އައްޝައިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ رحمه الله ވިދާޅުވިއެވެ.
ޤުރުއާނުގައި އައިސްފައިނުވާ ކަމެއް ސުންނަތުގައި އައުން ދެ ދަރަޖައަކަށް ބެހިގެންވެއެވެ.
ފުރަތަމައީ: އިތުރުވި ކަމަކީ ކުރިން އައިސްފައިވާ ނައްޞުގެ ޝަރުޠަކަށް ނުވުން.
އޭގެ މިޘާލަކީ މީހަކާ ނުއިނދެ (ޒިނޭކުރި) މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށް އައިސްފައިވާ ޙުކުމުގެ އިތުރަށް އަރުވާލަން އައިސްފައިވާ ޙުކުމެވެ.
ދެވަނައީ: އިތުރުވި ކަމަކީ ކުރިން އައިސްފާކަމުގެ ޝަރުޠަކަށްވުން.
މިދެދަރަޖައަށް ރަނގަޅަށް ބެލުމުން އެނގިގެންދަނީ މިދެދަރަޖައިގައިވެސް އެއް ޙުކުމެއްވާކަމެވެ.
ފުރަތަމަ ދަރަޖާގައި އެވަނީ އޭގެ ބަޔެއް އިތުރުކުރެވިފައެވެ. ދެވަނަ ދަރަޖާގައި އެވަނީ އޭގެ ޝަރުޠެއް އިތުރުކުރެވިފައެވެ. އެދެކަމުގައިވެސް ވަނީ އެއްޙުކުމެކެވެ. އެހެނީ އަރުވާލުމަކީ އެޢުޤޫބާތުގެ ތެރޭގައި ހިމެނޭ ބައެކެވެ. ޙައްދުޖެހުމުގެ އިތުރަށް އެކަން ލެއްވުމީ ޢުޤޫބާތް އިތުރުވެގެންދާ ކަމެއްކަން ސާފުކޮށް އެނގެއެވެ.
ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބަކީ މިފަދައިން ކަމެއް އިތުރުވުމުން އެއީ ނާސީޚުކުރާ ނައްޞެއްކަމުގައި ނުދެކުމެވެ. – ބޮޑަށް ބުރަވެވެނީވެސް މިފަދައިންނެވެ. – އެހެނީ އޭގެން ކުރީގެ ޙުކުމް އުފުލިގެން ނުދާތީއެވެ. އޭގެން ނެތިގެން ދިޔައީ ދަލީލެއް އަންނަންދެން ޒިންމާއިން ބަރީއަވެފައި އޮތް އޮތުމެވެ. މިތަނުގައި އިތުރުވެފައިވާ ނައްޞުގެ ސަބަބުން އެ އިތުރުވީ ކުރީގެ ނައްޞުގައި ބަޔާންކޮށްފައި ނުވާކަމެކެވެ. އަދި ކުރީގެ ނައްޞުގައިވާކަމެއް ޞަރީޙަކޮށް ޘާބިތެއްވެސް އަދި ނަފީއެއްވެސް ފަހު ނައްޞަކުން ނުކުރެއެވެ.
މިކަމުގައި ޚިލާފުވެވަޑައިގެންފައިވަނީ އިމާމު އަބޫ ޙަނީފާ – رحمه الله – އެވެ. ޞައްޙަ ޙަދީޘް އައިސްފައިވީ ނަމަވެސް އަރުވާލުމަކީ ޙައްދުގެ ބައެއްކަމުގައި އެކަލޭގެފާނު ދެކިވަޑައިނުގަންނަވައެވެ. ވިދާޅުވިއެވެ.
“ޙައްދުޖެހުމަކީ އެކަމުގެ ޙައްދުކަމުގައި ފުއެވެ. ނަމަވެސް އަރުވާލުމަށް އައިސްފާވާ ނައްޞުން ދަލީލު ކުރަނީ ހަމައެކަނި ޙައްދުޖެހުމުން ނުފުދޭ ކަމެވެ. ޙައްދު ޖެހުމާއެކު އަރުވާލަން ޖެހޭކަމެވެ. އެހެންކަމުން މީގެން ދޭހަކޮށްދެނީ ކުރީގެ ޙުކުމް މަންސޫޚުވާކަމެވެ. އެހެނީ ޙައްދު ޖެހުމަކީވެސް އޭގެ ޛާތުގައި ޙައްދެއްގެ ގޮތުގައި ފުދޭނެ ފުރިހަމަ ޙުކުމެކެވެ.”
އެކަލޭގެފާނު މިކަން ބިނާކޮށްފައި އެވަނީ އާޙާދު ޙަދީޘަކުން މުތަވާތިރު ޙަދީޘެއް މަންސޫޚު ނުވާނެކަމުގެ މައްޗަށެވެ. އެހެނީ ޙައްދު ޖެހުމުގެ އާޔަތަކީ މުތަވާތިރު ނައްޞެކެވެ. އަދި އަރުވާލުމާ ގުޅޭ ޙަދީޘްތަކަކީ އާޙާދު ޙަދީޘްތަކެކެވެ. ކޮންމެއަކަސް އެކަލޭގެފާނުގެ މަޤްޞަދަކީ ފަހުން އައި ނައްޞަކީ ނާސީޚުކުރުވާ ނައްޞެއްކަމުގައި ވިޔަސް އާޙާދު ޙަދީޘަކުން މުތަވާތިރު ނައްޞެއް މަންސޫޚުވެގެން ނުދާނޭކަމެވެ.
ހަމައެފަދައިން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ހުވާއާއި ޡިހާރުގެ ކައްފާރާއެއްގެ ގޮތުގައި އެމިނިވަންކުރެވޭ އަޅަކީ މުއުމިނަކަށްވުން ޝަރުޠުކުރުމަކީ އެއީ އަދި ޙުކުމް މަންސޫޚުވުމެއް ނޫނެވެ. އެކަމުގައި އެފަދައިން އެކުރަނީ މުޠުލަޤު ކަލިމައެއްގެ މައްޗަށް މުޤައްޔަދު ކަލިމައެއް ގެނެސް އެގޮތަށް މާނަކޮށްގެނެވެ.
(މިމައްސަލާގައި މުޠުލަޤު ކަލިމައަކީ ހުވައާއި ޡިހާރުގެ ކައްފާރާއެއްގެ ގޮތުން އަޅަކު މިނިވަން ކުރުމަށް ބަޔާންކުރެވިފައިވާ ކަލިމައެވެ.
އަދި މުޤައްޔަދު ކަލިމައަކީ އޮޅިގެން މީހަކު މަރާލެވޭ މީހާގެ ކައްފާރާއެއްގެ ގޮތުގައި މުއުމިނު އަޅަކު މިނިވަންކުރަން އައިސްފައިވާ ކަލިމައެވެ.)
ނަމަވެސް އެފަދައިން ކަލިމައެއް އިތުރުކުރުމަކީ މަންސޫޚުކުރުންކަމުގައި ދެކިވަޑައިގަންނަވާތީ އިމާމު އަބޫ ޙަނީފާ އެފަދައިން ވިދާޅުނުވެއެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދައިން ނައްޞުގެ ފަހުން އަންނަ ޙަދީޘް އާ ފުރަތަމަ ނައްޞާ ތަޢާރުޟެއް ނުވާކަމުގައެވެ. މިގޮތުން ނާސިޚު އާއި މަންސޫޚާ ދެމެދުގައި އެކަތި އަނެކަތި ނަފީކުރުން ހިމެނެން ޖެހެއެވެ. ހަމައެއާއެކު އެކަތި ޘާބިތުކުރުމުން އަނެކަތި ނަފީވުން ލާޒިމުވެ އެދެ ނައްޞުގެ މާނަ ޖަމާ ނުކުރެވުން ލާޒިމުވެއެވެ. [1]
= ނުނިމޭ =
[1] انظر: مذكرة الشيخ محمد الأمين في أصول الفقه ص: ۷٥- ۷۷.