއްޓުމުން ރަނގަޅުވާނެއެވެ. އަދި މީހުން ފަޅަމުން ކުރީ ސަފުސަފަށް އެރުމުން ދުރުވުން ހުއްޓެވެ.
ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ހަދީޘް ކުރައްވައިފައިވެއެވެ.
” އެންމެ ފުރަތަމަ ތިޔަބައިމީހުން ކުރީ ސަފު ފުރިހަމަ ކުރާށެވެ. ދެން ޖެހިގެން އޮތް ސަފެވެ. ފަހެ އުނިކަމެއްވާނަމަ ވާންޖެހޭނީ އެންމެ ފަހު ސަފުގައެވެ.”
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.