[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިޔަވާ ދުވަސްވަރުގެ އެކުވެރިން

މިޒާޖުގައި އެއްގޮތް ހެޔޮލަފާ އެކުވެރިންނާއެކު މެނުވީ ރިވެތި ސިފަތައް އާލާވެގެން ނުދާނެއެވެ. އެކުވެރިންގެ ކިބައިގައި ހުންނަންޖެހޭ އެންމެ ޚާއްޞަ ސިފައަކީ ވިސްނޭ މީހަކަށްވުމާއި ލޮބުވެތިކަމުގައި ތެދުވެރިވުމާއި ސިއްރުތަކަށް އަމާނާތްތެރިވުމާ އަދި އުޚުތްވަތްތެރިކަމަށް ވަފާތެރިވުމެވެ.

ޞާލިޙުމީހަކާއެކުގައި މެނުވީ ނޫޅޭށެވެ. ދުނިޔެވީ ކަންކަމުގައްޔާއި އުޚްރަވީކަންކަމުގައިވެސް ނުހަނު ވާގިވެރިބަޔަކުކަމުގައި އެބައިމީހުންވާނެއެވެ.

މުސްލިމުންގެ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެކުގައި އުޅޭ މީހުންނަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިނުވުމެވެ. އެގޮތުން އޭނާގެ ކިބައިގައިވާ ހިތުދަސްކުރުމުގެ ބާރާއި ވިސްނުންތޫނުކަމާއި ދެނެގަތުމާ އަދި މުސްލިމުންނަށް އޭނާގެ ކިބައިން ކުރާ ފައިދާތައް މިކަމުގައި ހިމެނެއެވެ. އަދި އޭނާ ނެތްތަނުގައި އޭނާއަށް ރައްކާތެރިވެ އޭނާއަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އަދި ދެބައޮޑުވުމާއި ބުހުތާނުދޮގުހަދައި އޭނާގެ އަބުރުނަގާނުލާނެއެވެ.

އެގޮތުން ސަލަފުއްޞާލިޙުންގެ ބޭކަލުންނީ އެކުވެރިންނަށް ނުހަނު އިޙުތިރާމުކުރެއްވި ބައެކެވެ. އަދި އެއް ބޭކަލަކު އަނެއް ބޭކަލަށް ހިތްޚަލާޞްކޮށް ނެތް ތަނުގައި ޘަނާކިޔުއްވާ އުޅުއްވިއެވެ.

އެގޮތުން އިބްނު ކަޘީރާއި އިބްނުލް ޤައްޔިމުއަކީ އެކުގައި އުޅުއްވި ދެބޭކަލުންނެވެ. އެއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ދަރިވަރުންނެވެ. އިބްނުލް ޤައްޔިމްގެ ވަނަވަރު ލިޔުއްވުމުގައި އިބްނު ކަޘީރު އެކަލޭގެފާނަށް މާތްކޮށް ހިތްތެވި މިންވަރު ބައްލަވާށެވެ. ވިދާޅުވިއެވެ.

” އެކަލޭގެފާނަކީ ގިނައިން ފޮތްކިޔާއުޅުއްވި ޚުލުޤު ރަނގަޅު ބޭކަލެކެވެ. އަދި މީސްތަކުންނާ ނުހަނު ލޮބުވެތިވެސް ބޭކަލެކެވެ. އެކަކާވެސް ޙަސަދަވެރިވެ ވަޑައިނުގަންނަވާނެއެވެ. އަދި އެއްވެސް މީހަކަށް ގޯނާކޮށް، އައިބުކިޔައި އަދި ކުރެވޭކަންކަން ހިތުލައި ނުހައްދަވާނެއެވެ. ތިމަންކަލޭގެފާނުވީ އެކަލޭގެފާނުގެ އެންމެ ގާތް އަދި ލޮބުވެތި އެކުވެރިންގެ ތެރެއިންނެވެ.”

ފަހެ އެބޭކަލުންގެ ހިތްސާފުކަމާއި ﷲ އަށްޓަކައިވި ލޯބީގެ ސަބަބުން، މުސްލިމުންނަށްވަނީ އެބޭކަލުންގެ ފުށުން ނުހަނު ގިނަގުނަ ފައިދާވެފައެވެ.

ފަހެ އެގޮތުން ގަދައަޅާ މަސައްކަތްކުރާ އަދި ޒަމާނީ ކަންކަމަށް ލޯހުޅުވިފައިވާ މީހުންނާއެކުވާށެވެ. އަދި ތާކުންތާކު ނުޖެހޭ މީހުންނާއެކު ނުވާށެވެ. އަދި މޮޅެތި މީހުންގެ ވަނަވަރުތައް ގިނައިން ކިޔާށެވެ. އަދި ޝަރުޢީ ޢިލްމު އުނގެނޭށެވެ. އަދި ތިބާގެ އަގުހުރި ޙަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އަދި ތިބާގެ އަގުހުރި ވަޤުތުތަކުގެ ބޭނުންވެސް ރަނގަޅުގޮތުގައި ހިފާށެވެ.

އަދި ޢިލްމު ޙާޞިލުކުރުމަށް ތިބާގެ އެކުވެރިންނަށްވެސް ބާރުއަޅާށެވެ. އަދި ދީނުގައިވާ ގޮތަށް އުޅުމަށް އެބައިމީހުންނަށް ނަސޭޙަތްތެރިވާށެވެ. އަދި ހިތުދަސްކުރުމާއި ވިސްނުމުގެ ބާރު ލިބިފައިވާ ބަޔަކާމެދު ޙަސަދަވެރިނުވާށެވެ. އަދި އަބަދުވެސް ނިޢުމަތް ދެއްވާ އިލާހުގެ ޙަޟްރަތުން ތައުފީޤުދެއްވުމަށް އެދޭށެވެ.

ފަހެ ވާގިވެރިކަމަކީ އެއިލާހުގެ ޙަޟްރަތުންވާ އެއްޗެކެވެ. އެއީ ހަމައެކަނި ސަބަބުތަކަށް ބަރޯސާވެގެން ލިބޭ އެއްޗެއް ނޫނެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް