ތަވްޙީދުއް ރުބޫބިއްޔާ
ތަވްޙީދުއް ރުބޫބިއްޔާއަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ފިޢުލު(ޢަމަލު) ތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. ﷲ ތަޢާލާ ކުރައްވާ އެންމެހާ ކަންތައްތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި ހުރިހާއެއްޗެއް ޚަލްޤުކުރެއްވީ(އުފެއްދެވީ) އެއިލާހުކަމާއި، ހުރިހާއެއްޗެއް މިލްކުވެވޮޑިގެންވަނީ އެއިލާހަށްކަމާއި، މިހުރިހާ އެއްޗެއް ތަދުބީރުކުއްވައި ބަލަހައްޓަވަނީ އެއިލާހުކަން، ހިތުގެއަޑިން އެއްވެސް ޝައްކަކާއި ނުލައި ޤަބޫލުކުރުމެވެ.
ތަވްޙީދުއް ރުބޫބިއްޔާގެ ދަލީލުތައް :
# ހުރިހާ އެއްޗެއް ޚަލްޤުކުރެއްވީ(އުފެއްދެވީ) ﷲ ސުބުޙާނަހޫ ވަތަޢާލާކަން އަންގައިދޭ ބައެއް ދަލީލުތައް:
– الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالأرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ (الأنعام: 1) “އެންމެހައި ޙަމްދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއިލާހީ އުޑުތަކާއި ބިން ޚަލްޤުކުރައްވައި، އަނދިރިކަމާއި އަލިކަން ލެއްވި އިލާހެވެ. އެއަށްފަހުވެސް ކާފިރުވީމީހުން އެއިލާހާއި އެހެން ފަރާތްތަކެއް އެއްފަދަކޮށް ޝަރީކު ކުރެތެވެ.”
– قُلْ مَنْ رَبُّ السَّمَاوَاتِ وَالأرْضِ قُلِ اللَّهُ قُلْ أَفَاتَّخَذْتُمْ مِنْ دُونِهِ أَوْلِيَاءَ لا يَمْلِكُونَ لأنْفُسِهِمْ نَفْعًا وَلا ضَرًّا قُلْ هَلْ يَسْتَوِي الأعْمَى وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُ أَمْ جَعَلُوا لِلَّهِ شُرَكَاءَ خَلَقُوا كَخَلْقِهِ فَتَشَابَهَ الْخَلْقُ عَلَيْهِمْ قُلِ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ (الرعد : 16) “ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގެ ވެރިއިލާހަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތީގެ އަމިއްލަނަފްސުތަކަށް މަންފާއެއް ނުވަތަ ގެއްލުމެވެސް ދިނުމުގެ ކުޅަދާނަކަން ލިބިގެންނުވާ އެއްޗިހި، އެއިލާހު ފިޔަވައި އެހީތެރެރިން ކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނު މީހާއާއި ލޮލަށްފެންނަމީހާއާއި ހަމަހަމަވާނޭހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި އަލިކަން ހަމަހަމަވާނޭހެއްޔެވެ؟ ނުވަތަ އެމީހުން ﷲއަށް ބައިވެރިންތަކެއްލައި، އެބައިވެރިންތައް އެއިލާހު ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، (އެދެފަރާތުގެ) މަޚުލޫޤުން އެއުރެނަށް އެއްގޮތްވެ އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ﷲއީ ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެއިލާހީ އެއްކައުވަންތަ ބާރުވެރިވަންތަ އިލާހެވެ.”
– هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِنْ دُونِهِ بَلِ الظَّالِمُونَ فِي ضَلالٍ مُبِينٍ (لقمان: 11) ” މިއީ ﷲގެ ހެއްދެވުމެވެ. އެއިލާހުނޫން ފަރާތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ނިކަން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! އަދި ކިއެއްތަ! މުޝްރިކުންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރެގައެވެ.”
– أَلا لَهُ الْخَلْقُ وَالأمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ (الأعراف : 54) ” ދަންނާށެވެ! ހެއްދެވުމާއި، ތަދުބީރުކުރައްވައި ބެލެހެއްޓެވުން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ވެގެންނެވެ. ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިވެރިވެ ވޮޑިގެންފިއެވެ.”
– مَا اتَّخَذَ اللَّهُ مِنْ وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللَّهِ عَمَّا يَصِفُونَ (المؤمنون : 91) “ﷲ އަށް އެއްވެސް ދަރިކަލަކު ނުވެއެވެ. އަދި އެއިލާހާއެކު، އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެހެންވީނަމަ، ކޮންމެ އިލާހަކުމެ، އެ އިލާހަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެއުރެން އެ ސިފަކުރާ ގޮތްތަކުން ﷲ ހުސްޠާހިރުވެވޮޑިގެންވެއެވެ.”
– ބައެއް މީހުން ބުނެފާނެއެވެ. މަޚްލޫޤުންވެސް އެއްޗެހި އުފައްދާކަން ޝަރުޢީ ނައްޞުތަކުން ޘާބިތުވެއެވެ. މިސާލަކަށް ފުރާނަހުންނަ އެއްޗިހި ކުރަހައި ހަދާމީހުންނަށް ޤިޔާމަތްދުވަހު ބުނެވޭނޭކަމުގައި، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَحْيُوْا مَا خَلَقْتُمْ (رواه البخاري ومسلم) “ތިޔަބައިމީހުން އުފެއްދި އެއްޗިހި ދިރުވާށެވެ!”. އެހެންވީމާ އުފެއްދުމުގައި ނުވަތަ ޚަލްޤުކުރެއްވުމުގައި ﷲ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު: މަޚްލޫޤުން އުފައްދާ އެއްޗިހި އެއީ ޙަޤީޤީ އުފެއްދުމެއް ނޫނެވެ. އެހެނީ ނެތުމުގެ ތެރެއިން އެއްވެސް އެއްޗެއް އުފެއްދުމުގެ ބާރެއް އެއްވެސް މަޚްލޫޤަކަށް ލިބިގެންނުވެއެވެ. އޭނާ ކޮންމެ އެއްޗެއްވެސް އުފައްދާނީ ﷲތަޢާލާ ޚަލްޤުކުރައްވާފައިވާ ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެންނެވެ. އެހެންކަމުން އިންސާނުން އެއްޗެއް އުފެއްދުމޭ ބުނެވޭބަހުގެ މުރާދަކީ، އެއްޗެއް އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމެވެ. ނެތުމުގެ ތެރެއިން އެއްޗިހި އުފައްދަވަނީ ﷲތަބާރަކަ ވަތަޢާލާއެވެ.
# ހުރިހާއެއްޗެއް މިލްކުވެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްކަން އަންގައިދޭ ދަލީލުތައް:
– وَلِلَّهِ مُلْكُ السَّمَاوَاتِ وَالأرْضِ وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ (آل عمران : 189) “އަދި އުޑުތަކާއި ބިމުގެ ވެރިކަންވަނީ ﷲއަށެވެ. އަދި ﷲއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”
– قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ (المؤمنون : 88) “ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ އަތްޕުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ ކޮބައިހެއްޔެވެ؟ އެންމެހައިތަކެތި ރައްކާތެރިކުރައްވަނީ އެއިލާހެވެ. އެއިލާހާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެއެވެ. ތިޔަބައިމީހުން އެކަން ދަންނަކަމުގައިވާނަމައެވެ.”
– މީހަކު ބުނެފާނެއެވެ. މަޚްލޫޤުންނަށްވެސް އެއްޗިހި މިލްކުވާކަން ކީރިތިޤުރުއާނުގެ ބައެއް އާޔަތްތަކުން ޘާބިތުވެއެވެ. إِلا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ (المؤمنون : 6) “އެއުރެންގެ އަނބީންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން، އެއުރެންނީ އެކަމުގައި މަލާމާތްލިބިގެންވާ ބަޔަކުކަމުގައި ނުވެއެވެ.” އެހެންވީމާ ހުރިހާއެއްޗެއް މިލްކުވެވޮޑިގެންވުމުގައި ﷲތަޢާލާ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު: މަޚްލޫޤުންނަށް މިލްކުވުންވަނީ ވަކިމިންވަރަކަށެވެ. އިންސާނާއަށް މިލްކުވެގެންވަނީ އޭނާގެ އަތުގައިވާ އެއްޗިއްސެވެ. އެހެންމީހުންގެ އަތުގައިވާ އެއްޗިހި އޭނާއަށް މިލްކުވެގެންނުވެއެވެ. ހަމަ އެގޮތަށް އޭނާގެ އަތުގައިވާ އެއްޗިހިވެސް މުޅިން ފުރިހަމައަށް އޭނާއަކަށް މިލްކެއްނުވެއެވެ. އެހެނީ ދީނުގައި އަންގަވާފައިވާ ގޮތަށް މެނުވީ އެއެއްޗިހި ބޭނުންކުރުން އޭނާއަށް ހުއްދަވެގެން ނުވެއެވެ. އަދި އެއާ ޚިލާފަށް ބޭނުންކުރުމަކީ ފާފައެކެވެ. ފުރިހަމައަށް މިލްކުވެގެންވާނަމަ ކޮންމެ ގޮތަކަށް ބޭނުންކުރިއަސް އޭނާ ފާފަވެރި ނުވާނެއެވެ. މިހުރިހާ އެއްޗެއް އެންމެ ފުރިހަމަ ގޮތުގައި މިލްކުވެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އިންސާނުންނާއި, އެއިންސާނުންގެ މިލްކުގައިވާ ހުރިހާ އެއްޗަކީވެސް ﷲ ތަޢާލާއަށް މިލްކުވެގެންވާ އެއްޗިއްސެވެ.
# ހުރިހާ އެއްޗެއް ތަދުބީރުކުރައްވައި ބަލަހައްޓަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން އަންގައިދޭ ދަލީލުތައް:
– قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالأرْضِ أَمْ مَنْ يَمْلِكُ السَّمْعَ وَالأبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الأمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلا تَتَّقُونَ (يونس : 31) “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރު ކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެއުރެން ބުނާނެތެވެ. اللَّه އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެއިލާހަށް) ތަޤްވާވެރި ނުވަނީހެއްޔެވެ؟”
– މީހަކު ބުނެފާނެއެވެ. މަޚްލޫޤުންވެސް ކަންތައްތައް ތަދުބީރުކޮށް ރާވައި ހިންގައެވެ. އެހެންވީމާ ހުރިހާ އެއްޗެއް ތަދުބީރު ކުރައްވައި ބެލެހެއްޓެވުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު: އިންސާނާއަށް ތަދުބީރުކޮށް ބެލެހެއްޓޭނީ އޭނާގެ ބާރުގެ ދަށުގައިވާ އެއްޗިއްސެވެ. ނަމަވެސް ﷲތަޢާލާއީ ހުރިހާއެއްޗެއް ތަދުބީރު ކުރައްވައި ބަލަހައްޓަވާ އިލާހެވެ. އިންސާނާ ދުނިޔޭގައި ހުންނާނޭ ވަގުތު ކަނޑައެޅުއްވީވެސް ﷲތަޢާލާއެވެ. އެވަގުތު ޖެހުމާއެކު އޭނާގެ ފުރާނަގެންދިއުމަށް މަލާއިކަތުންނަށް އިޛުނަދެއްވާނީވެސް އެއިލާހެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރު އުޅުނު މުޝްރިކުންވެސް ތަޢުޙީދުގެ މިބަޔަށް އެއްބަސްވެއެވެ. ނަމަވެސް އެމީހުން މިބަޔަށް އީމާންވާންޖެހޭ އެއްމެފުރިހަމަ ގޮތުގައި އީމާނެއް ނުވެއެވެ. އެހެނީ މިބަޔަށް އީމާންވާންޖެހޭ އެއްމެފުރިހަމަ ގޮތުގައި އީމާންވާމީހާ ތަވްޙީދުގެ އަނެއް ދެބަޔަށްވެސް އީމާންވާނެއެވެ. އެހެންކަމުން މިބަޔަށް އެއްބަސްވި އެއްބަސްވުމުން، އެމީހުންނަށް އިސްލާމްދީނަށް ވަދެވުނުކަމަކަށް ނުވެއެވެ. މިޒަމާނުގައި އުޅޭ މުލްޙިދު އެތީސްޓުންނަކީ، މައްކާގެ މުޝްރިކުންނަށްވުރެވެސް ދަށުދަރަޖައެއްގެ ބަޔެކެވެ.
ތަވްޙީދުއް ރުބޫބިއްޔާއަށް އިންކާރުކުރިމީހުންގެ ތެރެއިން..
1- ފިރުޢައުނު: އޭނާވަނީ ތަވްޙީދުއް ރުބޫބިއްޔާއަށް އިންކާރުކޮށް، ކިބުރުވެރިވެ، ކަލަކު ކަމުގައި ދަޢުވާ ކޮށްފައެވެ.
2- މަޖޫސީން: މި ޢާލަމަށް 2 ޚާލިޤުން ވާކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ހުރިހާ ރަނގަޅު ކަންތަކާއި، އެއްޗެހިތަކެއް ޚަލްޤުކުރީ ނޫރު(އަލިކަމެވެ.) އަދި ހުރިހާ ނުބައެއް ޚަލްޤުކުރީ ޡުލްމާ(އަނދިރިކަމެވެ). އަދި ނޫރު(އަލިކަން) ޡުލްމާ(އަނދިރިކަން) އަށް ވުރެ ހެޔޮވެގެންވާކަމުގައި އެމީހުން ޤަބޫލުކުރެއެވެ.
މިފިލާވަޅުގެ ސުވާލުތައް
1- ތަވްޙީދުއް ރުބޫބިއްޔާއަކީ ކޮބާ؟
2- ހުރިހާ އެއްޗެއް ޚަލްޤުކުރެއްވީ ﷲތަޢާލާކަން އަންގައިދޭ ދަލީލެއް ބަޔާންކުރޭ!
3- މަޚްލޫޤުންވެސް އެއްޗެހި އުފައްދާކަން ޝަރުޢީ ނައްޞުތަކުން ޘާބިތުވެއެވެ. އެހެންވީމާ އުފެއްދުމުގައި ނުވަތަ ޚަލްޤުކުރެއްވުމުގައި ﷲ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
4- ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ﷲތަޢާލާއަށްކަން އަންގައިދޭ ދަލީލެއް ބަޔާންކުރޭ!
5- މަޚްލޫޤުންނަށްވެސް އެއްޗިހި މިލްކުވާކަން ކީރިތިޤުރުއާނުގެ ބައެއް އާޔަތްތަކުން ޘާބިތުވެއެވެ. އެހެންވީމާ ހުރިހާއެއްޗެއް މިލްކުވެވޮޑިގެންވުމުގައި ﷲތަޢާލާ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
6- ހުރިހާ އެއްޗެއް ތަދުބީރުކުރައްވައި ބަލަހައްޓަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން އަންގައިދޭ ދަލީލެއް ބަޔާންކުރޭ!
7- މަޚްލޫޤުންވެސް ކަންތައްތައް ތަދުބީރުކޮށް ރާވައި ހިންގައެވެ. އެހެންވީމާ ހުރިހާ އެއްޗެއް ތަދުބީރު ކުރައްވައި ބެލެހެއްޓެވުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރާނީ ކިހިނެއް ހެއްޔެވެ؟
8- ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްއަލަމަގެ ދުވަސްވަރު އުޅުނު މުޝްރިކުން ތަވްޙީދުއް ރުބޫބިއްޔާއަށް ފުރިހަމައަށް އީމާންވި ހެއްޔެވެ؟
9- ތަވްޙީދުއް ރުބޫބިއްޔާއަށް އެއްވެސް ބަޔަކު އިންކާރުކުރިތަ؟
10- މަޖޫސީން ޤަބޫލުކުރާގޮތުން، މި ޢާލަމަށްވަނީ ކިތައް ޚާލިޤުން؟ އަދި އެއީ ކޮން ދޭއްޗެއް؟
ކުރީގެ ބައިތައް