[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة البينة ގެ ތަފްސީރު 2

އަލްބައްޔިނާގެ މާނައެވަނީ ޖެހިގެން އޮތް އާޔަތުގައެވެ.

﴿ رَسُولٌ مِّنَ اللَّهِ ﴾

މާނައީ: “(އެ ދަލީލަކީ) ﷲގެ ޙަޟްރަތުން ފޮނުއްވެވި ރަސޫލެކެވެ.”

އެ ރަސޫލަކީ ނަބިއްޔާ صلى الله عليه وسلّم އެވެ. އެއީ މުޙައްމަދު ރަސޫލު ﷲ އެވެ. އެއީ ޢަބްދުﷲ ގެ ދަރިކަލުންނެވެ. ނިސްބަތްވެވަޑައިގަންނަވަނީ ޤުރައިޝުންގެ ހާޝިމުވަންހައަށެވެ. މިއާޔަތުގައި ޢަރަބިބަހުގެ އުސްލޫބެއްކަމުގައިވާ “ނަކިރާ”ކޮށް ﴿ رَسُولٌ ﴾ އައިސްފައިވަނީ މަތިވެރިކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެއީ މަތިވެރިކުރުން ޙައްޤު ފަރާތެކެވެ. އަދި އެކަލޭގެފާނާމެދު އަދަބުކުޑަކުރުމާއި ޙައްދުފަހަނައަޅައި ދިޔުމުން ދުރުހެލިވާން ޖެހޭނެއެވެ. ﷲ ތަޢާލާ އެކަލޭގެފާނު ރަސޫލެއްގެ ގޮތުގައި ފޮނުއްވީ އެންމެހާ ޢާލަމްތަކަށް ހެޔޮ ޚަބަރުދެއްވާ އަދި އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا﴾ [النساء: 79]

މާނައީ: “ތިމަންއިލާޙު ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، ނރަސޫލަކު ކަމުގައެވެ. “

އަދިވެސް ވަޙީކުރެއްވިއެވެ.

﴿ تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا﴾ [الفرقان: 1]

މާނައީ: “ޢާލަމުތަކަށް އިންޛާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރުއާން ބާވައިލެއްވި އިލާހު، މަތިވެރިވެވޮޑިގެންފިއެވެ.”

ފަހެ މުޙައްމަދު صلى الله عليه وسلّم ރަސޫލުކަމައިގެން ފޮނުއްވުނީ ﷲ ގެ ޙަޟްރަތުންނެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ފޮނުއްވުނީ ޖިބްރީލު عليه الصلاة والسلام އެވެ. އެހެނީ ޖިބްރީލުގެފާނަކީ ﷲ ތަޢާލާގެ ރަސޫލުބޭކަލުންގެ އަރިހަށް ފޮނުއްވާ ބޭކަލެކެވެ. އެކަލޭގެފާނާވަނީ ވަޙީ ހަވާލުކުރެވިފައެވެ. އެއިލާހު އިރާދަކުރެއްވި އަޅެއްގެ ގާތަށް އެވަޙީއާއިގެން އެކަލޭގެފާނު ވަޑައިގަންނަވައެވެ.

﴿يَتْلُو صُحُفاً مُّطَهَّرَةً ﴾

މާނައީ: ” ޠާހިރުކުރައްވާފައިވާ ފަތްފުށްތަކެއް އެ ރަސޫލާ ކިޔަވައިދެއްވަތެވެ. “

އެބަހީ: އެބޭކަލެއް އެފަތްފުށްތައް މީސްތަކުންނަށް ކިޔައިދެއްވަތެވެ. މިތަނުގައިވާ ﴿ صُحُفاً ﴾ އަކީ صحيفة ގެ ގިނަ ގޮތެވެ. އެއީ ކަރުދާސް ނުވަތަ ލަކުޑިން ހެދިފައި ހުންނަ ފަތްފުށްތަކެވެ. ނުވަތަ އެނޫނަސް ލިޔުމަށް ބޭނުންކުރާ ތަކެއްޗެވެ.

﴿ مُّطَهَّرَةً ﴾ ގެ މުރާދަކީ ޝިރުކުން ޠާހިރުކުރެވިފައިވުމެވެ. އަދި ނުބައި ޚުލުޤުތަކުންވެސްމެއެވެ. އަދި އެނޫނަސް ހުތުރުކަން ބޮޑެތި އެންމެހާ ކަންކަމުންނެވެ. އެހެނީ އެއީ ނަޒާހާތްތެރި މުޤައްދަސް އެއްޗެކެވެ.

= ނުނިމޭ =

_________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް