އަދި މި ދެ ޝަރުޠަކީ، ސުންނަތް ނަޤްދުކުރުމުގެ އަސާސެވެ. އަދި ކިއެއްހެއްޔެވެ! އެއީ، އާންމު އުޞޫލަކުން ބަލާއިރު، އެންމެހައި ޚަބަރުތައް ނަޤުދުކުރުމުގެ ވެސް އަސާސެވެ. އެހެންކަމުން، ޚަބަރެއް ނަޤުލުކުރާމީހާއީ، ދޮގުހެދުމުން އެއްކިބާވެފައިވާ މީހަކު ކަމުގައިވެފައި، އަދި އޭނާއަށް ލިބޭ ޚަބަރުތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އަނެކުންނަށް ފޯރުކޮށްދެވޭފަދަ ضَبْطُ އެއް ހުރި މީހަކު ކަމުގައި ވާނަމަ، އޭނާ ގެންނަ ޚަބަރުތައް ޤަބޫލުކުރުން ވާޖިބުވާނެއެވެ.
އަދި ވިސްނައި ފިކުރުހިންގައިލުމުން، ޞައްޙަ ޙަދީޘުގެ ޝަރުޠުތަކުގެ ތެރެއިން މި ދެ ޝަރުޠު ނުލައި ދެން އޮންނަ ތިން ޝަރުޠު ވެސް، އެ ތިން ޝަރުޠަކީ: ސަނަދު ގުޅިފައިވުމާއި عِلَّةُ އެއް ނެތުމާއި شَاذُّ ކަމެއް ނެތުން، މި ދެ ޝަރުޠަށް އާޚިރުގައި ރުޖޫޢަވެއެވެ. އެހެނީ، ސަނަދު ގުޅިފައިވުން ޝަރުޠުކުރެވިފައިވަނީ، ރިވާޔަތް ނަޤުލުކުރާ ފަރާތުގެ ޢަދުލުވެރިކަމާއި ضَبْطُ ދެނެގަތުމުގެ ބޭނުމުގައެވެ. އެހެނީ، ސަނަދުގައި އޮންނަންޖެހޭ ނަމެއް ބަޔާންކުރެވިފައި ނުވާ ޙާލަތުގައި އެއީ ޢަދުލުވެރިއެއްކަމެއް ضَبْطُ ހުރި ރާވީއެއްކަމެއް ނޭނގޭނެއެވެ. ފަހަރުގައި، އެއީ ޢަދުލުވެރިކަން ނެތް އަދި ضَبْطُ ވެސް ފުރިހަމަނޫން ރާވީއަކަށް ވެދާނެއެވެ. ދެން، عِلَّةُ އެއް ނެތުމާއި شَاذُّ ކަމެއް ނެތުން ޝަރުޠުކުރެވިފައިވަނީ، އެ ދެ ކަންތައް އޮވެއްޖެނަމަ، ރިވާޔަތަށް ރައްކާތެރިވުމުގައި ރާވީގެ ފަރުވާކުޑަކުރުން ހުރި މިންވަރާއި އޭނާގެ ހިތުދަސްކުރުމުގައި ހުރި އުނިކަމާއި އެ ރިވާޔަތުގައި ކުށްޖެހި އޮޅުންބޮޅުން އަރާފައިވާކަން އެއިން އެނގިގެންދާތީއެވެ.
ދެވަނަ ކަންތައް:
ޢަދުލުވެރިކަމާއި ضَبْطُ އަކީ ރާވީގެ ކިބާގައި ހުންނަންޖެހޭ ޝަރުޠެއްކަމުގެ މައްޗަށް، އިމާމުންގެ ފަރާތްޕުޅުން ވާރިދުވެފައިވާ ބަސްފުޅުތަކުގައި، ތަފާތު އެކިއެކި ދިގު ޢިބާރާތްތަކުންނާއި ކުރު ޢިބާރާތްތަކުން، ބާރުދެވި ގަދަކަންދެވިފައި ވެއެވެ. އެހެންނަމަވެސް، ރާވީއަށް ޙުކުމް ޖެހުމުގައި ހުރިހާ ޙާލަތެއްގައި މި ދެ ކަލިމަ (ޢަދުލުވެރިކަމާއި ضَبْطُ) ބޭނުންކުރުން ލާޒިމެއް ނޫނެވެ. މިއާއެކުގައި ވެސް، އެ ރާވީއެއްގެ ޙަދީޘް ޤަބޫލުކުރެވޭ ރާވީއާއި ޤަބޫލުނުކުރެވޭ ރާވީ ސިފަކޮށް އިމާމުން ވިދާޅުވާ ކޮންމެ ބަސްފުޅެއް ރުޖޫޢަވަނީ މި ދެ ކަލިމައަށެވެ. ދެން ފަހެ، ރާވީ ސިފަކުރުމަށް ހަމައެކަނި މި ދެ ކަލިމަ ބޭނުންކުރަން ފެށިފައިވަނީ، مُصْطَلَحُ ތައް اِسْتِقْرَارُ ވުމަށްފަހު ގައެވެ. އަދި ޙަދީޘް ޢިލްމުގެ ޤަވާޢިދުތައް تَدْوِيْنُ ކުރަން ފެށުނު {އެބަހީ، ވަކި އުޞޫލަކުން ލިޔަން ފެށުނު} ހިސާބުންނެވެ.
މި ނުކުތާއާ ގުޅޭ އިމާމުންގެ ބަސްފުޅުތަކުގެ ތެރޭގައި، عُرُوَةُ بنُ الزُّبَيْرُ ގެ އަންނަނިވި ބަސްފުޅު ހިމެނެއެވެ. ((إني لأسمع الحديث أستحسنه فما يمنعني من ذكره إلا كراهية أن يسمعه سامع فيقتدي به، أسمعه من الرجل لا أثق به، قد حدث به عمن أثق به، وأسمعه من الرجل أثق به، قد حدث به عمن لا أثق به))[1] {މާނައީ: [ހަމަކަށަވަރުން، އަހުރެން ވަރަށް ރަނގަޅަށް ޙަދީޘް އަޑުއަހަމެވެ. މީހަކު އެ ޙަދީޘް އަޑުއަހައި އެއަށް ތަބާވުމަށް އަހުރެން ނުރުހޭ ނުރުހުން މެނުވީ، އެ ޙަދީޘް ޛިކުރުކުރުން އަހުރެންނަށް މަނާނުކުރެތެވެ. {މުތަރުޖިމު: އެބަހީ، މީހަކު އެ ޙަދީޘް އަޑުއަހައި އެއަށް ތަބާވުމަށް އަހުރެން ނުރުހޭ ޙާލަތުގައި، އެ ޙަދީޘް ޛިކުރުކުރުމާ ދުރުހެލިވެގަންނަމެވެ.} (އެހެނީ) އަހުރެން އިތުބާރުނުކުރާ މީހާގެ ފަރާތުން (ވެސް) ޙަދީޘް އަޑުއަހަމެވެ. އޭނާ އެ ޙަދީޘް ގެނެސްފައިވަނީ އަހުރެން އިތުބާރުކުރާ މީހެއްގެ ފަރާތުންކަމުގައި (ވެސް) ވެދާނެއެވެ. އަދި އަހުރެން އިތުބާރުކުރާ މީހާގެ ފަރާތުން (ވެސް) ޙަދީޘް އަޑުއަހަމެވެ. އޭނާ އެ ޙަދީޘް ގެނެސްފައިވަނީ އަހުރެން އިތުބާރުނުކުރާ މީހެއްގެ ފަރާތުންކަމުގައި (ވެސް) ވެދާނެއެވެ.]}
=ނުނިމޭ=
ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)
[1] ((الكفاية)) ص32، 132.