[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 4

ޤަވާޢިދު: نَسْخُ القُرْآنِ بِالقُرْآنِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ޤުރުއާން ނަސްޚުވުން ޖާއިޒު}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނުން ޤުރުއާން ނަސްޚުކުރެވުމީ ޝަރުޢީގޮތުން ޖާއިޒު (ވެދާނެ) ކަމެކެވެ. އަދި ވެދާނެކަމަށް ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެކެވެ. މި ކަމާ މެދު ޢިލްމުވެރިން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ.

ނަސްޚުކުރެވޭއިރު، އާޔަތުގެ ލަފްޒާއި (އެބަހީ، ޢިބާރާތްކޮޅާއި) އޭގެ ޙުކުމް ވެސް ނަސްޚުވެދާނެއެވެ. ފަހަރުގައި، އާޔަތުގެ ލަފްޒު ނަސްޚުވެފައި، ޙުކުމް ނަސްޚުނުވެ ވެސް އޮވެދާނެއެވެ. އަދި ފަހަރުގައި، އާޔަތުގެ ޙުކުމް ނަސްޚުވެފައި، ލަފްޒު ނަސްޚުނުވެ ވެސް އޮވެދާނެއެވެ.

ޤަވާޢިދު: نَسْخُ السُّنَّةِ بِالسُّنَّةِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ސުންނަތް ނަސްޚުވުން ޖާއިޒު)

މި ޤަވާޢިދުގެ މުރާދު: ސުންނަތުން ސުންނަތް ނަސްޚުކުރެވުމީ ޖުމްލަގޮތެއްގައި ވެދާނެ ކަމެކެވެ. އަދި ޢިލްމުވެރިން މި ކަމާ މެދު އިޖުމާޢުވެވަޑައިގެންފައިވެއެވެ.

ތަފްޞީލުގޮތެއްގައި ބަލައިލާއިރު، މި ކަމުގައި ގޮތްކަނޑައެޅެނީ މިންގަނޑުތަކަކަށް ބިނާކޮށެވެ. އެގޮތުން، އޭގެ ތެރެއިން އެއް މިންގަނޑަކީ، ދެ ޚަބަރުގެ ތާރީޚެވެ. ދެ ޚަބަރުގެ ތާރީޚު އެނގިފައި، އެއް ޚަބަރު އަނެއް ޚަބަރަށްވުރެ ތާރީޚީގޮތުން އިސްވާނަމަ، އެ ތަނުން ފަހުގެ ޚަބަރަކީ ކުރީގެ ޚަބަރު ނަސްޚުކުރާ އެތި ކަމުގައި ބެލެވޭނެއެވެ. ހަމަމިގޮތަށް، އަނެއް މިންގަނޑަކީ، ނާސިޚުކުރާ ޚަބަރު ނަސްޚުކުރެވޭ ޚަބަރާއި ސާބިތުވުމުގައި ޤަޠުޢީވުމާއި ޡައްނީވުމުގައި ބާރުގަދަކަމުގެ ގޮތުން އެއް ދަރަޖައެއްގައިވުން ނުވަތަ އެއަށްވުރެ ވަރުގަދަވުމެވެ. އެގޮތުން، ގިނަ ޢިލްމުވެރިންގެ އަރިހުގައި ޤަޠުޢީ ޚަބަރެއް އާޙާދު ޚަބަރަކުން ނަސްޚެއް ނުވާނެއެވެ. އެހެންނަމަވެސް، ޡާހިރީންނާއި އަލްބާޖީއާއި އަލްޖަލާލުލްމަޙައްލީ އަދި އެހެންވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި، އާޙާދު ޚަބަރުތަކުން ވެސް މުތަވާތިރު ޚަބަރުތައް ނަސްޚުކުރެވިދާނެއެވެ.

އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި، ޖިންސުގެ ގޮތުން ނާސިޚުއާއި މަންސޫޚު އެއްގޮތްވުމީ ވެސް ޝަރުޠެކެވެ. އެގޮތުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއް އެ ނަބިއްޔާގެ ޢަމަލުފުޅަކުން ނަސްޚެއް ނުވާނެއެވެ. އަދި އެ ނަބިއްޔާގެ ޢަމަލުފުޅެއް އެ ނަބިއްޔާގެ ބަސްފުޅަކުން ނަސްޚެއް ނުވާނެއެވެ. ބައެއް ބޭފުޅުން މި ރައުޔު ޝާފިޢީންގެ ފާޅުކަންބޮޑު ރައުޔުގެ ގޮތުގައި ނިސްބަތްކުރައްވަތެވެ. އެހެންނަމަވެސް، އިމާމުލްޙަރަމައިނި އަލްޖުވައިނީ މި ނިސްބަތްކުރުމަށް އިންކާރުކުރައްވަތެވެ. އަދި އެ ގޮތަށް ވެސް ނަސްޚުވާނެކަމުގައި ވިދާޅުވިއެވެ. އަދި މިފަދައިން އަލްޤާޟީ އަލްބާޤިއްލާނީ ވެސް ވިދާޅުވެފައިވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =