ފޮޓޯއާއި ސެލްފީ ނެގުމުގައި ބައެއް މީހުން މާބޮޑަށް މަޝްޢޫލުވެ އުޅޭ އުޅުމަކީވެސް މީސްތަކުންނަށް އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ބައެއްމީހުން އެމީހުންގެ އަމިއްލަ ފޮޓޯއާއި އަދި އެހެން މީސްތަކުންގެ ފޮޓޯތައް ނެގުމުގައި މަޝްޢޫލުވެއުޅެއެވެ. ފޮޓޯނެގުމަކީ ޚިލާފީ މައްސަލައެއް ކަމުގައިވީނަމަވެސް ޙަރަމްފުޅުގައި ފޮޓޯ ނަގާނެގުމުގައި ނޭދެވޭ އެހެން ބައެއް ކަންކަން ހިނގައެވެ. އެއީ:
-އެހެން މީހުންނަށް އުނދަގޫކުރެވުން
– ފޮޓޯނަގަން ބޭނުންނުވާ މީހުންގެ ފޮޓޯނެގެވުން
– ފޮޓޯއާއި ސެލްފީނެގުމުގެ ސަބަބުން ކަންދެއްކުމަށް މަގުފަހިވުން.
މިގޮތުން ބައެއް މީހުން އެމީހުން އަޅުކަންކުރަންތިބޭ ޙާލުގަޔާއި، ދުޢާކުރާ ޙާލުގަޔާއި އަދި އިހްރާމް ބަނދެގެންވާ ޙާލު ފޮޓޯނަގާ، މީހުންނަށް ފޮނުވާ، ފޭސްބުކުފަދަ ވިއުގަތަކަށްލައެވެ. އެހެންމީހުންގެ ތަޢުރީފު ހޯދުމަށްޓަކައި މިފަދައިން ތިމާކުރާ އަޅުކަންތައްތައް އިޝްތިހާރުކުރުމަކީ ދެއްކުންތެރިކަމެވެ. މިއީ ހުއްދަ ވެގެންވާ ކަމެއްނޫނެވެ.
ޙަރަމްފުޅުގައި ހިނގާ ނޭދެވޭ އަނެއްކަމަކީ ޙަރަމްފުޅަށް ކައިވެނި އަޤްދުކުރުމުގެ ބޭނުމުގައި އައުމެވެ.
އަދި އެކަމާއި ގުޅިގެން ކުރެވޭ އެހެން ކަންކަމެވެ. މިސާލަކަށް އެއެންމެން އެއްތަންވެ ޙަރަމްފުޅުގެ އެކިތަންތަނުގައި ގްރޫޕް ފޮޓޯ ނެގުންފަދަ ކަންކަމެވެ. މިއީ މިފަދަ މާތް ތަނަކަށް އިހާނެތިކޮށް ހިތުމުގެ ތެރެއިން ވާ ކަމެކެވެ. އަދި އެތަނަނުގެ ނާޖާއިޒު ބޭނުން ހިފުމުގެ ތެރެއިން ވާކަމެކެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށްވެސް އުނދަގޫވެއެވެ. ބައެއް މީހުން މިކަން ކުރަނީ މަސްޖިދުލް ޙަރަމްގައި ކައިވެނިކުރުމަކީ މާމާތްކަމެއް ދެކިގެންނެވެ.
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.