[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

ޤަވާޢިދު: نَسْخُ الكِتَابِ بِالسُّنَّةِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ޤުރުއާން ނަސްޚުވުން ޖާއިޒު}

މި ޤަވާޢިދުގެ މުރާދު: ސުންނަތުން ޤުރުއާން ނަސްޚުކުރެވުމީ ޖުމްލަގޮތެއްގައި ވެދާނެކަމެކެވެ. އެހެނީ، ޞައްޙަ ނަބަވީ ސުންނަތަކީ ޤުރުއާންފަދައިން ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ވަޙީއެވެ. އެ ދޭތީގެ ވެސް މަޞްދަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމުގައިވާތީ، ސުންނަތުން ވެސް ޤުރުއާން ނަސްޚުކުރެވިދާނެއެވެ. މިއީ، ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތެވެ.

އަދި އެ ބޭފުޅުން މިސާލެއްގެ ގޮތުން، މައިންބަފައިންނަށް ވަޞިއްޔަތްކުރުމާގުޅޭ އާޔަތް ގެންނަވަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ) (ސޫރަތުލްބަޤަރާ: 180) މާނައީ: [ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް ޙާޟިރުވާހިނދު އެ މީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ، އެމީހާގެ މިލްކުގައި މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރްޟުކުރައްވައިފިއެވެ. (އެކަން އޮތީ) ތަޤުވާވެރިންގެ މައްޗަށް އޮތް ޙައްޤެއް ކަމުގައެވެ.] މި އާޔަތް ވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު [لَا وَصِيَّةَ لِوَارِثٍ] {ވާރުތަވެރިޔަކަށް ވަޞިއްޔަތްކުރުމެއް ނުވެއެވެ.} އިން މަންސޫޚުކުރެވިފައެވެ.

އެހެންނަމަވެސް، މިއާ ޚިލާފަށް، ޝާފިޢީންކުރެ ބައެއް ބޭފުޅުންނާއި އަހްލުލްޙަދީޘްގެ ގިނަ ބޭފުޅުން ވިދާޅުވަނީ، އެއްވެސް ހާލެއްގައި ސުންނަތުން ޤުރުއާން ނަސްޚު ނުކުރެވޭނެކަމުގައެވެ. އަދި ދަލީލެއްގެ ގޮތުން ﷲ ތަޢާލާގެ މި ވަޙީބަސްފުޅު ގެންނަވަތެވެ. (مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ) (ސޫރަތުލްބަޤަރާ: 106) މާނައީ: [ތިމަންރަސްކަލާނގެ ނަސްޚުކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟] އެ ބޭފުޅުން ވިދާޅުވަނީ، މާތްކަން ބޮޑު ނުވަތަ މަތިވެރިކަން ބޮޑު އެއްޗަކުން މެނުވީ ނަސްޚު ނުކުރެވޭނެކަން މި އާޔަތުގައި އެ ވަނީ ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައެވެ. ސުންނަތް ޤުރުއާނަށްވުރެ މާތްކަން ބޮޑުވެގެނެއް ނުވެއެވެ. ވީއިރު، ސުންނަތުން ޤުރުއާން ނަސްޚުވުމީ ނުވާނޭކަމެކެވެ.

ޖަވާބުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ނަސްޚުކުރެވޭ އާޔަތަށްވުރެ ހެޔޮ ނުވަތަ އެއާ އެއްފަދަ އާޔަތެއް ގެނެސްދެއްވާނެޔޭ އެއޮތް ވަޙީބަސްފުޅު ރުޖޫޢަވަނީ، އާޔަތުގެ ޒާތަކަށް ނޫނެވެ. ނަސްޚުކުރާ ޙުކުމްފުޅަށެވެ. އެގޮތުން، ނަސްޚުކުރާ ޙުކުމްފުޅަކީ، ނަސްޚުކުރެވޭ ޙުކުމްފުޅަށްވުރެ ހެޔޮކަން ބޮޑު އަދި މަޞްލަޙަތު ބޮޑު ޙުކުމްފުޅަކަށް ވާނެއެވެ.

ސުންނަތުން ޤުރުއާން ނަސްޚުކުރުމުގައި ސުންނަތުގެ ދައުރާގުޅޭގޮތުން ގިނަ ޢިލްމުވެރިންނާއި އިމާމު ޝާފިޢީ އާ ދެމެދު ކުޑަ ރައުޔުތަފާތުވުމެއް އުފެދިފައިވެއެވެ. ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، ސުންނަތަކީ ޤުރުއާނުގައިވާ ތަކެތި ނަސްޚުކުރާ އެއްޗެކެވެ. މިއާ ޚިލާފަށް، އިމާމު ޝާފިޢީ ދެކެވަޑައިގަންނަވަނީ، ސުންނަތަކީ ޤުރުއާނުން ޤުރުއާން ނަސްޚުކުރެވިފައިވާކަން ބަޔާންކޮށްދޭ އެއްޗެއްގެ ގޮތުގައެވެ.

މި ދެންނެވުނީ ސުންނަތުން ޤުރުއާން ނަސްޚުކުރެވުމުގެ މައްސަލައިގައި ޖުމްލަގޮތެއްގައި ދެކެވިފައިވާ ވާހަކައެވެ. އެހެންނަމަވެސް، މި މައްސަލައިގައި އިތުރު ތަފްޞީލުތަކެއް ވެއެވެ.

ޙަނަފީން ފިޔަވައި އެހެން ޢިލްމުވެރިން، ސުންނަތް ދެ ބަޔަކަށް ބައްސަވަތެވެ. އެއީ، މުތަވާތިރަށާއި އާޙާދަށެވެ. ސުންނަތުން ޤުރުއާން ނަސްޚުކުރެވިދާނެޔޭ ޖުމްލަގޮތެއްގައި ވިދާޅުވާ ބޭފުޅުންގެ މެދުގައި، މުތަވާތިރު ސުންނަތުން ޤުރުއާން ނަސްޚުކުރެވިދާނެކަމާމެދު އެއްވެސް ރައުޔުތަފާތުވުމެއް ނުވެއެވެ. އެއީ، މުތަވާތިރު ސުންނަތަކީ ޤަޠުޢީކޮށް ސާބިތުވެފައިވާ އެއްޗަކަށްވާތީ، އެއީ ބާރުގަދަކަމުގެ ގޮތުން ޤުރުއާނާއި އެއްފަދަ އެއްޗެއްގެ ގޮތުގައި ބަލާ ބެލުމުގެ މައްޗަށް ބިނާކޮށެވެ.

މިއާ ޚިލާފަށް، އާޙާދު ސުންނަތުން ޤުރުއާން ނަސްޚުކުރެވިދާނެތޯ ކަނޑައެޅުމުގެ މައްސަލައިގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، އެ ގޮތަށް ނަސްޚުވުމީ ބުއްދީގެ ގޮތުން ބަލާއިރު ހިނގުން އެކަށީގެންވާ ކަމެއް ކަމުގައެވެ. އެއީ، ނަސްޚުގެ މަޙައްލަކީ (އެބަހީ، ނަސްޚުވުން ހިނގާ ތަނަކީ) ޙުކުމްކަމުގައިވެފައި، އެ ބޭފުޅުންގެ ނަޒަރުގައި ޤުރުއާނުން ޙުކުމްފުޅަށް ދަލީލުކޮށްދެނީ ޡައްނީކޮށް ކަމުގައިވުމުން، އާޙާދު ސުންނަތާއި ޤުރުއާނުން ވެސް ޙުކުމްފުޅަށް ދަލީލުކޮށްދެނީ ޡައްނީކޮށް ކަމުގައިވާތީއެވެ.

އެހެންނަމަވެސް، އާޙާދު ސުންނަތުން ޤުރުއާން ނަސްޚުވުމީ ހިނގާފައިވާ ކަމެއްތޯ ކަނޑައެޅުމުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، އެ ކަން އެ ގޮތަށް ހިނގާފައިނުވާ ކަމުގައެވެ. މިއާ ޚިލާފަށް، ބައެއް އުޞޫލީ ޢިލްމުވެރިންނާއި ޡާހިރީންކުރެ އިބްނު ޙަޒްމުފަދަ ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވަނީ، އެ ގޮތަށް ކަން ހިނގާފައިވާ ކަމުގައެވެ. އަދި އާޙާދު ސުންނަތުން ޤުރުއާން ނަސްޚުވުމުގެ މައްސަލައިގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެ ކަން ހިނގާފައި އޮތުމީ ޝަރުޠެއް ކަމުގައި އަލްބާޤިއްލާނީއާއި އަލްޣަޒާލީއާއި އަލްބާޖީ ދެކިވަޑައިގަންނަވަތެވެ.

ދެން ފަހެ، ޙަނަފީން ސުންނަތް ތިން ބަޔަކަށް ބައްސަވަތެވެ. އެއީ، މުތަވާތިރާއި މަޝްހޫރާއި އާޙާދެވެ. ޙަނަފީންގެ ނަޒަރުގައި، ނަސްޚުކުރުމުގެ މައްސަލައިގައި މަޝްހޫރު ސުންނަތަކީ މުތަވާތިރު ސުންނަތާއި އެއްފަދަ އެއްޗެކެވެ. އެ ބޭފުޅުންގެ އަރިހުގައި، މަޝްހޫރު ސުންނަތް ނުވަތަ މަޝްހޫރު ޚަބަރަކީ، ފުރަތަމަ ޤަރުނުގައި (ނުވަތަ ފުރަތަމަ ޠަބަޤާގައި) އާޙާދު ޚަބަރެއްގެ ގޮތުގައި އޮވެފައި، ދެވަނަ އަދި ތިންވަނަ ޤަރުނުގައި (ނުވަތަ ޠަބަޤާގައި) މުތަވާތިރުގެ ދަރަޖައަށް ފޯރާފައިވާ ޚަބަރެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =