ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.
لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾
މާނައީ: ” ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. [6] ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. [7] “
﴿لَتَرَوُنَّ﴾ މިއީ މުޅިން އާ ޖުމުލައެކެވެ. އަދި މިއީ އިސްވެ ބަޔާންކުރެވުނު ﴿ لَوْ ﴾
ގެ ޖަވާބެއް ނޫނެވެ. އެހެންކަމުން ޤުރުއާންކިޔަވާ މީހާއާށް ވާޖިބުވެގެންވަނީ ﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾
ކިޔުމަށްފަހު ވަޤުފުކުރުމެވެ. (އެބަހީ: ހުއްޓުމެވެ.) ނަމަވެސް ﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾ ﴿لَتَرَوُنَّ الْجَحِيمَ﴾ ގުޅުވައިގެން ވަރަށް ގިނަ އިމާމުން ކިޔަވާ އަޑު އަޅުގަނޑުމެންނަށް އިވެއެވެ. މިކަން އެބައިމީހުން އެކުރަނީ ނޭނގިއެވެ. ނުވަތަ ހަނދާންނެތިގެންނެވެ. ނުވަތަ އެބައިމީހުންނަށް އެއާޔަތުގެ މާނަ ރަނގަޅަށް ވިސްނާ ނުލެވޭތީއެވެ. އެބައިމީހުން އެއާޔަތްތަކާ މެދު ރަނގަޅަށް ވިސްނާލައިފިނަމަ އެދެއާޔަތް ގުޅުވައިގެން ކިޔުމުން މާނަ ފަސާދަވާކަން އެބައިމީހުންނަށް އެނގުނީހެވެ. އެހެނީ:
﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾ ﴿لَتَرَوُنَّ الْجَحِيمَ﴾
މިދެ އާޔަތް ގުޅުވައިގެން ކިޔެވުމުން ޖުމްލަ މާނައީ: ” “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމަ ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. ”
ނަމަވެސް މިއީ ރަނގަޅު މާނައެއް ނޫނެވެ. އެހެންކަމުން މިގޮތަށް ދެއާޔަތް ގުޅުވައިގެން މީހަކު ކިޔަވާ އަޑުއިވިއްޖެނަމަ އޭނާއަށް ބަޔާންކޮށްދިނުން ލާޒިމުވެގެންވެއެވެ. އެފަދަ މީހެއް ގާތު ބުނާށެވެ.
އަހަރެންގެ އަޚާއެވެ. މިގޮތަށް މިދެއާޔަތް ގުޅުވާލުމުން ނުބައި މާނައެއް ނުކުމެއެވެ. އެހެންކަމުން ނުގުޅުވާ ހުއްޓައިގެން ކިޔާށެވެ.
އެތަނުގައި ވަޤުފުކުރަން ޖެހެނީ ދެސަބަބަކަށް ޓަކައެވެ.
ފުރަތަމައީ: އެއީ އާޔަތް ފެށޭ ތަނެކެވެ. ޝަރުޢުވެގެންވަނީ ކޮންމެ އާޔަތެއް ފައްޓާއިރު ހުއްޓާފައި ފެށުމެވެ.
ދެވަނައީ: މިތަނުގައި ގުޅުވައިގެން ކިޔުމުން ފާސިދުމާނައެއް ނުކުމެއެވެ.
އެހެންކަމުން ﴿لَتَرَوُنَّ الْجَحِيمَ﴾ އަކީ މުޅިން އާ ވާހަކައެއް ފަށާ އާޔަތެކެވެ. މިއާޔަތުގައިވަނީ ހުވާއެއް ވަޙީކުރައްވާފައެވެ. މިއާޔަތުގައި ހުވާ މިވަނީ ވަންހަނާ ކުރެވިގެންނެއެވެ. އަޞްލު ޖުމްލައަކީ:
والله ﴿لَتَرَوُنَّ الْجَحِيمَ﴾
އެހެންކަމުން ޢަރަބި ބަސް އިޢުރާބުކުރައްވާ ބޭފުޅުން ވިދާޅުވަނީ މިއާޔަތުގައި މިވާ ލާމަކީ (اللام موطئة للقسم) ހުވައަށް މަގުފަހިކޮށްދޭ ލާމުކަމުގައެވެ.
އަދި މިއާޔަތުގައިވާ ﴿لَتَرَوُنَّ﴾ އަކީ ހުވާގެ ޖަވާބެވެ.
އަދި ﴿الْجَحِيمَ﴾ އަކީ ނަރަކައަށް ކިޔާ ނަންތަކުގެ ތެރެއިން ނެމެކެވެ.
﴿ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ﴾
މާނައީ: “ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.”
މިއާޔަތުގައި މިވަނީ އިސްވެ ދިޔަ އާޔަތުގައިވާ ނަރަކަ ފެންނާނެކަމުގެ ޚަބަރު އިތުރަށް ކަށަވަރުކޮށްދެއްވާފައެވެ. އެނަރަކަ ފެންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ އެތަން ފެންނާނީ ޤިޔާމަތް ދުވަހުންނެވެ. އެގެނެވޭނީ ހަތްދިހަ ލަގަނުން ލަގަން ލެވިގެން ދަމާފައެވެ. ކޮންމެ ލަގަނެއްގައި ހަތްދިހަހާސް މަލާއިކަތުން ހިއްޕަވާނެއެވެ. ފަހެ މިފަދަ ތަނަކާ މެދު ތިބާ ދެކެނީ ކިހިނެތް ހެއްޔެވެ! – ﷲ ތަޢާލާ އަޅަމެން އެތަނުން ރައްކާތެރިކޮށްދެއްވާނދޭވެ! – އެއީ ބޮޑުވެގެންވާ އަލިފާނެކެވެ. އެހެނީ އެއަށް ހަތްދިހަހާސް ލަގަން ލިބިގެންވެއެވެ. އަދި ކޮންމެ ލަގަނެއްގައި ހަތްދިހަހާސް މަލާއިކަތުން ހިއްޕަވައެވެ. ފަހެ މަލާއިކަތުންނަކީ މަތިވެރިވެގެންވާ ވަރުގަދަ ބައެކެވެ. އެހެންކަމުން ނަރަކައަކީ ބޮޑުވެގެންވާ ތަނެކެވެ. – ﷲ ތަޢާލާ އަޅަމެން އެންމެން އެތަނުން ރައްކާތެރިކޮށްދެއްވާނދޭވެ! –
=ނުނިމޭ =