ސުންނަތުގައި ހިއްޕެވުން
أبو نعيم ވިދާޅުވިއެވެ.
“އިމާމު އަޙްމަދު ބުން ޙަންބަލް އަކީ އިމާމުކަމުގައި ތަނބެއްފަދަ ބޭފުޅެކެވެ. އެއީ ޙަދީޘްތަކަށް ތަބާވުމުގައި އެކަލޭގެފާނު ދެއްކެވި ނަމޫނާއާއި ހެޔޮމީހުންނާއެކު އެކަލޭގެފާނު މުލާޒަމާ ވީތީއެވެ. އެކަލޭގެފާނު ޙަދީޘްތަކަށް ޢަމަލުނުކޮށް ދޫކޮށްލާތަނެއް ނުފެންނާނެއެވެ. އަދި ޙަދީޘްތަކުގެ މައްޗަށް އެކަލޭގެފާނުގެ ބުއްދި މާފުރިހަމަ ކަމުގައި ނުދެކޭނެއެވެ. ޙަދީޘްތައް ހިތުދަސްކުރުމުގައި އެކަލޭގެފާނަކީ ކަނޑެއްފަދަ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ ޙަދީޘްގެ ޢިލަލްގައާއި ތަޢުލީލު ކުރުމުގައި ފުންވެގެންވާ ކަނޑެކެވެ.”[1]
عبد الملك الميموني ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އަޙްމަދު ބުން ޙަންބަލްއަށްވުރެ ހެޔޮވެގެންވާ ބޭފުޅެއް ތިމަންކަޭގެފާނުގެ ދެލޮލުން ނުދެކެމެވެ. އަދި މުޙައްދިޘުންގެ ތެރެއިން، އެކަލޭގެފާނަށްވުރެ ބޮޑަށް ﷲ ޙުރުމަތްތެ ކުރައްވާފައިވާ ކަންތައްތަކާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް މަތިވެރިކުރައްވާ ބޭފުޅެއްވެސް ދެކިވަޑައި ނުގަންނަވަމެވެ. އެކަލޭގެފާނުގެ އަރިހުން ޙަދީޘެއް ޞައްހަވެއްޖެނަމަ އިމާމު އަޙްމަދު އަށްވުރެ ވަރުގަދައަށް ޙަދީޘްގައި ހިއްޕަވާ ބޭފުޅެއްވެސް ދެކިވަޑައި ނުގަންނަވަމެވެ.”[2]
އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވިއެވެ.
“ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޙަދީޘްފުޅެއް، އެ ޙަދީޘްފުޅަކަށް ޢަމަލު ނުކުރައްވާ ތިމަންކަލޭގެފާނު ނުލިޔުއްވަމެވެ. ތިމަންކަލޭގެފާ ހަމައަށް އައި ޙަދީޘްފުޅެއްގައި ވިއެވެ. (أن النبي صلي الله عليه وسلم احتجم, وأعطى أبا طيبة دينارا) [3] މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިޖާމާޖެއްސެވިއެވެ. އަދި އަބޫ ޠައިބާއަށް (ހިޖާމާ ޖަހާދެއްވި ބޭފުލާއަށް) ދީނާރެއްދެއްވިއެވެ.)” (ދެން ތިމަންކަލޭގެފާނު ހިޖާމާ ޖައްސަވާ، އަދި) ހިޖާމާ ޖަހާދެއްވި ބޭފުޅާއަށް ދީނާރެއް ދެއްވީމެވެ.” މިކަމާ އުފާކުރައްވާ ތިންދުވަސް ވާންދެން އެކަލޭގެފާނު އެކަން ފާހަގަކުރެއްވިއެވެ. [4]
އިމާމް އަޙްމަދުގެ ދަރިކަލުން عبد الله بن أجمد ވިދާޅުވިއެވެ.
“ސަތޭކަ ޙަދީޘަށް ވުރެ ގިނަނަމަ، ފޮތަކާއި ނުލައި ތިމަންކަލޭގެފާނުގެ ބައްޕަ ދުވަހަކުވެސް ޙަދީޘް ކިޔާނުދެއްވައެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ޝާފިޢީގެފާނު ވިދާޅުވިއެވެ.
“އޭ އަބޫ ޢަބްދުﷲ އެވެ. ތިޔަބައިމީހުންގެ އަރިހުގައި ޙަދީޘެއް ޞައްޙަވެއްޖެނަމަ ތިމަންބޭކަލުންނަށް އެކަމުގެ ޚަބަރުދެއްވާށެވެ. އެއީ ތިމަންބޭކަލުން އެޙަދީޘަށް ރުޖޫޢަވުމަށެވެ. ޞައްޙަކުރުމުގެ ޚަބަރުތައް ތިމަންބޭކަލުންނަށްވުރެ ބޮޑަށް ތިޔަބައިމީހުން ދަންނަމުއެވެ. ފަހެ ކޫފާގެ އަހުލުވެރިއެއްގެ ކިބައިންވިއަސް ބަޞަރާގެ އަހުލުވެރިއެއްގެ ކިބައިންވިއަސް އަދި ޝާމުގެ އަހުލުވެރިއެއްގެ ކިބައިންވިއަސް، ޞައްޙަ ޚަބަރެއްނަމަ ތިމަންބޭކަލުންނަށް ޚަބަރުދެއްވާށެވެ.”[5]
(ނުނިމޭ)
[1] أبو نعيم في الحلية (9/221)
[2] المنهج الأحمد (1/24)
[3] رواه البخاري ومسلم
[4] المنهج الأحمد (1/24)
[5] سير أعلام النبلاء للذهبي (11/214213,)