ޤަވާޢިދު: الوُجُوبُ إِذَا نُسِخَ بَقِيَ الجَوَازُ
މި ޤަވާޢިދުގެ ތަރުޖަމާ: {ވާޖިބުކަން ނަސްޚުވެއްޖެނަމަ، ޖާއިޒުކަން ދެމިއޮންނާނެ}
މި ޤަވާޢިދުގެ މުރާދު: ވަކި ކަމެއް ވާޖިބުކުރައްވައި އަމުރެއް ވާރިދުވެފައި، އޭގެ ފަހުން އެހެން ނައްޞަކުން އެ ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، އެއްގޮތަކީ، ނަސްޚުކުރާ ނައްޞުން އައު ޙުކުމަކަށް ދަލީލުކޮށްދިނުމެވެ. އަނެއްގޮތަކީ، ނަސްޚުކުރާ ނައްޞުގައި އައު ޙުކުމެއްގެ ވާހަކަ ބަޔާންވެފައި ނެތުމެވެ. ނަސްޚުކުރާ ނައްޞުން އައު ޙުކުމަކަށް ދަލީލުކޮށްދޭނަމަ، ދެން އޮންނާނީ އެ އައު ޙުކުމް ކަމާމެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ. މިސާލަކަށް، ނަމާދުކުރާއިރު ބައިތުލްމަޤްދިސްއާ ދިމާއަށް ކުރިމަތިލައިގެންހުރުން ނަސްޚުކުރެއްވުމެވެ. އެ ޙުކުމް ނަސްޚުކުރި ނައްޞުން އެނގިގެންދަނީ، ދެން ކުރިމަތިލާންވީ އަލްމަސްޖިދުލްޙަރާމް އާ ދިމާއަށް ކަމެވެ. މިއީ، މުޅިން އައު ޙުކުމެކެވެ. އެހެންކަމުން، ދެން އޮންނާނީ ނަސްޚުކުރާ ނައްޞުން މި ލިއްބައިދިން އައު ޙުކުމެވެ.
އެހެންނަމަވެސް، ނަސްޚުކުރާ ނައްޞުގައި އެ ވާޖިބުކަން ނަސްޚުވުމަށްފަހު އޮންނާނޭ އައު ޙުކުމުގެ ވާހަކަ ބަޔާންވެފައި ނެތްނަމަ، މި ހާލަތުގައި ވާޖިބުކަން ނަސްޚުކުރެއްވުމީ، ކުރުން ޖާއިޒު ކަމެއްގެ ގޮތުގައި ދެން އެ ކަން ދެމިއޮންނާނެކަމުގެ ދަލީލެކެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. ޖާއިޒު ކަމެއްގެ ގޮތުގައި ދެން އޮތުމުގެ މާނައަކީ، އިޒުނަދެވިފައިވާ (އެބަހީ، ހުއްދަ ދެވިފައިވާ) ކަމެއްގެ ގޮތުގައި އޮތުމެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި، ޖާއިޒު ކަމެއްގެ ގޮތުގައި ދެން އޮތުމުގެ މާނައަކީ، މުބާޙު ކަމެއްގެ ގޮތުގައި އޮތުމެވެ. އަދި ބައެއް މާލިކީންނާއި ބައެއް ޝާފިޢީންގެ ނަޒަރުގައި، ޖާއިޒު ކަމެއްގެ ގޮތުގައި ދެން އޮތުމުގެ މާނައަކީ، މުސްތަޙައްބު ކަމެއްގެ ގޮތުގައި އޮތުމެވެ.
މިއާ ޚިލާފަށް، މި ޤަވާޢިދާ ޚިލާފަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، އެހެން ދަލީލަކުން އެ ކަން ޖާއިޒުކަން ނުވަތަ ޖާއިޒު ނޫންކަން އެނގިއްޖައުމަށްދާންދެން، ވަކި ގޮތެއް އިޚްތިޔާރުނުކޮށް ތަވައްޤުފުކޮށް (ހުއްޓި) ހުރުން ލާޒިމުވެގެންވެއެވެ. މިއީ، ޙަނަފީންނާއި އެ ބޭފުޅުންނާ އެއްބަސްވެވަޑައިގަންނަވާ ބޭފުޅުންގެ ރައުޔެވެ.
އަދި މި ޤަވާޢިދާ ޚިލާފަށް ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެއްބައި ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި އެ ކަމުގެ ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، އޭގެ ޙުކުމަކަށްވާނީ އެ ކަން ވާޖިބުކުރެއްވުމުގެ ކުރިން އެ ކަމަށް އޮތް ޙުކުމެވެ. އެއީ، البَرَاءَةُ الأَصْلِيَّةُ ގެ ދަށުން ހުއްދަކަމަކަށް ވެސް ވެދާނެއެވެ. ނުވަތަ ޙަރާމް ކަމަކަށް ވެސް ވެދާނެއެވެ. ނުވަތަ އެ ނޫން ޙުކުމަކަށް ވެސް ވެދާނެއެވެ. މިއީ، އަލްޣަޒާލީއާއި ބައެއް ޙަނަފީންގެ ރައުޔެވެ.
އަދި ހަމައެހެންމެ، މި ޤަވާޢިދާ ޚިލާފަށް ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެއްބައި ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، ދެން އެ ކަމުގެ ޙުކުމަކީ ޙަރާމްކަމުގައި ވެގެންދާނެއެވެ. މި ރައުޔަކީ، ޣަރީބު (ބީރައްޓެހި، އެކަހެރި، ބަލައިނުގަނެވޭ) ރައުޔެއްގެ ގޮތުގައި އައްޒަރުކަޝީ ސިފަކުރައްވާފައިވެއެވެ.
މި މައްސަލައިގައި މިވާ ރައުޔުތަފާތުވުން ރުޖޫޢަވަނީ، އުޞޫލީ އެހެން ޤަވާޢިދެއް ކަމުގައިވާ [إِذَا بَطَلَ الـخُصُوص هَلْ يَبْطِلُ العُمُوم أَوْ لَا؟] (ޚާއްޞަކަން ބާޠިލުކުރެވިއްޖެނަމަ، ޢާއްމުކަން ބާޠިލުވާނެ ހެއްޔެވެ؟ ނުވަތަ ނުވާނެ ހެއްޔެވެ؟) އާމެދު އެ ބޭފުޅުންގެ ތެރޭގައި އުފެދިފައިވާ ރައުޔުތަފާތުވުމަށެވެ. މި މައްސަލައިގައި މިވާ ގޮތަކީ: ކަމެއް ކުރުމުގެ އިޒުނަލިބިފައިވުމުގެ މާނައިގައި އޮންނަ ޖާއިޒުކަން (ހުއްދަކަން) އަކީ، އޭގައި ވާޖިބުކަމާއި މަންދޫބުކަމާއި މުބާޙުކަމާއި މަކުރޫހުކަން އެކުލެވޭ އެއްޗެކެވެ. މި މާނައިގައި ޖާއިޒުކަން ވާޖިބުކަމަށްވުރެ ޢާއްމުކަންބޮޑެވެ. ވާޖިބުކަން އަލްޖަވާޒަށްވުރެ ޚާއްޞަވެގެންވެއެވެ. އެހެންކަމުން، ޚާއްޞަކަން (އެބަހީ، ވާޖިބުކަން) ނައްތައިލެވިއްޖެނަމަ، ޢާއްމުކަން (އެބަހީ، އަލްޖަވާޒު) ވެސް ނެތިގެންދާނެ ހެއްޔެވެ؟ ނުވަތަ ނުދާނެ ހެއްޔެވެ؟ މި މައްސަލައިގައި ޢާއްމުކަން ނެތިގެންނުދާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ވާޖިބުކަން ނަސްޚުކުރެއްވުމުން ދެން ޖާއިޒުކަން ދެމިއޮންނާނެއެވެ. މިއާ ޚިލާފަށް، ޢާއްމުކަން ނެތިގެންދާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ވާޖިބުކަން ނަސްޚުކުރެއްވުމުން ދެން ޖާއިޒުކަމެއް ވެސް ނޯންނާނެއެވެ.
މި މައްސަލައިގައި މިވާ ރައުޔުތަފާތުވުން އުޖޫޢަވާ ކަންތައް ދާދި މިފަދަ ގޮތަކަށް އައްޒަރުކަޝީ ވެސް ބަޔާންކުރައްވާފައިވެއެވެ. އައްޒަރުކަޝީ ވިދާޅުވެފައިވަނީ، މި މައްސަލައިގައި މިވާ ރައުޔުތަފާތުވުން ރުޖޫޢަވަނީ، މުބާޙުއަކީ ވާޖިބުގެ ޖިންސެއްތޯ ނުވަތަ އެއީ އެއް ޖިންސުގެ (އެބަހީ، ޝަރުޢީ ޙުކުމުގެ) ދަށަށް ވަންނަ ދެ ވައްތަރުތޯ ކަނޑައެޅުއްވުމުގައި އެ ބޭފުޅުންގެ ތެރޭގައި އުފެދިފައިވާ ރައުޔުތަފާތުވުމަށް ކަމުގައެވެ. އެގޮތުން، މުބާޙުއަކީ ވާޖިބުގެ ޖިންސެއް ކަމުގައި ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، ދެން ޖާއިޒުކަމެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. މިއާ ޚިލާފަށް، މުބާޙުއަކީ ވާޖިބުގެ ޖިންސެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، ދެން އެއީ ޖާއިޒުކަމެއްގެ ގޮތުގައި އޮތުން ލާޒިމެއް ނޫނެވެ. އެ ދެ ކަމުގެ މެދުގައި އެފަދައިން ކަންތައްވުން ލާޒިމުކުރާނޭފަދަ އެއްވެސް ގުޅުމެއް ނުވެއެވެ.
ދެން ފަހެ، އައްތިލްމުސާނީފަދަ ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، މި މައްސަލައިގައި އުފެދިފައި މިވާ ޚިލާފަކީ، ޖާއިޒުކަން މާނަކުރުމުގައި އުފެދިފައިވާ ލަފްޒީ ޚިލާފެކެވެ. މިއާ ޚިލާފަށް، އައްޒަރުކަޝީއާއި އަލްއިސްނަވީފަދަ އެހެން ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، މި މައްސަލައިގައި އުފެދިފައި މިވާ ޚިލާފަކީ، މަޢުނަވީ ޚިލާފެކެވެ. ޙުކުމްތައް އިސްތިންބާޠުކުރުމުގައި މި ޚިލާފުގެ އަސަރުކުރާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً) (ސޫރަތުލްމުޖާދަލާ: 12 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދަންނަވާނަމަ، ތިޔަބައިމީހުން މުނާޖާދެންނެވުމުގެ ކުރީގައި (ފަޤީރުންނަށް) ޞަދަޤާތެއް ދޭހުށިކަމެވެ!] މި އާޔަތުގައި އެވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ކަމަކަށް އެދޭނަމަ ޞަދަޤާތެއް ދިނުން ވާޖިބުކުރައްވާފައެވެ. ދެން، އެއަށްފަހު މި ވާޖިބުކަން ނަސްޚުކުރައްވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ) (ސޫރަތުލްމުޖާދަލާ: 13 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ތިޔަބައިމީހުންނަށް އެ ކަންތައް ނުކުރެވުނުހިނދު، އަދި ﷲ ތިޔަބައިމީހުންގެ މައްޗަށް ތައުބާލައްވައިފިހިނދު، ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ!] މި އާޔަތުން އެ ވާޖިބުކަން ނަސްޚުކުރެވިގެންދިޔުމުން، ދެން އެ ގޮތަށް ޞަދަޤާތެއް ދިނުމީ ޖާއިޒުކަމެއްގެ ގޮތުގައި ދެމިއޮތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =