ވިހެއުމަށްފަހު ހަތްދުވަސްފުރުމުން ފިރިހެން ކުދިންގެ ބޯ ބޭލުމަކީ ސުންނަތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. ނަމަވެސް އަންހެން ކުދިންގެ ބޯ ބޭލުމާމެދު ދަންނައެވެ. އެކަމުގައި ދެބަސްފުޅެއްވެއެވެ.
ފުރަތަމައީ: ފިރިހެން ކުދިންގެ ބޯބާލާފަދައިން އަންހެން ކުދިންގެ ބޯބޭލުމެވެ. މިއީ މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ހަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން [1]ބުރަވެވަޑައިގެންފައިވާ، ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ:
((إذا كان يوم السابع للمولود فأهريقوا عنه دما وأميطوا عنه الأذى، وسموه)) [2]
މާނައީ: “ކުއްޖާއަށް ހަތްދުވަސްފުރޭ ދުވަހު ފަހެ އޭނާގެ މަތިން އެއްޗެއް ޛަބަޙަކުރާށެވެ. އަދި އޭނާގެ ކިބައިގައިވާ ހަޑި (އެބަހީ: ބޮލުގެ އިސްތަށިތައް) ފިލުވާލާށެވެ. އަދި ނަން ކިޔާށެވެ.”
ދެވަނައީ: ބޯބޭލުމަކީ ފިރިހެން ކުދިންނަށް ޚާއްޞަވެގެންވާކަމެކެވެ. މިއީ ޙަންބަލީ މަޛްހަބުގެ ބަހެވެ. އެހެނީ ޙަދީޘްގެ ލަފްޡުގައި އައިސްވަނީ غلام (އެބަހީ: ފިރިހެން ކުއްޖާ) މިފަދައިންނެވެ. އޭގައި އަންހެން ކުދިން ނުހިމެނޭނެއެވެ. [3]
މީގެ ތެރެއިން ފުރަތަމަ ބަސްފުޅަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން ވިދާޅުވަނީ ސަމުރާގެފާނުގެ އެޙަދީޘްގައި އައިސްފައިވާ غلام (އެބަހީ: ފިރިހެން ކުއްޖާ) އެލަފްޡަކީ ފިރިހެން ކުދިންނަށް އެކަން ޚާއްޞަކުރުމަށް އައިސްފައިވާ ލަފްޡެއް ނޫނެވެ. އެހެނީ އެޙަދީޘްގައި ނަންކިޔުމާ ޢަޤީޤާ ކަތިލުމަށް އައިސްފައިވާ ބައިގައި ދެބައިމީހުންވެސް ޝާމިލުވެއެވެ. ބޯ ބޭލުންވެސް އެފަދައެވެ. މިބަސްފުޅަށް އިމާމު ޞަންޢާނީ ބުރަވެވަޑައިގަންނަވައެވެ. އެގޮތުން ސަމުރާގެފާނުގެ ޙަދީޘް އާ ބެހޭގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ.
“އެބަސްފުޅުން ބުރަވެވެނީ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ބޯ ބޭލުމަށް އެބަސްފުޅު ޢާންމުވެގެންވާކަމެވެ.” [4]
މިކަމަށް އިތުރަށް ބާރުދޭ ކަމަކީ ހަމަކަށަވަރުން ވިހާ ކުއްޖެއްގެ ކިބައިން أذى (އެބަހީ: ހަޑިކަން) ފިލުވާލުމަށް ރަސޫލާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ. – އެކަންވަނީ އިސްވެ ބަޔާންވެފައެވެ. – އެގޮތުން ބައެއް ޢިލްމުވެރިން ތަފްސީރުކުރައްވާފައިވާ ގޮތުގައި أذى އަކީ ބޮލުގެ އިސްތަށިތަކާއި ވިހެއުމުގެ ސަބަބުން އެއާ ގުޅިފައިވާ ތަކެއްޗެވެ. އެގޮތުން ހަމައެކަނި ފިރިހެން ކުދިންނަށް އެފަދައިން ޢަމަލުކޮށް އަންހެން ކުދިން ދޫކޮށްލުމެއް އޭގެން ދޭހައެއް ނުވެއެވެ.
والله تعالى أعلم.
މަޞްދަރު: منحة العلام في شرح بلوغ المرام / لعبد الله بن صالح الفوزان
_________________________________________________
[1] المجموع (8 / 432) ، الشرح الكبير بحاشية الدسوقي ( 2 / 126 ) ، فتح الباري ( 9 / 510 ) ، الإنصاف ( 4 / 111)
[2] رواه الطبراني في الأوسط ( 2 / 526 ) ، އަދި ފަތްޙުލް ބާރީގައި އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ. މިޙަދީޘްގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެކެވެ.
[3] المغني (13 / 397 ) ، الإنصاف ( 4 / 111)
[4] سبل السلام ( 4 / 203 )