[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3

3ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُتَّفَقُ عَلَيْهِ أَرْجَحُ مِنَ الـمُخْتَلَفِ فِيْهِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިއްތިފާޤުވެވިފައިވާ އެތި އިޚްތިލާފުއުފެދިފައިވާ އެއްޗަށްވުރެ ރާޖިޙުކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ދަލީލުތަކުގެ ތެރެއިން އެ ދަލީލުތަކާމެދު އިއްތިފާޤުވެވިފައިވާ ދަލީލުތައް، އެ ދަލީލުތަކާމެދު އިޚްތިލާފުއުފެދިފައިވާ ދަލީލުތަކުގެ މައްޗަށް އިސްކުރެވޭނެއެވެ. އެއީ، ދަލީލުތައް ތަރުތީބުކުރާއިރު ކަމުގައި ވިޔަސް، ނުވަތަ އެ ދަލީލުތައް ތަޢާރުޟުވުމުން ތަރުޖީޙުދޭއިރު ކަމުގައި ވިޔަސްމެއެވެ. އަބަދުވެސް އިސްކުރެވޭހުށީ އިޖުމާޢުވާ އަދި އިއްތިފާޤުވާ ދަލީލުތަކެވެ. ސަބަބަކީ، އެއްޗަކާމެދު ޚިލާފުއުފެދިފައި އޮތުމުން ދަލީލުކޮށްދެނީ، އެ ކަމާމެދު ޝައްކާއި ޝުބުހަ އުފެދިފައިވާ ކަމެވެ. މިއާ ޚިލާފަށް، އިއްތިފާޤުވެވިފައިވާ އެތީގައި ޝައްކެއް އަދި ޝުބުހައެއް ނޯންނާނެއެވެ. އަދި ހަމައެހެންމެ، ޡައްނީ އެއްޗަކާ ޚިލާފަށް، އިޖުމާޢުވެވިފައިވާ އެއްޗެއްނަމަ، އެ ވާހުށީ ޔަޤީނީ އެއްޗަކަށެވެ. ޔަޤީން އެއްޗެހި އަބަދުވެސް އިސްކުރެވޭނެއެވެ. ޔަޤީނުގެ އިދިކޮޅުގައި އޮންނަ ޡައްނަށް ބެލުމެއް ނުވެއެވެ.

މިއީ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ވަރަށް ބޮޑު ޤަވާޢިދެކެވެ. އަދި އުޞޫލީ އެތަކެއް މައުޟޫޢުއެއް މި ޤަވާޢިދާ ގުޅިފައިވެއެވެ. އެގޮތުން، މި ޤަވާޢިދާއި ނައްޞުތައް ތަފްސީރުކުރުމާގުޅޭ މައުޟޫޢުއާ ވެސް ގުޅުންއޮވެއެވެ. އަދި ދަލީލުތައް ތަރުތީބުކުރުމާއި ދަލީލުނެގުމުގައި އެ ދަލީލެއް އޮންނަންވީ ތަން ކަނޑައެޅުމުގެ މައުޟޫޢުއާ ވެސް ގުޅުންއޮވެއެވެ. އަދި ދަލީލުތައް ތަޢާރުޟުވެ އެއްފަހަރާ އެ ހުރިހާ ދަލީލުތަކަކަށް ޢަމަލުކުރެވެން ނެތް ހާލަތުގައި އެ ތަނުން އެއް ދަލީލު އިސްކުރަން މަޖުބޫރުވެއްޖެހިނދު އެ ތަނުން އެއް ދަލީލަކަށް ތަރުޖީޙުދިނުމުގެ މައުޟޫޢުއާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. ވަރަށް ގިނަ ފަހަރަށް އެ ކަންކޮށް އުޅެނީ، އިޖުމާޢުވެވިފައިވާ އަދި އިއްތިފާޤުވެވިފައިވާ ތަކެތި އެ ނޫން ތަކެތީގެ މައްޗަށް އިސްކޮށްގެންނެވެ.

މި ޤަވާޢިދާއި ނައްޞުތައް ތަފްސީރުކުރުމާ ދެމެދު އޮންނަ ގުޅުމުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ) (ސޫރަތުލްބަޤަރާ: 11) މާނައީ: [އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ ހަމަ އިޞްލާޙުކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.] މި އާޔަތުގައި އެ އިޝާރާތްކުރެވެނީ މުނާފިޤުންނަށްކަމާމެދު ތަފްސީރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެހެންނަމަވެސް، އެއީ ކޮން މުނާފިޤުންނެއްތޯ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުނު މުނާފިޤުންތޯ ނުވަތަ ފަހުން އަންނާނޭ މުނާފިޤުންތޯ ކަނޑައެޅުއްވުމުގައި އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އައްޠަބަރީ ވިދާޅުވެފައިވަނީ، އެ ދެ ތައުވީލުގެ ތެރެއިން އެންމެ އައުލާވެގެންވާ ތައުވީލަކީ، އެ އާޔަތް ބާވައިލެއްވުނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުނު މުނާފިޤުންނަށް ކަމުގައި އޮންނަ ތައުވީލުކަމުގައެވެ. އެ އާޔަތުގެ ތެރެއަށް އެބައިމީހުންގެ ސިފައިން ސިފަ ލިބިފައިވާ، އެބައިމީހުންގެ ފަހުން ޤިޔާމަތާ ޖެހެންދެން އަންނާނޭ ހުރިހާ މުނާފިޤުން ވެސް ވަދެގެންދިޔަކަމުގައި ވިޔަސްމެއެވެ. އެ ތަނުން އެންމެ އައުލާވެގެންވާ ތައުވީލަކީ މިއޭ އަޅުގަނޑުމެން ބުނި ސަބަބަކީ، އެ ޒަމާނުގައި އުޅުނު މުނާފިޤުންގެ ކިބައިގައި އާޔަތުގައި އެ އިޝާރާތްކުރެވޭ ސިފަ ހުންނަކަމާމެދު ތައުވީލުގެ އަހުލުވެރިން އިޖުމާޢުވެވަޑައިގަންނަވާތީއާއި، މި އާޔަތްތައް ބާވައިލެއްވުނީ އެބައިމީހުންނާ ގުޅޭގޮތުން ކަމުގައިވެފައި، ޤުރުއާން ތައުވީލުކުރުމުގައި އިޖުމާޢުވެވިފައިވާ ތައުވީލުކުރުމުގައި ހިފުން އައުލާވެގެންވާތީއެވެ.

ދެން ފަހެ، ދަލީލުތަކުގެ މެދުގައި ތަރުޖީޙުދިނުމުގެ ބާބުގައި މި ޤަވާޢިދު ބޭނުންކުރެވޭނީ، ތަރުޖީޙުދިނުމުގެ ޝަރުޠުތަކާއި މިންގަނޑުތައް ފުރިހަމަވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ޝަރުޠަކީ، ދެ ދަލީލުގެ މެދުގައި ޖަމްޢުކުރުމަށް ނުކުޅެދުމެވެ.

މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް އުޞޫލީ ޢިލްމުވެރިން ވިދާޅުވަނީ، މިސާލަކަށް ޤިޔާސްތަކުގެ މެދުގައި ތަރުޖީޙުދޭއިރު، މުޤައްދިމާތައް ޡައްނީ ދަރަޖައިގައިވާ ޤިޔާސްގެ މައްޗަށް، މުޤައްދިމާތައް ޔަޤީނީ ދަރަޖައިގައިވާ ޤިޔާސް އިސްކުރެވޭނެކަމުގައެވެ. އަދި މުޤައްދިމާތައް ޡައްނީ ދަރަޖައިގައިވާ ޤިޔާސްގެ މައްޗަށް، ބައެއް މުޤައްދިމާތައް ޔަޤީނީ ދަރަޖައިގައި އަދި އަނެއްބައި މުޤައްދިމާތައް ޡައްނީ ދަރަޖައިގައިވާ ޤިޔާސް އިސްކުރެވޭނެކަމުގައެވެ.

އަދި މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް އުޞޫލީ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޙަޤީޤީ ސިފައަށް ބިނާކުރެވިފައިވާ ތަޢުލީލުކުރުން، ޙިކުމަތާއި އިޢުތިބާރީ ސިފައާއި ޝަރުޢީ ޙުކުމާއި ޢަދަމީ ސިފައާއި އިސްމުފަދަ އެހެން ކަންކަމަށް ބިނާކުރެވިފައިވާ ތަޢުލީލުކުރުންތަކުގެ މައްޗަށް އިސްކުރެވޭނެކަމުގައެވެ. ސަބަބަކީ، ޙަޤީޤީ ސިފައަށް ބިނާކޮށް ތަޢުލީލުކުރުން ހުއްދަކަމާމެދު ޤިޔާސްކުރާ ފަރާތްތަކުގެ މެދުގައި އިޖުމާޢުވެވިފައިވާތީއެވެ. މިއާ ޚިލާފަށް، ދެންހުރި ކަންކަމަށް ބިނާކުރެވިފައިވާ ތަޢުލީލުކުރުންތަކާމެދު ރައުޔުތަފާތުވުން އުފެދިފައިވާތީއެވެ.

އެގޮތުން، މިސާލަކަށް، ނަމާދު ޤަޞްރުކުރުމުގެ ލުއިފަސޭހަކަން ލިބޭ ޢިއްލަތެވެ. މި މައްސަލައިގައި ޙަޤީޤީ ސިފައަށް ބިނާކުރެވިގެން ކަނޑައެޅިފައިވާ ޢިއްލަތަކީ، ދަތުރުކުރުމެވެ. (އެބަހީ، ބުރަކަމާއި އުނދަގޫކަން އަންގައިދޭ ކަންތައް ކަމުގައިވާ ދަތުރުކުރުމެވެ. އެހެންކަމުން، ދަތުރުކުރާނަމަ އެ ލުއިފަސޭހަކަން ލިބޭނެކަމަށް ނިންމޭނެއެވެ.) ޙިކުމަތަށް ބިނާކުރެވިގެން ކަނޑައެޅިފައިވާ ޢިއްލަތަކީ، ބުރަކަމާއި އުނދަގޫކަމެވެ. (އެބަހީ، އޭގެ ޒާތުގައި ބުރަކަމާއި އުނދަގޫކަން ލިބުމެވެ. އެހެންކަމުން، ދަތުރުމަތީގައި ބުރަކަމާއި އުނދަގޫކަން ލިބޭނަމަ އެ ލުއިފަސޭހަކަން ލިބޭނެކަމަށް ނިންމޭނެއެވެ. ބުރަކަމާއި އުނދަގޫކަން ނުލިބޭނަމަ އެ ލުއިފަސޭހަކަން ނުލިބޭނެއެވެ.) މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، މި ތަނުން ބުރަކަމާއި އުނދަގޫކަމަށް ތަޢުލީލުކޮށް ކުރެވިފައިވާ ޤިޔާސްގެ މައްޗަށް ދަތުރުކުރުމަށް ތަޢުލީލުކޮށް ކުރެވިފައިވާ ޤިޔާސް އިސްކުރެވޭނެއެވެ. ސަބަބަކީ، އެއީ ޙަޤީޤީ ސިފައަށް ބިނާކުރެވިފައިވާ ޢިއްލަތުކަމުގައިވާތީއެވެ. އެހެނީ، ދަތުރުކުރުމަކީ ބުރަކަމާއި އުނދަގޫކަން އަންގައިދޭ ކަންތައް ކަމުގައިވާތީ، އެ ވާނީ ޙަޤީޤީ ސިފައަށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =