ޤަވާޢިދު: الـمُتَأَخَّرُ مِنَ النَّصَّيْنِ نَاسِخٌ لِلمُتَقَدَّمِ
މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ނައްޞުގެ ތެރެއިން ފަހުގެ ނައްޞަކީ ކުރީގެ ނައްޞު ނަސްޚުކުރާ އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: ނަސްޚުކުރާ ދަލީލަކީ ނަސްޚުކުރެވޭ ދަލީލަށްވުރެ ޒަމާނުގެ ގޮތުން ފަހުގެ ދަލީލެއް ކަމުގައި ކޮންމެހެންވެސް ވާންޖެހޭނެއެވެ. އެހެނީ، ކުރިން އައިސްފައިވާ ދަލީލަކުން ފަހުގެ ދަލީލެއް ނަސްޚެއް ނުކުރެވޭނެއެވެ.
ޤަވާޢިދު: النَّسْخُ لَا يَثْبُتُ إِلَّا بِدَلِيْلٍ
މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ނަސްޚުވުން ސާބިތެއް ނުވާނެ}
މި ޤަވާޢިދުގެ މުރާދު: ނަސްޚުވެފައިވާކަމަށް ބުނުމީ ކުރެވޭ ދަޢުވާއެކެވެ. އެ ދަޢުވާ ސާބިތުކުރުމަށް ޝަރުޢީ ދަލީލަކަށް ބޭނުންޖެހިގެންވެއެވެ. ސަބަބަކީ، ނަސްޚުވެފައިވާކަމަށް ބުނުމީ އަޞްލު އޮތްގޮތާ ފުށުއަރާ ބުނުމަކަށްވެފައި، އަޞްލަކީ ނަސްޚުވެފައިނުވުން ކަމުގައިވާތީއެވެ. އަދި ޝަރުޢީ ދަލީލެއް ބާޠިލުކޮށްލެވޭނީ ޝަރުޢީ ދަލީލަކުން ކަމުގައިވާތީއެވެ. އަދި ހަމައެހެންމެ، ނާސިޚުގައި އޮންނާނީ މުޅިން އައު ތަކުލީފީ ޙުކުމަކަށްވެފައި، ތަކުލީފީ ޙުކުމެއް ކަނޑައެޅޭނީ ޝަރުޢީ ދަލީލަކުން ކަމުގައިވާތީއެވެ.
ނަސްޚުވުން ސާބިތުކޮށްދިނުމަށް ގެންނަ ޝަރުޢީ ދަލީލުން ނަސްޚުވެފައިވާކަން ދެނެގަނެވޭނޭ މަގުތަކާއި މިންގަނޑުތައް އިސްވެދިޔަ ޤަވާޢިދެއްގައި ވާނީ ބަޔާންކުރެވިފައެވެ.
ޤަވާޢިދު: نَسْخُ جُزْءِ العِبَادَةِ أَوْ شَرْطِهَا لَيْسَ نَسْخًا لِجَمِيْعِهَا
މި ޤަވާޢިދުގެ ތަރުޖަމާ: {އަޅުކަމެއްގެ ބައެއް ނުވަތަ ޝަރުޠެއް ނަސްޚުވުމީ އެ އަޅުކަން އެއްކޮށް ނަސްޚުވުމެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން އަޅުކަމުގައި ހިމެނޭ ބަޔެއް ނުވަތަ އަޅުކަމުގެ ޝަރުޠެއް ނަސްޚުކުރައްވައިފިނަމަ، އަޅުކަމުން އެ އުނިކުރެވުނު މިންވަރު ނަސްޚުވެގެންދާނެކަމާމެދު އެއްވެސް ރައުޔުތަފާތުވުމެއް ނުވެއެވެ. ދެން، އެ އަޅުކަމުގެ ބާކީބަޔާމެދު (ދަންނައެވެ!) ފަހެ، އެ ބަޔަށް ގޮތެއް ނިންމުމުގައި ބަލާނީ ނަސްޚުވެގެންދިޔަ ބަޔަށެވެ. ނަސްޚުވެގެންދިޔަ ބަޔަކީ، އެ އަޅުކަން ޞައްޙަވުން އޭގެ މައްޗަށް ބިނާވާ ކަމަކަށް ނުވާނަމަ، މިސާލަކަށް ސުންނަތަކަށްވާނަމަ، އޭގެ ސަބަބުން އެ އަޅުކަމުގެ އަނެއް ބައިތައް ނަސްޚުނުވާނެކަމާމެދު ވެސް އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ. މި ގޮތަށް އަލްއާމިދީއާއި އައްރާޒީ ނަޤުލުކުރައްވާފައިވެއެވެ. އެހެންނަމަވެސް، މި ކަމުގައި ޚިލާފު އުފެދުން އެކަށީގެންވާކަމަށް ބެލެވޭކަމަށް އަލްޣަޒާލީ ވިދާޅުވެފައިވެއެވެ. އަދި ފަހުން މި ދެންނެވިގޮތަށް އައްޝީރާޒީ ޞަރީޙަކޮށް ވިދާޅުވެފައިވެއެވެ.
ދެން ފަހެ، ނަސްޚުވެގެންދިޔަ ބަޔަކީ، އެ އަޅުކަން ޞައްޙަވުން އޭގެ މައްޗަށް ބިނާވާ ކަމަކަށް ވާނަމަ، އޭގެ ސަބަބުން އެ އަޅުކަމުގެ އަނެއް ބައިތައް ވެސް ނަސްޚުވުމާމެދު ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެ ތަނުން އެންމެ މުހިއްމު ރައުޔުތަކަކީ:
- ފުރަތަމަ ރައުޔު: އަޅުކަމުގެ އެއްބައި ނަސްޚުކުރެއްވުމަކުން އޭގެ ދެން ހުރި ބައިތައް ނަސްޚުވީ ކަމުގައެއް ނުވާނެއެވެ. މިއީ، އަލްކަރްޚީއާއި އަބޫ ޢަބްދުﷲ އަލްބަޞަރީގެ ރައުޔެވެ. އަދި ޝާފިޢީގެ ގިނަ ދަރިވަރުންނަށާއި އަލްއާމިދީއަށާއި އައްރާޒީއަށާއި އަބޫ އިސްޙާޤު އައްޝީރާޒީއަށާއި އަބުލްޙުސައިން އަލްބަޞަރީއަށް މި ރައުޔު ނިސްބަތްކުރެވިފައިވެއެވެ. އަދި މިއީ، ޙަންބަލީން އިޚްތިޔާރުކުރައްވާ ރައުޔެވެ. އަދި މިއީ މި ޤަވާޢިދުގައި ވެސް ބަޔާންވެފައިވާ ގޮތެވެ.
- ދެވަނަ ރައުޔު: އަޅުކަމުގެ އެއްބައި ނަސްޚުކުރެއްވުމުން މުޅި އެ އަޅުކަން ނަސްޚުވެގެންދާނެއެވެ. މިއީ، އަބޫ ޙާމިދު އަލްޣަޒާލީގެ ރައުޔެވެ. އަދި ޙަނަފީން މި ގޮތަށް ވިދާޅުވާކަމަށް އިބްނު ބުރުހާން ވިދާޅުވެފައިވެއެވެ.
- ތިންވަނަ ރައުޔު: ނަސްޚުކުރެއްވުނީ އަޅުކަމުގެ ރުކުނެއް ކަމުގައިވާނަމަ، މިސާލަކަށް ނަމާދުގައިނަމަ ޤިބުލައަށް ކުރިމަތިލުމާއި ރުކޫޢުކުރުންފަދަ، އެ މުޅި އަޅުކަން ނަސްޚުވެގެންދާނެއެވެ. މިއާ ޚިލާފަށް، ނަސްޚުކުރެއްވުނީ އަޅުކަމުގެ ޝަރުޠެއް ކަމުގައިވާނަމަ، މިސާލަކަށް ނަމާދުގައިނަމަ ވުޟޫކުރުން، އެ މުޅި އަޅުކަން ނަސްޚުވެގެނެއް ނުދާނެއެވެ. މިއީ، އަލްޤާޟީ ޢަބްދުލްޖައްބާރުގެ ރައުޔެވެ. އަދި މި ރައުޔު އަލްޣަޒާލީއަށް އައްޝައުކާނީ ނިސްބަތްކުރައްވާފައިވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =