[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة البينة ގެ ތަފްސީރު 7

﴿جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ

މާނައީ: “އެއުރެންގެ ވެރިރައްބުގެ ޙަޟްރަތުގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހިގެންވެތެވެ. އެއީ އެމީހާގެ ވެރިރައްބަށް ބިރުވެތިވި މީހަކަށެވެ.”

މިއާޔަތުގައި ﷲ ތަޢާލާ މިވަނީ މުއުމިނުންކުރެ ޞާލިޙު ޢަމަލުކުރި މީހުންނަށް ހުރި ޖަޒާ ބަޔާންކުރެއްވުމުގެ ކުރިން ޘަނާގެ ބަސް ވަޙީކުރައްވާފައެވެ. އެކަން އިސްކުރައްވާފައިވަނީ ﷲ ތަޢާލާގެ ޘަނާގެ ވަޙީބަސްފުޅަކީ ޤިޔާމަތްދުވަހު އެދެވޭ ޖަޒާއަށްވުރެވެސް މަތިވެރިކަމެކެވެ.

﴿جَنَّاتُ﴾ މިތަނުގައި މިކަލިމައިގެ ގިނަ ގޮތް ގެނެވިފައި މިވަނީ އެކިވައްތަރުގެ ބަގީޗާތައްވާތީއެވެ. އެހެނީ އެތަނުގެ ބަގީޗާތަކާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.

((جَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا )) [رواه البخاري]

މާނައީ: “ރިހީގެ ދެ ބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ. އަދި ރަނުގެ ދެބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ.”

މިކަމަށް އިޝާރާތްކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴾ [الرحمن: 46]

މާނައީ: “އެމީހާގެ ވެރިރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ބަގީޗާ ހުއްޓެވެ.”

ދެން އެއަށްފަހުގައި އެދެބަގީޗާގެ ޞިފަތައް ބަޔާންކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ.

﴿ وَمِن دُونِهِمَا جَنَّتَانِ ﴾ [الرحمن: 62]

މާނައީ: “އަދި އެ ދެ ބަގީޗާ ފިޔަވައި ދެ ބަގީޗާވެއެވެ.”

ފަހެ އެބައިމީހުންނަށް ވަނީ ބަގީޗާތަކެކެވެ. މުއުމިނުންކުރެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްހުރި ޖަޒާކަމުގައި ﷲ ތަޢާލާ ވަޙީކޮށް އަންގަވާފައި މިވާ ބަގީޗާތަކަކީ ވަރަށް މަތިވެރިވެގެންވާ މަންޒިލުތަކެކެވެ. އެތަންތަން ތައްޔާރުކުރެވިފައިވާވަނީ މުއުމިނު ތަޤްވާވެރި މީހުންނަށެވެ. އެތަނުގައިވަނީ ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށް އަރާފައިވެސް ނުވާފަދަ ނިޢުމަތްތަކެކެވެ. މިދުނިޔޭގައި ހުރި އިންސާނަކަށް އާޚިރަތުގެ ނިޢުމަތްތައް ތަޞައްވަރުކޮށްލުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ ތަޞައްވަރުކޮށްލެވޭ ވަރަށްވުރެމެސް މާ މަތިވެރިތަނެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“ليس في الجنة مما في الدنيا إلا الأسماء”  

މާނައީ: “ދުނިޔޭގައިވާ ތަކެތިން ކުރެ ހަމައެއްވެސް އެއްޗެއް ސުވަރުގެއަކު ނުވެއެވެ. އެތަނުގައި ބޭނުންކުރެވޭ ނަންތައް ފިޔަވައެވެ.”

ނަމަވެސް ޙަޤީޤަތުގައި އެދެތަނުގައިވާ ތަކެތީގެ ތަފާތު ވަރަށް ބޮޑުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ جَنَّتُ عَدْنٍ ﴾ العدن އަކީ ތަނެއްގައި ޤާއިމުވެ ތިބެ އެތަނުން ނުދިޔުމެވެ. ސުވަރުގޭގެ ނިޢުމަތުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެތަނުގެ އަހުލުވެރިން އެތަނުގައިވާ ނިޢުމަތްތައް ދޫކޮށްފައިވާ ދިޔުމަށް ނޭދޭނެ ކަމެވެ. އެހެނީ އޭނާއަށް ވުރެ ފުރިހަމަ ޙާލެއްގައި އެހެން މީހަކު އުޅޭތަނެއް އޭނާއަކަށް ނުފެންނާނެއެވެ. އަދި އޭނާއަށް ވުރެ މަތީގައި އަދި ފުރިހަމަކަމެއްގައި އުޅޭ މީހަކަށްވުރެ އޭނާ ނިކަމެތިކަމެއް އިޙުސާސެއް ނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ لَا يَبْغُونَ عَنْهَا حِوَلًا ﴾ [الكهف: 108]

މާނައީ: “އެއުރެން އެތަން ފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ ޙާލުގައެވެ.”

މިސަބަބަށްޓަކައި ﷲ ތަޢާލާ މިތަނަށް ﴿ جَنَّتُ عَدْنٍ ﴾ ގެ ނަމުން ނަންދެއްވިއެވެ.

﴿ تَجْرِى مِنْ تَحْتِهَا الاْنْهَرُ ﴾

މާނައީ: “އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ.”

ޢިލްމުވެރިން ވިދާޅުވިއެވެ.

އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން ހިނގަހިނގާ ހުންނާނެއެވެ… މިތަނުގައި ﷲ ތަޢާލާ އިޖުމާލީ ގޮތެއްގައި ބަޔާންކުރެއްވި ކަންކަން ތަފްޞީލީ ގޮތެއްގައި محمد ސޫރަތުގައި ބަޔާންކޮށްދެއްވިއެވެ. އެގޮތުން ވަޙީކުރެއްވިއެވެ.

﴿ مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ﴾ [محمد: 15]

މާނައީ: “ތަޤްވާވެރިންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ މިޘާލަކީ އެތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. “

ބައެއް އަޘަރުތަކުގައި އައިސްފައިވާ ގޮތުން ސުވަރުގޭގެ މިކޯރުތައް ހިނގަހިނގަ ހުންނަނީ ވަޅުގަނޑެއް ނެތިއެވެ. އޭގެ މާނައަކީ އެ ހިނގަހިނގާ ހުންނަނީ ސީދާ ބިންމަތީގައެވެ. އަދި އިންސާނާ ބޭނުން ދިމާއަކަށް އެދެއެވެ. އަދި ފެންގަނޑު އެކިފަރާތްފަރާތަށް ގޮސްދާނެތީ ވަކި ބިނާއެއް ނުވަތަ ވަޅުގަނޑެއް އެއަށް ބޭނުންނުވެއެވެ.

މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމް رحمه الله ގެ އައްނޫނިއްޔާ އޭ ކިޔުނު ފޮތުގައި (އެބަހީ: ޅެން ބައިތުގައި) ވިދާޅުވެފައިވެއެވެ.

أنهارها من غير أخدود جرت      سبحان ممسكها عن الفيضان

އެތަނުގެ ފެން ކޯރުތައް ވަޅުގަނޑެއް ނެތި ދައުރުކުރެއެވެ. އެ އޮހޮރިގެން ދިޔުމުން ހިފެހެއްޓެވި އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ.

﴿خَالِدِينَ فِيهَا أَبَدًا

މާނައީ: ” އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. “

އެބަހީ: އެތަނުގައި އެބައިމީހުން މަރެއް ނުވާނެއެވެ. އަދި ބައްޔެއްވެސް ނުވާނެއެވެ. އަދި މާޔޫސްނުވާނެއެވެ. އަދި ތަދެއްވެސް ނުވާނެއެވެ. އަދި ހިތާމަވެސް ނުކުރާނެއެވެ. އަދި އެބައިމީހުން ވަރުބައްޔެއްވެސް ނުވާނެއެވެ. އެބައިމީހުން ތިބޭނީ އަބަދުގެ އަބަދަށް އެންމެ ފުރިހަމަ ނިޢުމަތުގައެވެ.

﴿ رَّضِيَ اللَّـهُ عَنْهُمْ وَرَضُواْ عَنْهُ ﴾

މާނައީ: ” ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ އަށް ރުހިގެންވެތެވެ. “

މިއީ އެންމެ މަތިވެރިވެގެންވާ ނިޢުމަތެވެ. ފަހެ އެއިލާހުގެ ރުއްސެވުން އެބައިމީހުންނަށް ލިބުމަށްފަހު ދުވަހަކުވެސް އެބައިމީހުންނާމެދު އެއިލާހު ނުރުހުންތެރިވެވޮޑިގެންނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ. އަދި ސާދަވާވިލޭރޭގެ ހަނދު އެބައިމީހުންނަށް ފެންނަ ފަދައިން، އެބައިމީހުންނަށް ﷲ ތަޢާލާ (ސުވަރުގޭގައި) ފެންނާނެއެވެ. އެކަމާ މެދު އެބައިމީހުން ޝައްކު ނުކުރާނެއެވެ. އަދި އެކަމުގައި އެބައިމީހުންނަށް އެއްވެސް ދަތިކަމެއް އެދުވަހުން ނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކު ސުވަރުގޭގައި އެހުރި ތަނެއްގައި ހުއްޓާ އެއިލާހު އިރާދަކުރެއްވި ގޮތަކަށް ފެންނާނެއެވެ. ދެން އެއިލާހު ވަޙީކުރެއްވިއެވެ.

﴿ ذَلِكَ لِمَنْ خَشِىَ رَبَّهُ ﴾

މާނައީ: ” އެއީ އެމީހާގެ ވެރިރައްބަށް ބިރުވެތިވި މީހަކަށެވެ.”

އެބަހީ: އެ ޖަޒާވަނީ ﷲ އަށް ބިރުވެތިވި މީހަކަށެވެ. الخشية އަކީ ﷲ އަށް މަތިވެރިކުރުމާ އެއިލާހުގެ ހައިބަވަންތަކަން އެނގޭ ޙާލު އެއިލާހަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ރަނގަޅަށް މަޢުރިފާކޮށްދެނެގެންފި މީހަކު މެނުވީ އެފަދައިން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ﴾ [فاطر: 28]

މާނައީ: ” ﷲއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ. “

އެބަހީ: އެއިލާހުގެ މަތިވެރިކަމާއި ބާރުގެ ފުރިހަމަކަން ދަންނަ ޢިލްމުވެރިންނެވެ. ފަހެ الخشية (މާނަ: ކަމެއް އެނގިހުރެ އެކަމާ ބިރުވެރިތުން) މިލަފްޒަކީ الخوف (މާނަ: ކަމެއްގެ ޢިލްމު ނެތި ބިރުވެތިވުން) އަށް ވުރެ ޚާއްޞަ ލަފްޒެކެވެ. މިދެ ލަފްޒުގެ ތަފާތު ފެންނާނީ މިޘާލުންނެވެ.

މީހެއް ދެކެ ބިރުގަންނައިރު، އޭނާއަށް ތިބާގެ މައްޗަށް ބާރުފޯރުވި ދާނެތޯ ނުވަތަ ނޫންތޯ ނޭނގި ބިރުގަތުމަކީ އެއީ الخوف އެވެ.

އަދި މީހެއް ދެކެ ބިރުގަންނައިރު، އޭނާއަށް ތިބާގެ މައްޗަށް ބާރުފޯރުވި ދާނެކަން ތިބާއަށް އެނގިގެން ބިރުގަތުމަކީ އެއީ الخشية އެވެ.

 މިހާ ހިސާބުން މިމަތިވެރި ސޫރަތުގެ ތަފްސީރުކޮށް ނިމުނީއެވެ. ﷲ ގެ ޙަޟްރަތުން އެދެނީ އަޅަމެންނީ އެއިލާހުގެ ފޮތް ޙައްޤުގޮތުގައި ކިޔަވާ ބަޔަކު ކަމުގައި ލެއްވުމެވެ. އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ.

= ނިމުނީ =

_________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް