ޤަވާޢިދު: الفَتْوَى عَلَى خِلَافِ النَّصِّ أَو الإِجْمَاعِ بَاطِلَةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞާ ނުވަތަ އިޖުމާޢުއާ ޚިލާފުވާ ގޮތަށް އޮތް ފަތުވާ ބާޠިލުވެގެންވޭ}
މި ޤަވާޢިދުގެ މުރާދު: ވަކި މައްސަލައެއްގައި މުފްތީއަކު ފަތުވާއެއް ނެރުނުއިރު، އެ ފަތުވާ އޮތީ އެ މައްސަލާގައި ވާރިދުވެފައިވާ ނައްޞުތަކާއި އަދި އެ މައްސަލާގައި ވެވިފައިވާ އިޖުމާޢުއާ ޚިލާފަށް ކަމުގައިވާނަމަ، އެ ފަތުވާއަކީ ބާޠިލު، އޭގައި އެއްވެސް އަގެއްނެތް އެއްޗެކެވެ. މި ތަނުގައި ނައްޞުގެ މުރާދަކީ، ސާބިތުވުމުގައި ވެސް އަދި ދަލީލުކޮށްދިނުމުގައި ވެސް ޤަޠުޢީވެފައިވާ އާޔަތް ނުވަތަ ޙަދީޘެވެ.
މިސާލަކަށް، ޣައިރު މުޙްޞަނަކު ޒިނޭކުރުމުން ޙައްދުގެ ގޮތުގައި ޖަހަންޖެހޭނީ ފަންސާސް އެތިފަހަރުކަމުގައި ބުނެ ފަތުވާދިނުމެވެ. މި ހާލަތުގައި އެ ފަތުވާ ވާހުށީ ބާޠިލު އެއްޗެއްކަމުގައެވެ. އެހެނީ، ޣައިރު މުޙްޞަނަކު ޒިނޭކުރުމުން ޙައްދުގެ ގޮތުގައި ޖަހަންޖެހޭނީ ސަތޭކަ އެތިފަހަރުކަން ޤަޠުޢީކޮށް ސާބިތުވެފައިވާތީއެވެ. ސާބިތުވުމުގައި ޤަޠުޢީވެފައިވަނީ، އެކަން އެނގުނީ ޤުރުއާނުގެ އާޔަތަކުން ކަމުގައިވާތީއެވެ. ޤުރުއާން ސާބިތުވެފައިވަނީ ޤަޠުޢީކޮށެވެ. ދަލީލުކޮށްދިނުމުގައި ޤަޠުޢީވެފައިވަނީ، ވަކި އަދަދެއް ބަޔާންކޮށް އެ އަދަދަށް ޖެހުމަށް އެންގެވުމުގެ ސަބަބުން އެއްވެސް ޝައްކަކަށް ފުރުޞަތުލިބިފައިނުވާތީއެވެ.
ދެން ފަހެ، ތިމާއަށް ފަތުވާ ދެވިފައިވަނީ ނައްޞާއި އިޖުމާޢުއާ ޚިލާފަށް ކަމުގައި އެނގި ބަޔާންވެއްޖެނަމަ، އަދި ޙައްޤު ގޮތަކީ ކޮބައިކަން ފާޅުވެ އެނގިއްޖެނަމަ، މުފްތީއަށް ލާޒިމުވެގެންވަނީ އޭނާގެ ފަތުވާއިން ރުޖޫޢަވެ، އޭނާއަށް ކުޅަދާނަ މިންވަރަކުން އެ މައްސަލައިގެ ރަނގަޅު ގޮތް މީސްތަކުންނަށް ބަޔާންކުރުމެވެ. ރިވާވެގެންވާ ގޮތުން، ކައިވެނިކުރުމަށްފަހު އަނބިމީހާ ގާތަށް ވަނުމުގެ ކުރިން އަނބިމީހާ ވަރިކޮށްފި މީހާއަށް ފަހުން އެ ވަރިކުރެވުނު އަންހެނާގެ މަންމައާ ކައިވެނިކުރުން ހުއްދަވާނެކަމަށް ވިދާޅުވެ ކޫފާގައި އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު މީހަކަށް ފަތުވާދެއްވިއެވެ. އެހެންވެ، އެ މީހާ އެ އަންހެނާގެ މަންމައާ ކައިވެނިކުރިއެވެ. ދެން، އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު މަދީނާއަށް އެނބުރި ވަޑައިގެންނެވުމުން، އެ ފިރިހެނާއަށް އެ އަންހެނާގެ މަންމައާ ކައިވެނިކުރުން ހުއްދަނުވާނެކަން އެނގިވަޑައިގަތުމުން، އަލުން ކޫފާއަށް ވަޑައިގެން، އެ މީހާ ހޯއްދަވައި، އެ ދެ މީހުންގެ ކައިވެނި ރޫޅައިލެއްވިއެވެ.
ފަތުވާދިނުމުގައި ނައްޞާއި އިޖުމާޢުއާ ޚިލާފުވާން ބޭނުންނުވާ ފަރާތަށް އޮތީ، ފަތުވާދިނުމުގައްޔާއި ފިކުރުހިންގުމުގައްޔާއި އިސްތިންބާޠުކުރުމުގައި ބޭނުންކުރެވޭ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމެވެ. ޚާއްޞަކޮށް، ނައްޞުތަކުގެ ދަރަޖަތައް ދެނެގަނެ، އޭގެ ތެރެއިން ޤަޠުޢީ ތަކެއްޗާއި ޡައްނީ ތަކެތި ވަކިކޮށް ދެނެގަތުމެވެ. އަދި އިޖުމާޢުވެވިފައިވާ ކަންކަމާއި އިޖުމާޢުތަކުގެ ދަރަޖަތައް ދެނެގަތުމެވެ. އަދި މިކަމަށް ނަފްސު ތަމްރީނުކުރުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =