4ވަނަ ޤަވާޢިދު (ޖުމްލަ 60): الأَقَلُّ احْتِمَالاً مُقَدَّمٌ عَلَى الأَكْثَرِ احْتِمَالاً عِنْدَ التَّعَارُضِ
މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު އިޙްތިމާލުގެގޮތުން ގިނަ އެތީގެ މައްޗަށް އިޙްތިމާލުގެގޮތުން މަދު އެތި އިސްކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: އެއްވަރެއްގެ ޡައްނީ ދެ ދަލީލެއް ތަޢާރުޟުވެފައި، އެ ތަނުން އެއް ދަލީލާއި ގުޅޭގޮތުން ހުރި އިޙްތިމާލުތައް އިދިކޮޅަށްހުރި އަނެއް ދަލީލުތަކަށްވުރެ މަދުނަމަ، ގިނަ އިޙްތިމާލު ހުރި ދަލީލުގެ މައްޗަށް މަދު އިޙްތިމާލު ހުރި ދަލީލު އިސްކުރެވޭނެއެވެ. ސަބަބަކީ، ދަލީލަކުން ލިއްބައިދޭ އިޙްތިމާލުތައް ގިނަވުމީ، އެއިން ލިއްބައިދޭ ޡައްނުގެ ދަރަޖަ ދަށްކޮށްލާ ކަމަކަށް ވާތީއެވެ. އަދި އެ އިޙްތިމާލުތައް މަދުވުމީ، ދަލީލުގެ ޞައްޙަކަމާމެދު ބޮޑަށް ހީކުރެވޭ ހީކުރެވުން އިތުރަށް ވަރުގަދަކޮށްދޭ ކަމަކަށް ވާތީއެވެ. ތަރުޖީޙުދިނުން ބިނާވަނީ، ބޮޑަށް ހީކުރެވޭ ހީކުރުމުގެ މައްޗަށެވެ.
ދެން ފަހެ، މި ޤަވާޢިދަކީ އިސްވެދިޔަ ޤަވާޢިދާއި ނުހަނު ގުޅުންއޮތް ޤަވާޢިދެކެވެ. އަދި ތަރުޖީޙުދިނުމުގެ ޤަވާޢިދުތަކުގެ ތެރެއިން އެތަކެއް ޤަވާޢިދެއްގައި މި ޤަވާޢިދުގެ އަސަރު ފެންނަން އެބަހުށްޓެވެ. އެގޮތުން، ޤިޔާސްއަކާއި އާޙާދު ޚަބަރެއް ތަޢާރުޟުވާހިނދު އޭގެ ތެރެއިން އާޙާދު ޚަބަރަށް ތަރުޖީޙުދިނުމެވެ. ސަބަބަކީ، ޤިޔާސްގައި ކުށް އޮވެދާނެކަމަށް އޮންނަ އިޙްތިމާލަށްވުރެ ޚަބަރުގައި ކުށް އޮވެދާނެކަމަށް އޮންނަ އިޙްތިމާލު މާ ކުޑައީތީއެވެ.
ހަމައެފަދައިން، ސަނަދަށް ބިނާކޮށް ތަރުޖީޙުދިނުމެވެ. އެގޮތުން، ހާދިސާއަކާ ގުޅިގެން އައިސްފައިވާ ޚަބަރުތައް ތަޢާރުޟުވާހިނދު، އެ ހާދިސާއެއް ހިނގިއިރު އޭގައި ހިމެނޭ މީހަކު ނުވަތަ ސީދާ އެ ހާދިސާއާ ގުޅުންއޮތް މީހަކު ގެންނަ ޚަބަރު އެ ނޫން މީހުން ގެންނަ ޚަބަރުގެ މައްޗަށް އިސްކުރުމެވެ.
މި ޤަވާޢިދުގެ މިސާލުތަކުގެ ތެރޭގައި: ޠަލްޤު ބްނު ޢަލީ ރިވާކުރައްވާފައިވާ ފިރިހެނާ އޭނާގެ ޖިންސީ ގުނަވަނުގައި އަތްބީއްސައިފިނަމަ އަލުން ވުޟޫކުރުން ވާޖިބުވާނެކަމަށް އޮންނަ ޙަދީޘްގެ މައްޗަށް، އަބޫހުރައިރާއާއި ބުސްރާ ބިންތި ޞަފްވާން ރިވާކުރައްވާފައިވާ އެ ހާލަތުގައި ވުޟޫކުރުން ވާޖިބުނުވާނެކަމަށް އޮންނަ ޙަދީޘް ބައެއް ޢިލްމުވެރިން ރާޖިޙުކުރައްވައެވެ. ސަބަބަކީ، ޠަލްޤުއަށްވުރެ، އަބޫހުރައިރާއާއި ބުސްރާ އިސްލާމްވެވަޑައިގަތް ތާރީޚު ފަސްވީތީއެވެ. އަދި ފަހުން އިސްލާމްވި ބޭފުޅުން ގެންނަވާ ޚަބަރުތައް ނަސްޚުވުމުގެ އިޙްތިމާލު ކުޑަވާނެތީއެވެ. ތަޢާރުޟުވާހިނދު ކުޑަ އިޙްތިމާލު އޮންނަ އެތި އިސްކުރެވޭނެތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =