[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10

ޤަވާޢިދު: الأَخْبَارُ الـمَحْضَةُ لَا يَدْخُلُهَا النَّسْخُ

މި ޤަވާޢިދުގެ ތަރުޖަމާ: {ޚާލިޞް ޚަބަރުތަކަކީ އެއަށް ނަސްޚުވުން ވަންނަ އެއްޗެއް ނޫން}

މި ޤަވާޢިދުގެ މުރާދު: ޚަބަރަކީ އޭގެ ޒާތުގައި ތެދަކަށްވުމާއި ދޮގަކަށްވުމުގެ އިޙްތިމާލު އޮންނަ އެއްޗެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ޚާލިޞް ޚަބަރުތަކަކީ (އެބަހީ، ދައްޖާލު ފާޅުވުންފަދަ ބަދަލުއައުމެއް ނުވާ ނުވަތަ އެންމެ ގޮތަކަށް މެނުވީ ނުހިނގާ ޚަބަރުތަކަކީ) އެއްވެސް ހާލަތެއްގައި ނަސްޚުވާނޭ އެއްޗެއް ނޫނެވެ. މި ކަމާމެދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.

މިއާ ޚިލާފަށް، އެ ޚަބަރަކީ އަމުރާއި ނަހީގެ މާނައިގައި ހިމެނޭ ޚަބަރެއްނަމަ، އެ ޚަބަރު ނަސްޚުވުން އެކަށީގެންވެއެވެ. މި ކަމާމެދު އެއްވެސް ރައުޔުތަފާތުވުމެއް ނުވެއެވެ. އަމުރުގެ މާނައިގައި ހިމެނޭ ޚަބަރުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ) (ސޫރަތުލްބަޤަރާ: 228 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ޤުރްއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!] މި ޚަބަރަކީ އަމުރުގެ މާނައިގައި ހިމެނޭ ޚަބަރެކެވެ. އެހެންކަމުން، އެ ކަނބަލުން ތިން ޤުރްއު ވަންދެން މަޑުކުރަންޖެހޭނެތެވެ.

އަދި ނަހީގެ މާނައިގައި ހިމެނޭ ޚަބަރުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. (لا تُزوجُ المرأةُ المرأة، ولا تزوجُ المرأةُ نفسها، فإن الزانية هي التي تزوج نفسها) މާނައީ: [އަންހެނަކަށް އަންހެނެއްގެ ކައިވެނި ކޮށެއް ނުދެވޭނެއެވެ. އަދި އަންހެނަކަށް އޭނާގެ އަމިއްލަ ކައިވެނި ކޮށެއް ނުދެވޭނެއެވެ. ފަހެ، އަމިއްލައަށް ކައިވެނިކުރަނީ ޒިނޭކުރާ އަންހެނާއެވެ.] އެބަހީ، އަންހެނަކު އަމިއްލައަށް އަމިއްލަ ކައިވެނިކުރުމާއި އެހެން މީހެއްގެ ކައިވެނިކޮށްދިނުން މި ޚަބަރުގައި އެ ވަނީ ނަހީކުރެވިގެންނެވެ. ގިނަ ޢިލްމުވެރިންގެ ނަޒަރުގައި މިފަދަ ޚަބަރުތައް ނަސްޚުވުން އެކަށީގެންވެއެވެ. އެހެނީ، މިއީ ޚަބަރެއްގެ ޢިބާރާތުން އައިސްފައިވާ އަމުރުތަކަކާއި ނަހީތަކެއް ކަމުގައިވާތީއެވެ. އެހެންކަމުން، މިއީ ޚާލިޞް ޚަބަރުތަކެއް ކަމުގައެއް ނުބެލެވޭނެތެވެ.

ހަމައެހެންމެ، އެ ޚަބަރަކީ ބަދަލުއައުން ޞައްޙަ ޚަބަރެއްކަމުގައިވާނަމަ، އެއަށް ނަސްޚުވުން ވަނުން އެކަށީގެންވޭތޯ ކަނޑައެޅުމުގައި ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެއީ މާޒީގެ ކަމަކާގުޅޭ ނުވަތަ މުސްތަޤުބަލުގެ ކަމަކާގުޅޭ ޚަބަރެއްކަމުގައި ވިޔަސްމެއެވެ. އެގޮތުން، އަބުލްޙުސައިން އަލްބަޞަރީއާއި އަލްޤާޟީ ޢަބްދުލްޖައްބާރާއި އައްރާޒީގެ ނަޒަރުގައި އެއަށް ނަސްޚުވުން ވަނުން މުޠުލަޤުކޮށް އެކަށީގެންވެއެވެ. އަދި މި ރައުޔު ގިނަ އުޞޫލީ ޢިލްމުވެރިންނަށް ނިސްބަތްކުރެވިފައިވެއެވެ.

މިއާ ޚިލާފަށް، އަބޫބަކުރު އައްޞީރަފީއާއި އަބޫ އިސްޙާޤު އަލްމަރޫޒީއާއި އަލްޤާޟީ އަބޫބަކުރާއި އަލްޤާޟީ ޢަބްދުލްވައްހާބާއި އަބޫ ޢަލީ އަލްޖުއްބާއީއާއި އިބްނުއްސަމްޢާނީއާއި އިބްނުލްޙާޖިބާއި އަދިވެސް ޖަމާޢަތެއްގެ އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި އެއަށް ނަސްޚުވުން ވަނުން މަނާވެގެންވެއެވެ.

ބައެއް ބޭފުޅުން މާޒީގެ ކަމަކާގުޅޭ ޚަބަރުތަކާއި މުސްތަޤުބަލުގެ ޚަބަރުތައް ތަފާތުކުރައްވައި ވިދާޅުވަނީ، މާޒީގެ ކަމަކާގުޅޭ ޚަބަރެއްނަމަ، އެއަށް ނަސްޚުވުން ވަނުން މަނާވެގެންވާކަމުގައެވެ. ސަބަބަކީ، އެއީ ދޮގުކުރުމަކަށް ވާނޭތީއެވެ. އަދި މުސްތަޤުބަލުގެ ކަމަކާގުޅޭ ޚަބަރެއްނަމަ، އެއަށް ނަސްޚުވުން ވަނުން އެކަށީގެންވާކަމުގައެވެ. ސަބަބަކީ، އޭގައި އަމުރާއި ނަހީ ހިމެނޭތީއާއި، މުސްތަޤުބަލުގެ ކަމެއްނަމަ ދޮގުކުރުންކަމުގައި ނުވާނޭތީއެވެ.

އަދި މަގުފުރެދިފައިވާ ޝީޢީ ފިރުޤާއެއްކަމުގައިވާ އިމާމިއްޔާގެ ބައެއް ފަރާތްތަކުން ބުނަނީ، ލާޒިމުކުރާނަމަ ޚަބަރު ނަސްޚުވުން އެކަށީގެންވާކަމުގައެވެ. އެއީ، މާޒީގެ ކަމަކާގުޅޭ ޚަބަރަކަށް ވިޔަސް ނުވަތަ މުސްތަޤުބަލުގެ ކަމަކާގުޅޭ ޚަބަރަކަށް ވިޔަސްމެއެވެ. އެއީ، ވަޢުދެއްކަމުގައި ވިޔަސް ނުވަތަ ވަޢީދެއްކަމުގައި ވިޔަސްމެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =