[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 11

ޤަވާޢިދު: الفَضَائِلُ لَا تُنْسَخُ

މި ޤަވާޢިދުގެ ތަރުޖަމާ: {ފަޟީލަތްތައް ނަސްޚެއް ނުވާނެ}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، [ފަޟާއިލު] ނުވަތަ ފަޟީލަތްތަކަކީ ނަސްޚު ނުވާނޭ އެއްޗެއް ކަމުގައެވެ.

ބަހުގެ ގޮތުން ފަޟީލަތަކީ، ވަކި ޝަޚުޞެއްގައި ނުވަތަ ވަކި ޢަމަލެއްގައި ހުންނަ ޚާއްޞަ ކަމެވެ. މި ތަނުގައި ފަޟީލަތްތަކޭ ބުނެވޭ ބަހުގެ މުރާދަކީ، ޝަރުޢުކުރައްވާ ފަރާތުން، އެއްބައި ޢަމަލުތަކުގައި އަނެއްބައި ޢަމަލުތަކުގެ މައްޗަށް ތަފާތުކަމެއް އަދި މާތްކަމެއް ލައްވައި ކަނޑައަޅުއްވައި ހަމަޖައްސަވާފައިވާ ކޮންމެ ޙުކުމެކެވެ. މިސާލަކަށް، ޖަމާޢަތުގެ ނަމާދެވެ. ޖަމާޢަތުގެ ނަމާދުގެ މާތްކަން އެކަހެރިކޮށް ކުރާ ނަމާދަށްވުރެ ބޮޑެވެ. އަދި ތައުބާގެ މާތްކަމެވެ. ތައުބާއަކީ އޭގެ ސަބަބުން އިސްވެދިޔަ ފާފަތަކާއި އުރެދުންތައް އިޞްލާޙުކޮށް ފޫބައްދައިދޭ މާ މާތްކަންބޮޑު ކަމެކެވެ. އަދި އަލްމަސްޖިދުލްޙަރާމުގައި ކުރާ ނަމާދެވެ. އެ މިސްކިތުގައި ކުރާ ނަމާދަކީ އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެތަކެއް ގުނައެއް މާތްކަންބޮޑު ނަމާދެކެވެ.

މިފަދަ މާތްކަން އެކުލެވޭ ޙުކުމްތަކަކީ، ފަހުން އަންނަ ޚަބަރަކުން ނަސްޚުވާނޭ ޙުކުމްތަކެއް ނޫނެވެ. އެހެނީ، އެއީ ﷲ ތަޢާލާގެ އިޙްސާންތެރިވަންތަކަމާއި ފަޟްލުވަންތަކަމުގެ އަސަރުތަކަކަށްވާތީ، އެ އަނބުރައި ނުގެންދަވާނެތީއެވެ.

އަދި މި ފަޟާއިލުތަކުގެ ތެރެއަށް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޚާއްޞަ ކަންކަން ހިމެނެއެވެ. އެފަދަ އެއްވެސް ކަމެއް ނަސްޚެއް ނުވާނެއެވެ.

މި ޤަވާޢިދުގެ ބޭނުމަކީ ނަސްޚު ނުވާނޭ ބައެއް ދާއިރާތައް ބަޔާންކޮށްދިނުމެވެ. އަދި އެއިން ދާއިރާއަކަށް ނިސްބަތްވާ ޙުކުމެއް ނަސްޚުނުވާނޭކަން ބަޔާންކޮށްދިނުމެވެ. އާންމު ގޮތެއްގައި މި ޤަވާޢިދުގެ ބޭނުންކުރެވެނީ، ދެ ނައްޞެއް ބޭރުފުށުން ފުށުއަރާތީ ފެންނަ ހާލަތްތަކުގައި، އެ ތަނުން އެއް ނައްޞު މަންސޫޚުވެފައިވޭތޯ ބަލާއިރުގައެވެ. މި ޤަވާޢިދުން އެނގެނީ، ފަޟާއިލުގެ ތެރެއަށް ވަންނަ ކަމަކާގުޅޭ ނައްޞެއްނަމަ، އެއީ މަންސޫޚުވެފައިވާ ނައްޞަކަށްވުން ޞައްޙަވެގެން ނުވާކަމެވެ.

ޤަވާޢިދު: النَّسْخُ لَا يَجُوزُ بِالقِيَاسِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤިޔާސުން ނަސްޚުކުރުން ހުއްދައެއް ނޫން}

މި ޤަވާޢިދުގެ މުރާދު: ޤިޔާސްއަކީ އެއްވެސް ހާލަތެއްގައި ނާސިޚުއަކަށްވުން (ނަސްޚުކުރާ އެއްޗަކަށްވުން) އެކަށީގެންވާ އެއްޗެއް ނޫނެވެ. މަންސޫޚުއަކީ (ނަސްޚުވެގެންދަނީ) ނައްޞެއް ކަމުގައި ވިޔަސް ނުވަތަ ނައްޞެއް ކަމުގައި ނުވިޔަސްމެއެވެ. އެ ޤިޔާސްއަކީ القِيَاسُ الـجَلِـيُّ އެއް ކަމުގައި ވިޔަސް ނުވަތަ القِيَاسُ الـخَفِـيُّ އެއް ކަމުގައި ވިޔަސްމެއެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އަލްހިންދީ ވިދާޅުވެފައިވަނީ، މި މައްސަލައިގައި ރައުޔުތަފާތުވުން އުފެދިފައިވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި މި ގޮތަށް ކަންތައްވެފައިވާނަމަ، ނަސްޚުވާނެކަމާމެދުގައެވެ. އެ ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު ކުރެވުނު ޤިޔާސަކުން ނަސްޚު ނުވާނެކަމާމެދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާކަމުގައެވެ.

ކޮންމެއަކަސް، މި މައްސަލައިގައި ގިނަ އުޞޫލީ ޢިލްމުވެރިންނާ ޚިލާފަށް، ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، ހުރިހާ ހާލަތެއްގައި ވެސް ޤިޔާސުން ނަސްޚުކުރެވިދާނެއެވެ. ސަބަބެއްކަމުގައި ވިދާޅުވަނީ، ޤިޔާސުން ތަޚްޞީޞުކުރެވޭތީއެވެ.

އަދި އަބުލްޤާސިމް އަލްއަންމާޠީގެ ނަޒަރުގައި، القِيَاسُ الـجَلِـيُّ އެއްނަމަ އެއިން ނަސްޚުކުރެވިދާނެއެވެ. އެހެންނަމަވެސް، القِيَاسُ الـخَفِـيُّ އެއްނަމަ އެއިން ނަސްޚެއް ނުކުރެވޭނެއެވެ. ސަބަބެއްކަމުގައި ވިދާޅުވަނީ، القِيَاسُ الـجَلِـيُّ އަކީ ނައްޞުގެ މާނައިގައިވާ އެއްޗެއްކަމުގައި ވާތީއެވެ. އެހެންނަމަވެސް، މި ރައުޔުގެ ރައްދުގައި ބުނެވެނީ، ނައްޞުތައް ނަސްޚުވެފައިވާކަމަށް ނިންމާ ހާލަތްތަކުގައި އެގޮތަށް ނިންމެނީ، ނައްޞެއް އެހެން ނައްޞަކާ ފުށުއަރާތީ ފެނުމުން، އެ ތަނުން އެއް ނައްޞު ބާޠިލުކަމަށް ނުނިންމޭތީކަމުގައެވެ. މިއާ ޚިލާފަށް، ޤިޔާސެއް ނައްޞަކާ ފުށުއަރާނަމަ، އެ ޤިޔާސް ބާޠިލުކަމަށް ނިންމޭނެތީ، ޤިޔާސުން ނައްޞެއް ނަސްޚެއް ނުކުރެވޭނެއެވެ.

އަދި ބައެއް ބޭފުޅުން، ޢިއްލަތު ނައްޞުކުރެވިފައިވާ ޤިޔާސްތަކާއި އެ ނޫން ޤިޔާސްތައް ތަފާތުކުރައްވައި ވިދާޅުވަނީ، ޢިއްލަތު ނައްޞުކުރެވިފައިވާ ޤިޔާސެއްނަމަ، އެއިން ނައްޞުފަދަ އެހެނިހެން ތަކެތި ނަސްޚުކުރެވޭނެކަމުގައެވެ. އެހެންނަމަވެސް، އެ ޤިޔާސަކީ ޢިއްލަތު ނައްޞުކުރެވިފައިވާ ޤިޔާސެއް ނޫންނަމަ (އެބަހީ، ޢިއްލަތު އިސްތިންބާޠުކުރެވިފައިވާ ޤިޔާސެއްނަމަ)، އެއިން އެހެން ތަކެތި ނަސްޚު ނުކުރެވޭނެކަމުގައެވެ. ސަބަބައްގެ ގޮތުން ވިދާޅުވަނީ، ޢިއްލަތު ނައްޞުކުރެވިފައިނުވާނަމަ، އެ ވާހުށީ އިސްތިންބާޠުކުރެވިފައިވާ ޢިއްލަތެއްކަމުގައެވެ. އިސްތިންބާޠުކުރެވިފައިވާނީ މުޖުތަހިދު ޢިލްމުވެރިޔާގެ އިޖުތިހާދުންނެވެ. އަދި މުޖުތަހިދު ޢިލްމުވެރިޔާގެ އިޖުތިހާދު އެއީ ކުށަކަށްވުމުގެ ފުރުސަތު އޮތް އެއްޗެކެވެ. އެހެންކަމުން، އެފަދަ އެއްޗެއްގައި ޝަރުޢީ ޙުކުމެއް ބާޠިލުކޮށްލާނޭފަދަ ބާރުގަދަކަމެއް ނުވެއެވެ. މިއާ ޚިލާފަށް، ޢިއްލަތު ނައްޞުކުރެވިފައިވާނަމަ، އެ ވާހުށީ ޝަރުޢުކުރައްވާ ފަރާތުގެ ޙުކުމަކަށެވެ. އެ ފަރާތަކީ ކުށްތަކުން މަޢުޞޫމްވެގެންވާ ފަރާތެވެ. އެހެންކަމުން، އޭގައި ބާރު އެބަހުށްޓެވެ.

އަލްބައިޟާވީގެ ނަޒަރުގައި، ބާރުގަދަ ޤިޔާސުން (القِيَاسُ الأَقْوَى އިން) ނުވަތަ ފާޅުކަންބޮޑު ޤިޔާސުން (القِيَاسُ الأَجْلَى އިން)، އެއަށްވުރެ ބާރުދެރަ ޤިޔާސް (القِيَاسُ الأَدْنَى) ނަސްޚުކުރެވިދާނެއެވެ. މި ހާލަތުގައި ނާސިޚާއި މަންސޫޚަކީ ވެސް ޤިޔާސަކަށް ވާނެއެވެ.

ދެން ފަހެ، މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް ޤިޔާސުން ނަސްޚު ނުކުރެވޭއިރު، އިޖުތިހާދުގެ އެހެން އެއްވެސް ވައްތަރަކުން ވެސް ނަސްޚު ނުކުރެވުން މާ އައުލާކަން ބޮޑުވެގެންވެއެވެ. އެހެނީ، އިޖުތިހާދަކީ ނައްޞުގެ ނަތީޖާއެވެ. އެއްޗެއްގެ ނަތީޖާއަކުން އެ އެތި ނަސްޚެއް ނުކުރެވޭނެއެވެ. އަދި އެ އެތީގެ ޙުކުމް ފިލުވައިލައި ނައްތައެއް ނުލެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =