الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަންހެނުންނާ ދިމާއަށް ބެލުމުގެ ބަދަލުގައި، ބެލުން ތިރިކުރުމަކީ ވާޖިބުކަމެއްކަމުގައި ބުނުމުން ބައެއް މީހުން ބުނެއެވެ.
“އެހެންވިއްޔާ އަންހެނާގެ މޫނުކަޝްފުކުރުން ހުއްދަވާނެތާއެވެ!”
ދަންނައެވެ. މިފަދައިން ބުނާ މީހުންގެ ބަހުގައި އެއްވެސް ބުރަދަނެއް ނެތެވެ.
އަދި އެކަން އެނގޭ ގޮތަކީ: ހަމަކަށަވަރުން އަންހެނުންނާ ދިމާއަށް ބެލުމުގެ ބަދަލުގައި، ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ ވަރަށް ގިނަ ޙާލަތްތަކުގައެވެ. އޭގެ ތެރޭގައި:
- ކާފިރު އަންހެނުންނަށް ބެލުން. މިއީ ވަރަށް ސާފު ކަމެކެވެ. އެހެނީ އެމީހުންނަކީ ނިވާވެގެން އުޅޭ ބައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެމީހުންގެ ލަދުވެތިކަމެއްވެސް ހުންނަ ބައެއް ނޫނެވެ.
- ފާސިޤު އަންހެނުންނަށް ބެލުން. އެފަދަ މީހުން ޤަސްދުގައި ޒީނަތްތެރިކަން ފާޅުކުރެއެވެ. އަދި އެމީހުންގެ ވަނާތައް ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރެއެވެ.
- އަންހެނާ ނިވާކޮށްގެން ހުއްޓަސް، އެދުންވެރިކަމާއެކު އޭނާގެ ހަށިގަނޑަށް ނުވަތަ މޫނަށް ބެލުން.
- އަންހެނާގެ ހިނގުމަށް ނުވަތަ ހަރަކާތްތަކަށް ބެލުން.
- ޙާޖަތެއް އޮވެގެން، ފަރުވާ ކުރުމަށްޓަކައި ބަލާއިރުވެސް ހުއްދަވެގެންވާ މިންވަރަށްވުރެ ބޮޑަށް ބެލުން.
- އަންހެނާގެ ޤަޞްދަކާ ނުލާ ކަޝްފުވާ ތަންތަނަށް ބެލުން. މިޘާލަކަށް ވައިޖެހިގެން ހެދުން އުފުލުމެވެ.
އައްޝައިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ رحمه الله ވިދާޅުވިއެވެ.
“ކިތައް އަންހެނުންގެ ބުރުގާތައް އެކަނބަލުންގެ ޤަޞްދަކާ ނުލާ ވެއްޓޭ ހެއްޔެވެ. ފަހެ، އެޙާލުގައި ބައެއް މީހުންނަށް އެކަނބަލުން ފެނެއެވެ. نابغة ذبيان ވިދާޅުވެފައިވާ ފަދައިންނެވެ.
سقط النصيف ولم ترد إسقاطه *** فتناولته واتقتنا باليد
ޖުމްލަ މާނައީ: ޤަޞްދަކާ ނުލާ، މޫނުމަތީގައި އަޅާފައިވާ މޫނު ބުރުޤާ ވެއްޓުމުން، މީސްތަކުންނަށް ފެނިދާނެކަމުގެ ބިރަށްޓަކައި އަތުން މޫނު ނިވާކުރިއެވެ.”
ޝައިޚުގެ ބަސްކޮޅު ނިމުނީ
[أضواء البيان (6/252،253)]
- ޙަރާމް ތަޞްވީރުތަކާއި، ފާޙިޝް ފިލްމުތަކާ އަދި އެނޫންވެސް އެފަދަ ތަކެއްޗަށް ބެލުން.
- ހިލޭ ފިރިހެނަކު ފެންނަ ހިސާބުގައި ނެތް ކަމަށް ހިތާ، އަންހެނަކު އޭނާގެ މޫނު ކަޝްފުކުރުމުން ބެލުން.
އެހެންކަމުން ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައި ބެލުން ތިރިކުރުމަށް އަމުކުރައްވާފައިވުމުން، އޭގެ ސަބަބުން އަންހެނާގެ މޫނު ކަޝްފުކުރުން ލާޒިމު ނޫންކަން އެނގިގެން ހިނގައްޖެއެވެ.
﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ﴾ [سورة النور ٣٠]
މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
والله أعلم .
**********************