ޤަވާޢިދު: لَا يُحْتَجُّ عَلَى الـمُجْتَهِدِ بِمَذْهَبٍ مِثْلِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް އެ ބޭފުޅާގެ މަޒުހަބުފަދަ މަޒުހަބެއް ޙުއްޖަތެއްގެ ގޮތުގައި ނުނެގޭނެ}
މި ޤަވާޢިދުގެ މުރާދު: އިޖުތިހާދުގެ ދަރަޖައަށް ފޯރާފައިވާ މުޖުތަހިދު ޢިލްމުވެރިޔާއަށް އެ ބޭފުޅާގެ ރައުޔުފަދަ ރައުޔެއް ހުށަހަޅައި، އެ ރައުޔަކީ އެ މުޖުތަހިދު ޢިލްމުވެރިޔާގެ ވެސް ރައުޔުކަމަށް ވާންޖެހޭނެކަމަކަށް ނުބުނެވޭނެއެވެ. އަދި އެ ރައުޔުގައި ހިފުމަށް އެ މުޖުތަހިދު ޢިލްމުވެރިޔާއަށް ލާޒިމެއް ނުކުރެވޭނެއެވެ. ސަބަބަކީ، އެ ބޭފުޅާ އެ ބޭފުޅާގެ އަމިއްލަ އިޖުތިހާދަށް ޢަމަލުކުރުން ވާޖިބުވެގެން ވާތީއެވެ. އަދި އެ ބޭފުޅާގެ އަމިއްލަ އިޖުތިހާދު ދޫކޮށް، އެހެން މީހެއްގެ އިޖުތިހާދަށް ތަޤުލީދުކުރުމީ އެ ބޭފުޅާގެ މައްޗަށް ޙަރާމްކަމަކަށް ވާތީއެވެ. އެހެންކަމުން، ޙުއްޖަތް ދައްކާ ހާލަތުގައި އަދި އިޚްތިލާފު އުފެދިގެންއުޅޭ ހާލަތުގައި، މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް އެ ބޭފުޅާ ދެކޭ ގޮތް ނޫން އެހެން ގޮތެއް އެ ބޭފުޅާގެ މައްޗަށްވާ ޙުއްޖަތެއްގެ ގޮތުގައި ނުނެގޭނެއެވެ. އަދި އެ ބޭފުޅާގެ ރައުޔާ ޚިލާފު ރައުޔުން ލާޒިމުކުރާ ކަންތައް އެ ބޭފުޅާގެ މައްޗަށް ލާޒިމެއް ނުކުރެވޭނެއެވެ. އަދި ހަމައެފަދައިން، ޚިލާފު އުފެދިފައިވާ ހާލަތްތަކުގައި އެ މުޖުތަހިދު ޢިލްމުވެރިޔާއަށް ތަބާވާ ފަރާތްތަކާއި ތަޤުލީދުކުރާ ފަރާތްތަކުގެ މައްޗަށް، އެބައިމީހުންނާ ޚިލާފުވާ ރައުޔުން ލާޒިމުކުރާ ކަންތައް ބޭނުންކޮށްގެން ޙުއްޖަތް ޤާއިމެއް ނުކުރެވޭނެއެވެ.
ގިނަ ޢިލްމުވެރިންގެ އަރިހުގައި، އިޖުތިހާދުގެ ދަރަޖައަށް ނުދާ ފަރާތްތަކަށް އޮތީ، ދީނުގެ ފަރުޢީ މައްސަލަތަކުގައި މުޖުތަހިދުންނަށް ތަޤުލީދުކުރުމެވެ.
އިޖުތިހާދުކުރުމުގެ ދަރަޖައަށް ފޯރާފައިވާ ފަރާތްތަކަށް ދެ ހާލަތެއް ވެއެވެ. ފުރަތަމަ ހާލަތަކީ، އެ ބޭފުޅާ އެ މައްސަލާގައި އިޖުތިހާދުކޮށްފައިވުމެވެ. މި ހާލަތުގައި އެހެން މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރުން އެ މުޖުތަހިދު ޢިލްމުވެރިޔާއަށް ހުއްދަވެގެން ނުވެއެވެ. އެހެންކަމުން، މި ހާލަތުގައި އެހެން ފަރާތެއްގެ ރައުޔާހުރެ އެ ބޭފުޅާގެ ރައުޔު ދޫކޮށްލުން އެ ބޭފުޅާއަށް ހުއްދަވެގެން ނުވެއެވެ. ދެވަނަ ހާލަތަކީ، އެ ބޭފުޅާ އެ މައްސަލާގައި އިޖުތިހާދުކޮށްފައިނުވުމެވެ. އެހެންވެއްޖެނަމަ، ޙުކުމަކީ ކޮބައިކަމާމެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. ގިނަ އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، މި ހާލަތުގައި ވެސް އެ ބޭފުޅާ އެ ބޭފުޅާފަދަ އެހެން މުޖުތަހިދެއްގެ ރައުޔަށް ތަޤުލީދުކުރުން ހުއްދަވެގެން ނުވެއެވެ. އެހެންކަމުން، މި ހާލަތުގައި ވެސް އެހެން ފަރާތެއްގެ ރައުޔާހުރެ އެ ބޭފުޅާގެ ރައުޔު ދޫކޮށްލުން އެ ބޭފުޅާއަށް ހުއްދަވެގެން ނުވެއެވެ.
އެ މުޖުތަހިދު ޢިލްމުވެރިޔާގެ ރައުޔުފަދަ ރައުޔަކަށް ވާނީ، އެ މައްސަލައަކީ އިޖުތިހާދީ މައްސަލައަކަށްވެފައި، އެ ކަމާ ގުޅޭ ޞަރީޙަ ޞައްޙަ ނައްޞެއް ނެތިފައި، އެ ކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އިޖުމާޢު ވެސް ވެވިފައިނުވާނަމައެވެ. އެހެންކަމުން، އެ މުޖުތަހިދު ޢިލްމުވެރިޔާގެ ރައުޔާ ޚިލާފަށް ރައުޔު ގެންނަ ފަރާތުގެ ރައުޔަކީ ޤަޠުޢީ ދަލީލެއްގެ މައްޗަށް ބިނާވެފައިވާ ނުވަތަ އިޖުމާޢުގެ މައްޗަށް ބިނާވެފައިވާ ރައުޔެއްނަމަ، އެ ރައުޔަކީ އެ މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށްވާ ޙުއްޖަތެކެވެ. އަދި އެ ހާލަތުގައި އެ ބޭފުޅާގެ ރައުޔު ދޫކޮށް އެ ރައުޔަށް ތަބާވުން ލާޒިމުވާނެއެވެ. ސަބަބަކީ، އެ ހާލަތުގައި އަނެއް ރައުޔަކީ އެ މުޖުތަހިދު ޢިލްމުވެރިޔާގެ ރައުޔުފަދަ ރައުޔަކަށް ނުވާތީއެވެ. އަދި އެ ޙާލަތުގައި ބެލެވޭހުށީ، އެ ބޭފުޅާއަށް އެ ތަބާވެވެނީ ދަލީލަށްކަމުގައެވެ. އެ ބޭފުޅާފަދަ އެހެން މުޖުތަހިދެއްގެ ރައުޔަކަށް ތަބާވަނީކަމުގައެއް ނުބެލެވޭނެއެވެ. ހަމައެފަދައިން، އެ ރައުޔަކީ އޭގެ ދަލީލާއި ދަލީލުނަގާފައިވާ ތަން ބަލިކަށިވުމުގެ ސަބަބުން އެ ރައުޔު ބާޠިލުވާފަދަ ރައުޔެއް ކަމުގައިވާނަމަ، އެ ރައުޔުގައި ހިއްޕަވާ މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް އެ ރައުޔާ ޚިލާފުވާ މުޖުތަހިދު ޢިލްމުވެރިޔާގެ ޙުއްޖަތް ޙުއްޖަތަކަށް ވާނެއެވެ.
= ނުނިމޭ =
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}