ޤަވާޢިދު: الشَّيْءُ إِنَّـمَا يُنْسَخُ بِـمِثْلِهِ أَوْ بِأَقْوَى مِنْهُ
މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗެއް ނަސްޚުކުރެވޭނީ އެއާ އެއްފަދަ ނުވަތަ އެއަށްވުރެ ވަރުގަދަ އެއްޗަކުން}
މި ޤަވާޢިދުގެ މުރާދު: ބާރުގަދަކަމުގެ ގޮތުން ނަސްޚުކުރެވޭ އެއްޗާއި އެއްފަދަ ނުވަތަ އެއަށްވުރެ ވަރުގަދަ އެއްޗަކުން ނަސްޚުކުރެވުމުން މެނުވީ، ނަސްޚު ޞައްޙައެއް ނުވާނެއެވެ. އެހެން ޢިބާރާތަކުންނަމަ، ނަސްޚުކުރެވޭ އެއްޗަކީ ނަސްޚުކުރާ އެއްޗާއި ބާރުގަދަކަމުގެ ގޮތުން އެއްފަދަ ނުވަތަ އެއަށްވުރެ ދެރަ އެއްޗެއްކަމުގައި ނުވާނަމަ، އެ ނަސްޚު ޞައްޙައެއް ނުވާނެއެވެ.
އެގޮތުން، ޤަޠުޢީ އެއްޗެއް ޡައްނީ އެއްޗަކުން ނަސްޚެއް ނުކުރެވޭނެއެވެ. މިސާލަކަށް، އާޙާދު ޚަބަރަކުން ޤުރުއާނާއި މުތަވާތިރު ސުންނަތް ނަސްޚެއް ނުކުރެވޭނެއެވެ. އަދި ޡައްނީ އެއްޗެއް ޤަޠުޢީ އެއްޗަކުން ނަސްޚުކުރެވިދާނެއެވެ. މިސާލަކަށް، ޤުރުއާނާއި މުތަވާތިރު ސުންނަތުން އާޙާދު ޚަބަރު ނަސްޚުކުރެވިދާނެއެވެ. އަދި ޤަޠުޢީ އެއްޗަކުން ޤަޠުޢީ އެއްޗެއް ނަސްޚުކުރެވިދާނެއެވެ. މިސާލަކަށް، ޤުރުއާނާއި މުތަވާތިރު ސުންނަތް އެކަތި އަނެކަތި ނަސްޚުކުރެވިދާނެއެވެ. އަދި ޡައްނީ އެއްޗަކުން ޡައްނީ އެއްޗެއް ނަސްޚުކުރެވިދާނެއެވެ. މިސާލަކަށް، އާޙާދު ޚަބަރެއް އާޙާދު ޚަބަރަކުން ނަސްޚުކުރެވިދާނެއެވެ.
މި ޤަވާޢިދާއި މެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ބައެއް ޢިލްމުވެރިންގެ އަރިހުގައި، ޤަޠުޢީ އެއްޗެއް ޡައްނީ އެއްޗަކުން ވެސް ނަސްޚު ކުރެވިދާނެއެވެ. (މުތަރުޖިމު: އަދި ބޮޑަށް ރަނގަޅީ ވެސް ފަހުން މި ދެންނެވި ރައުޔެވެ.)
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =