﴿إِنَّ الَّذِينَ كَفَرُواْ مِنْ أَهْلِ الْكِتَبِ وَالْمُشْرِكِينَ فِى نَارِ جَهَنَّمَ خَلِدِينَ فِيهَآ أَوْلَئِكَ هُمْ شَرُّ الْبَرِيَّةِ * إِنَّ الَّذِينَ ءَامَنُواْ وَعَمِلُواْ الصَّلِحَتِ أُوْلَئِكَ هُمْ خَيْرُ الْبَرِيَّةِ * جَزَآؤُهُمْ عِندَ رَبِّهِمْ جَنَّتُ عَدْنٍ تَجْرِى مِنْ تَحْتِهَا الاَْنْهَرُ خَالِدِينَ فِيهَآ أَبَداً رَّضِيَ اللَّـهُ عَنْهُمْ وَرَضُواْ عَنْهُ ذَلِكَ لِمَنْ خَشِىَ رَبَّهُ﴾
މާނައީ: “ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ. [6] ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ. [7] އެއުރެންގެ ވެރިރައްބުގެ ޙަޟްރަތުގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހިގެންވެތެވެ. އެއީ އެމީހާގެ ވެރިރައްބަށް ބިރުވެތިވި މީހަކަށެވެ. [8]”
﴿إِنَّ الَّذِينَ كَفَرُواْ مِنْ أَهْلِ الْكِتَبِ وَالْمُشْرِكِينَ فِى نَارِ جَهَنَّمَ خَلِدِينَ فِيهَآ أَوْلَئِكَ هُمْ شَرُّ الْبَرِيَّةِ ﴾
މާނައީ: “ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ. “
މިއާޔަތުގައި ކަށަވަރުގޮތެއްގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ ހަމަކަށަވަރުން އަހުލުކިތާބީންނާއި މުޝްރިކުންފަދަ ކާފިރުން ވާހުށީ ޖަހައްނަމައިގައިކަމެވެ. އެބަހީ: ޖަހައްނަމަ އޭ ކިޔުނު އަލިފާނުގެ ތެރޭގައިކަމެވެ. އެތަނަށް ޖަހައްނަމަ އޭ ކިޔުނީ އެތަނުގެ ކަޅުކުލަ ގަދަ ފުންތަނަކަށް ވާތީއެވެ. އެ ލަފްޡު ނެގިފައިވަނީ الُجهمة އިންނެވެ. އަދި ބުނެވެއެވެ. އެލަފްޡަކީ ޢަރަބި ލަފްޡެއް ނޫނެވެ. ނަމަވެސް އެލަފްޡުވަނީ ޢަރަބި ބަހަށް ވަދެފައެވެ. ކޮންމެއަކަސް ޖަހައްނަމައަކީ ނަރަކައިގެ އަލިފާނަށް ކިޔޭ ނަންތަކުގެ ތެރެއިން ނަމެކެވެ.
މިއާޔަތުގައި مِنْ ގެ ބޭނުމަކީ الذين ގެ މުރާދު ބަޔާންކޮށްދިނުމެވެ. މީގެން ލާޒިމުވަނީ އަހުލުކިތާބީންނަކީ ކާފިރުންކަމުގައެވެ. އެއުރެންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. ކަން އޮތީވެސް އެފަދައިންނެވެ. ފަހެ ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން ﷲ ގެ ރަސޫލާ محمد صلى الله عليه وسلم އަށް އީމާން ނުވުމުން އެބައިމީހުންވަނީ ކާފިރުވެފައެވެ. ނަމަވެސް އެބައިމީހުން ބުނެފާނެއެވެ. އެބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވަމުއެވެ. އަދި މަރުވެފައިވާ މީހުންނަށް ރަޙްމަތް ލެއްވުން އެދި ދުޢާކޮށް ހަދައެވެ. އަދި އެނޫންވެސް އެފަދަ ދޮގު ޢިބާރާތްތައް އެބައިމީހުން ބުނެ އުޅެދާނެއެވެ. (ދަންނައެވެ.) އެބައިމީހުން ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާނަމަ محمد صلى الله عليه وسلم އަށް އީމާންވީހެވެ. އަދި ކިޔެއް ހެއްޔެވެ. އެބައިމީހުންނަށް ފޮނުއްވުނު ރަސޫލު ބޭކަލުންނަށްވެސް އެބައިމީހުން އީމާންނުވެއެވެ. އެހެނީ ތައުރާތާއި އިންޖީލުގައި ނަބިއްޔާ صلى الله عليه وسلم ގެ ޞިފަތައް ބަޔާންކުރައްވާފައިވެއެވެ. ﷲ ތަޢާލާވަނީ އެކަން سورة الأعراف ގައި ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿ الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ [الأعراف: 157]
މާނައީ: ” އެއުރެންނީ، އުންމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެ ރަސޫލާއާއި، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލާއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. “
އަދި ކިޔެއް ހެއްޔެވެ. ހަމަކަށަވަރުން ޢީސާ ޢަލައިހިއްސަލާމް ބަނީ އިސްރާއީލުގެ ދަރިކޮޅުގެ މީހުންނަށް ވިދާޅުވިއެވެ.
﴿ وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّـهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ﴾ [الصف: 6]
މާނައީ: ” އަދި މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ ތައުރާތުގެ ޙުކުމްތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު އަޙްމަދު އޭ ނަމަކަށް ކިއުނު ރަސޫލަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. “
﴿ أَوْلَئِكَ هُمْ شَرُّ الْبَرِيَّةِ ﴾
މާނައީ: “އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.”
އެބަހީ: މަޚްލޫޤުންކުރެވެސް އެންމެ ނުބައި މީހުންނެވެ. އެހެންކަމުން އާދަމުގެ ދަރިންކުރެ ކާފިރުވި މީހުންނީ އެންމެ ނުބައި މަޚްލޫޤުންނެވެ.
ޢީސާ ޢަލައިހިއްސަލާމް ޚަބަރުދެއްވި ރަސޫލާ ފާޅުވެގެންވާ ހެކިތަކާއެކު ވަޑައިގަތުމުން އެބައިމީހުން ބުންޏެވެ. މިއީ ފާޅުވެގެންވާ ސިޙުރެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންގެ މަދު މީސްކޮޅެއް ފިޔަވައި އެކަލޭގެފާނު ދޮގުކުރައްވައި އެކަލޭގެފާނަށް ތަބާނުވިއެވެ.
ކަނޑައެޅިގެން އެފަދައިން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ إِنَّ شَرَّ الدَّوَابِّ عِندَ اللَّـهِ الَّذِينَ كَفَرُوا فَهُمْ لَا يُؤْمِنُونَ﴾ [الأنفال: 55]
މާނައީ: ” ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، ކާފިރުވީ މީހުންނެވެ. ފަހެ، އެއުރެން އީމާން ނުވާނެތެވެ. “
އަދިވެސް ވަޙީކުރެއްވިއެވެ.
﴿ إِنَّ شَرَّ الدَّوَابِّ عِندَ اللَّـهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ﴾ [الأنفال: 22]
މާނައީ: ” ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: ޙައްޤުގެބަސް ނުބުނާ، އެ އަޑުނާހާ، ޙައްޤާއި ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) “
ފަހެ ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންފަދަ ކާފިރުންނީ ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިވެގެންވާ މަޚްލޫޤުންނެވެ. އެންމެ ނުބައިވެގެންވާ މަޚްލޫޤުންނަށް އެއުރެން ވީހިނދު، ނުބައިކަމެއް މެނުވީ އެބައިމީހުންގެ ކިބައިން ފެންނާނެކަމަށް ނުބެލެވެއެވެ. އެހެނީ ނުބައިކަން ބޮޑު މީހުންގެ ކިބައިން ނުކުންނާނީވެސް ނުބައިކަމެވެ. އަދި ދުވަހަކުވެސް އެބައިމީހުންނާމެދު ހެޔޮކޮށް އަހަރުމެން ހީނުކުރާނަމެވެ. ނަމަވެސް އެމީހުންގެ ތެރޭގައި ތިބި ތެދުވެރިންނަށް އަހަރުމެން އިތުބާރުކޮށްފާނަމައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއިރު މުޝްރިކެއްކަމުގައިވާ عبدالله بن أريقط އަށް އިތުބާރުކުރައްވާ، މަގުދައްކާ މީހެއްގެ ގޮތުގައި އޭނާއަށް ކުއްޔެއް ދެއްވައިގެން ގެންދެވިއެވެ. ނަމަވެސް އެމީހުންގެ ތެރެއިން ގިނަމީހުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. އެހެނީ އެއީ ނުބައިމީހުންކަމުގައިވާތީއެވެ. މިފަދަ ކާފިރުންގެ ޙުކުމް ބަޔާންކުރެއްވުމަށްފަހު ދެން މުއުމިނުންގެ ޙުކުމް އެއިލާހު ބަޔާންކުރެއްވިއެވެ.
= ނުނިމޭ =
_________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة ގެ ތަފްސީރުގެ ތަރުޖަމާއެވެ.