[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13

ޤަވާޢިދު: الزِّيَادَةُ عَلَى النَّصِّ لَيْسَتْ نَسْخًا

މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞަށް އިތުރުވުމީ ނަސްޚެއް ނޫން}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ނައްޞެއް ވާރިދުވެފައި، އޭގެ ފަހުން، އެ ނައްޞުގައިވާ ކަންތަކަށް ކަމެއް އިތުރުވާނޭހެން، އަދި ފުރަތަމަ ނައްޞާއި މުސްތަޤިއްލު ނޫން ގޮތަކަށް ދެވަނަ ނައްޞެއް އަތުވެއްޖެނަމަ، އެ ދެވަނަ ނައްޞުގެ ސަބަބުން ފުރަތަމަ ނައްޞު ނަސްޚެއް ނުވާނެއެވެ. އަދި ކިއެއްތަ! އެ ދެވަނަ ނައްޞު ވާހުށީ ބަޔާނަކަށް އަދި ތަޚްޞީޞްއަކަށެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިންގެ ނަޒަރުގައި، މި ހާލަތުގައި އެ ދެވަނަ ނައްޞު ވާހުށީ ފުރަތަމަ ނައްޞު ނަސްޚުކުރާ އެއްޗަކަށެވެ.

މިސާލަކަށް، ޒިނޭކުރާ ޣައިރު މުޙްޞަން މީހާގެ ގައިގައި ޙައްދުޖެހުމުގެ އިތުރުން، އޭނާ އެއް އަހަރު ދުވަހަށް އެކަހެރިކުރުމެވެ. މި މައްސަލައިގައި، ވާރިދުވެފައިވާ އާޔަތުގައި ވަނީ ޙައްދުޖެހުމުގެ ވާހަކަ އެކަންޏެވެ. މިއާ ޚިލާފަށް، މި ކަމާގުޅޭ ޙަދީޘެއްގައި ޙައްދުޖެހުމާއެކު އެއް އަހަރުދުވަސްވާންދެން އެކަހެރިކުރުމަށް ޞައްޙަކޮށް ރިވާވެގެންއައިސްފައިވެއެވެ. މި ސަބަބާހުރެ ފަހުން މި ދެންނެވި ޙަދީޘަކީ އެ އާޔަތް ނަސްޚުކުރާ އެއްޗެއް ކަމުގައި ޙަނަފީން ދެކެއެވެ. އެހެންނަމަވެސް، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، އެ ޙަދީޘަކީ، އެ އާޔަތް ނަސްޚުކުރާ އެއްޗެއް ނޫނެވެ. އެ އާޔަތް އިތުރަށް ބަޔާންކޮށް ތަޚްޞީޞްކޮށްދޭ އެއްޗެކެވެ.

މި މައްސަލައިގައި އުފެދިފައި މިވާ ރައުޔުތަފާތުވުމުގެ ތެރެއަށް ނުވަންނަ ހާލަތްތަކެއް ވެއެވެ. އެއް ހާލަތަކީ، ފުރަތަމަ ނައްޞަށް އިތުރުވި ދެވަނަ ނައްޞަކީ މުސްތަޤިއްލު ނައްޞަކަށްވެފައި، އަދި އިތުރުވީ އެއް ޖިންސެއްގެ އެއްޗެއްކަމުގައި ނުވުމެވެ. މިސާލަކަށް، ފުރަތަމަ ނައްޞުގައި ނަމާދު ވާޖިބުކުރެވިފައި، ދެވަނަ ނައްޞުގައި އަޅުކަމުގެ ތެރެއަށް ޒަކާތުގެ ވާޖިބުކަން އިތުރުކުރެވިފައިވުމެވެ. މި ހާލަތުގައި، އެ ދެވަނަ ނައްޞަކީ ނަސްޚެއް ނޫންކަމާމެދު ހުރިހާ ޢިލްމުވެރިން ވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. އަނެއް ހާލަތަކީ، ފުރަތަމަ ނައްޞަށް އިތުރުވި ދެވަނަ ނައްޞަކީ މުސްތަޤިއްލު ނައްޞަކަށްވެފައި، އަދި އިތުރުވީ އެއް ޖިންސެއްގެ އެއްޗެއްކަމުގައި ވުމެވެ. މިސާލަކަށް، ފުރަތަމަ ނައްޞުގައި ފަރުޟު ފަސްނަމާދުގެ ވާޖިބުކަމުގެ ވާހަކަ އައިސްފައި، ދެވަނަ ނައްޞުގައި އިތުރު ނަމާދެއް ފަރުޟުކުރެވުނުކަމުގެ ވާހަކަ އައިސްފައިވުމެވެ. މި ގޮތަށް ކަންތައްވެފައި އޮވެއްޖެނަމަ މި ހާލަތުގައި، އެ ދެވަނަ ނައްޞަކީ، ވަރަށް ނާދިރު ބޭފުޅެއް ފިޔަވައި ދެން ތިއްބެވި ހުރިހާ ޢިލްމުވެރިންގެ އަރިހުގައި ވެސް ނަސްޚެއް ނޫނެވެ.

މި މައްސަލައިގައި އުފެދިފައި މިވާ ރައުޔުތަފާތުވުމުގެ މައްޗަށް ބިނާކޮށް، ޙަނަފީންގެ އަރިހުގައި، ނައްޞަކަށް އިތުރުކުރެވޭނީ މުތަވާތިރު ނުވަތަ މަޝްހޫރު ޚަބަރަކުންނެވެ. އެފަދަ ހާލަތެއްގައި އެއީ ނަސްޚެއް ކަމުގައި ބެލެވި، ފަހުގެ ނައްޞަށް (އޭގައިވާ އިތުރުކުރުމާއެކު) ޢަމަލުކުރެވޭނެއެވެ. އެހެންނަމަވެސް، އާޙާދު ޚަބަރަކުން ނުވަތަ ޤިޔާސަކުން ނައްޞަކަށް ކަމެއް އިތުރުވާނަމަ، ޙަނަފީންގެ ނަޒަރުގައި އެ އާޙާދު ޚަބަރާއި އެ ޤިޔާސް ޤަބޫލެއް ނުކުރެވޭނެއެވެ. މިއާ ޚިލާފަށް، ގިނަ ޢިލްމުވެރިންގެ އަރިހުގައި، އާޙާދު ޚަބަރުންނާއި ޤިޔާސުން ވެސް ނައްޞަށް އިތުރުކުރެވިދާނެއެވެ. އެފަދަ ހާލަތެއްގައި އެ އާޙާދު ޚަބަރު ނުވަތަ ޤިޔާސް ވާހުށީ ބަޔާނަކަށް ނުވަތަ ތަޚްޞީޞަކަށެވެ. މިސާލަކަށް، ޡިހާރުގެ ކައްފާރާއެއްގެ ގޮތުން އަޅަކު މިނިވަންކުރާއިރު އެ އަޅުމީހާއީ މުއުމިނަކަށްވުމީ ޝަރުޠެއްތޯ ކަނޑައެޅުމުގެ މައްސަލައެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި އެއީ ޝަރުޠެކެވެ. އެއީ، ކުށް ޤަތުލުގެ ކައްފާރާއަށް ޤިޔާސްކޮށެވެ. އެހެންނަމަވެސް، ޙަނަފީންގެ އަރިހުގައި އެއީ ޝަރުޠެއް ނޫނެވެ. ސަބަބަކީ، މިއީ ޤިޔާސެއްކަމުގައިވެފައި، މި ޤިޔާސުން ނައްޞަށް ކަމެއް އިތުރުކުރެވޭއިރު، ނައްޞަށް އިތުރުކުރެވޭ އެތި އެއީ ޙަނަފީންގެ އަރިހުގައި ނަސްޚަކަށްވާއިރު، ޙަނަފީންގެ އަރިހުގައި ނައްޞަކަށް އިތުރުކުރެވޭނޭ ތަކެތީގެ ތެރޭގައި ޤިޔާސް ނުހިމެނޭތީ، އެ ޤިޔާސް އެ ބޭފުޅުން ޤަބޫލުނުކުރައްވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނިމުނީ =