ޤަވާޢިދު: لَا إِنْكَارَ فِي مَسَائِلِ الاِجْتِهَادِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިޖުތިހާދީ މައްސަލަތަކުގައި އިންކާރުކުރުމެއް ނެތް}
މި ޤަވާޢިދުގެ މުރާދު: މި ތަނުގައި އިޖުތިހާދީ މައްސަލަތަކޭ ބުނެވިފައި އެވަނީ މުޢުތަބަރު ޚިލާފީ މައްސަލަތަކަށެވެ. އެފަދަ މައްސަލަތަކުގައި އިންކާރެއް ނުކުރެވޭނެއެވެ.
ދެން ފަހެ، މި ޤަވާޢިދުގައި ދެ ބަޔެއް އެބަ ހިމެނެއެވެ. ފުރަތަމަ ބަޔަކީ، އިޖުތިހާދީ މައްސަލަތަކެވެ. ދެވަނަ ބަޔަކީ، އިންކާރުނުކުރެވޭނެ ވާހަކައެވެ.
ޚިލާފީ މައްސަލަތައް ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ، މުޢުތަބަރު ޚިލާފުތަކަށާއި މުޢުތަބަރު ނޫން ޚިލާފުތަކަށެވެ. މުޢުތަބަރު ޚިލާފުތަކަކީ، ޞަރީޙަ ނައްޞެއް ނެތް އަދި އިޖުމާޢުވެސް ވެވިފައިނުވާ މައްސަލައެއްގައި، އިޖުތިހާދުގެ އަހުލުވެރިންގެ ތެރެއިން މުޢުތަބަރު (ބަރޯސާވެވޭ، އިތުބާރުކުރެވޭ) ބޭފުޅުންގެ ފުށުން ފާޅުވާ ޚިލާފު ނުވަތަ ޢިލްމީ އިޖުތިހާދެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އިޖުތިހާދުގެ އަހުލުވެރިންގެ ފުށުން ފާޅުވެފައިވާ، ޙުއްޖަތް ނަގާ ތަނުގައި ބާރުގަދަކަމެއްވާ، ޞައްޙަ ޙުއްޖަތެއް ލިބިގެންވާ ޚިލާފެވެ. މުޢުތަބަރު ނޫން ޚިލާފުތަކަކީ، ޙުއްޖަތް ނަގާ ތަނުގައި ބަލިކަށިކަން އެކުލެވިގެންވާ، އަދި އެހެނިހެން ވެސް ބަލިކަށި ސިފަތައް އެކުލެވިގެންވާ ޚިލާފެވެ. އެގޮތުން، މިސާލަކަށް، އެ ރައުޔަށް އެއްވެސް ދަލީލެއް ނެތުން ނުވަތަ އެއްވެސް އަޞްލެއް ވެސް ލިބިގެން ނުވުން، ނުވަތަ ޞައްޙަ ނައްޞުތަކުންނާއި ޞަރީޙަ ޤަވާޢިދުތަކުން އެ ރައުޔުގެ ބަލިކަށިކަމާއި ބީރައްޓެހިކަން އެނގި ހާމަވެފައިވުން، ނުވަތަ އެ މައްސަލައަކީ އަމިއްލަ ރައުޔު ނުވަތަ އިޖުތިހާދަށް އެއްވެސް ޖާގައެއް ނެތް މައްސަލައަކަށްވުމެވެ. މިފަދަ މައްސަލަތަކުގައި ޚިލާފުވެއްޖެނަމަ އެ ޚިލާފަށް އިންކާރުކުރެވޭނެއެވެ.
ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި އިންކާރުކުރުމުގައި ދަރަޖަތަކެއް ހުރެއެވެ. އޭގެ ތެރޭގައި:
- ޚިލާފުވާ ފަރާތަށް ޢިލްމީގޮތުން ރައްދުދިނުމާއި، އޭނާއަށް ނަޞީޙަތްދިނުމާއި، އެ ބުނުން ފެތުރުމާއި އެ ގޮތަށް ފަތުވާދިނުމުން އެއްކިބާވުމަށް އެދުމާއި، އެ ބުނުމުގެ ބަލިކަށިކަމާއި އެ ބުނުން ބިނާކުރި ޙުއްޖަތުގެ ބަލިކަށިކަން ބަޔާންކުރުމެވެ.
- އެ ރައުޔު ފާޅުކުރި ފަރާތަކީ މުޢުތަބަރު ނޫން ޚިލާފީ މައްސަލަތަކަށް ތަބާވުން މަންހަޖަކަށް ހަދާފައިވާ ފަރާތެއްކަން މަޝްހޫރުވެ އެނގިފައިވާ ފަރާތެއްނަމަ، އަދި އޭނާއަށް އެ މަންހަޖުގެ ގޯސްކަން ބަޔާންކޮށްދެވިފައިވާނަމަ، އޭނާގެ ކިބައިން ދުރުހެލިވެ ރައްކާތެރިވުމަށް ގޮވައިލުމެވެ.
- އެ ރައުޔު ފާޅުކުރީ ޝަރުޢީ ޤާޟީއެއްކަމުގައިވާނަމަ، އެ ރައުޔުގެ މައްޗަށް ބިނާކޮށް އޭނާ ކޮށްފައިވާ ޙުކުމް ބާޠިލުކުރުމެވެ.
އަދި ޚިލާފުވާ ފަރާތަށް އިންކާރުކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:
- އެ ރައުޔު ފާޅުކުރި ފަރާތަށް ފާޑުކިޔުން އަމާޒުކުރުމުގެ ބަދަލުގައި، އެ ރައުޔަށް ފާޑުކިޔުމެވެ.
- އެ ރައުޔަށް ފާޑުކިޔާއިރު، އެ ރައުޔާމެދު އަދި އެ ރައުޔު ފާޅުކުރި ފަރާތާމެދު ކަންތައް ބޮޑުނުކުރުމެވެ. އެގޮތުން، އެ ރައުޔާއި އެ ރައުޔުގެ އަހުލުވެރިޔާއަށް ލާޒިމުވާ ވަރަށްވުރެ ބޮޑަށް ކަންކަން ލާޒިމުނުކުރުމެވެ. އެހެނީ، ބައެއް ފަހަރު އެ ރައުޔުގެ މައްޗަށް ބިނާކޮށް، މިސާލަކަށް، އެ ރައުޔުގެ އަހުލުވެރިޔާއަކީ ޢަޤީދާގެ މައްސަލަ ހުންނަ ފަރާތެއްކަމުގައި ބުނެވޭތަން އާދެއެވެ.
މުޢުތަބަރު ޚިލާފީ މައްސަލައިގެ މިސާލަކީ، އަންހެނާގެ ގައިގައި ބީހުމުން ފިރިހެނާގެ ވުޟޫ ގެއްލޭނެކަމާމެދު އޮންނަ ޚިލާފެވެ. އަދި މުޢުތަބަރު ނޫން ޚިލާފީ މައްސަލައިގެ މިސާލަކީ، ރިބަވީ ބޭންކުތަކުން ލޯނުދީފައި އިންޓަރެސްޓްގެ ނަމުގައި ނުވަތަ އެހެންވެސް ނަމެއްގައި (ލޯނުދިނުމަށް ކުރި ޚަރަދަށްވުރެ އިތުރަށް) ނަގާ މިންވަރު ހުއްދަވާނެކަމަށް ބުނެ ނެރެވިފައިވާ ފަތުވާއެވެ.
= ނުނިމޭ =
_____________________
މަޞްދަރު: معلمة زايد للقواعد الفقهية والأصولية