5ވަނަ ޤަވާޢިދު (ޖުމްލަ 60): كَثْرَةُ الأَدِلَّةِ عَلَى أَحَدِ الـمُتَعَارِضَيْنِ مُرَجِّحَةٌ لَهُ عَلَى الآخَرِ
މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާ ދޭތިންކުރެ އެކައްޗަކަށް ގިނަ ދަލީލު ލިބުމީ، އަނެކަތީގެ މައްޗަށް އެއަށް ތަރުޖީޙުދެވޭނެ ކަމެއް}
މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއް ތަޢާރުޟުވިއިރު، އެ ދެ ދަލީލުގެ ޒާތުގައި ހިމެނޭ ބާރު އެއްވަރުވެފައި، އެ ތަނުން އެއް ދަލީލު އާޔަތެއް ނުވަތަ ޙަދީޘެއް ނުވަތަ ޤިޔާސެއްފަދަ ޚާރިޖީ އެހެން ދަލީލަކާ އެއްބަސްވާނަމަ (އެބަހީ، ޙުކުމުގައި އެއް ނަތީޖާއެއް ލިއްބައިދޭނަމަ)، މި ހާލަތުގައި ދަލީލު ގިނައިން ލިބިފައިއޮތުމުގެ ސަބަބުން އެ ދަލީލު އެ ދަލީލާއި ތަޢާރުޟުވާ ދަލީލުގެ މައްޗަށް ރާޖިޙުކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މީގެ ތެރޭގައި އަބޫ ޙަނީފާ ފިޔަވައި ދެން ތިއްބެވި މަޝްހޫރު ތިން އިމާމުން ހިމެނިވަޑައިގަންނަވައެވެ.
މިއާ ޚިލާފަށް، އަބޫ ޙަނީފާއާއި އެ ބޭފުޅާގެ އެކުވެރިޔާ އަދި ދަރިވަރު އަބޫ ޔޫސުފްގެ ނަޒަރުގައި ދަލީލު ގިނައިން ލިބުމަކުން ތަރުޖީޙުދިނުމެއް ނުވެއެވެ. އެހެނެއްކަމަކު، ދެ ދަލީލެއް ތަޢާރުޟުވިއިރު އެ ދެ ދަލީލު ވަރުގަދަކަމުގެ ގޮތުން ހުރިހާ ނަޒަރަކުން ވެސް އެއްވަރުނަމަ، އެ ދެ ދަލީލު ދޫކޮށްލެވޭނެއެވެ. އެއިން އެއްވެސް ދަލީލަކަށް އެއްފަހަރާ ޢަމަލެއް ނުކުރެވޭނެއެވެ.
އެހެންނަމަވެސް، ދަލީލު ގިނައިން ލިބުމުން ތަރުޖީޙުދިނުމާމެދު ޢާއްމުގޮތެއްގައި ޙަނަފީން އިންކާރެއް ނުކުރައްވަތެވެ. އެހެނީ، ޤިޔާސްތައް ތަޢާރުޟުވާ ހާލަތުގައި ތަރުޖީޙުދޭއިރު، އެ ޤިޔާސެއްގެ އަޞްލުތައް (މި ތަނުގައި މި އިޝާރާތްކުރެވެނީ ޤިޔާސްގެ ރުކުނެއް ކަމުގައިވާ އަޞްލުއަށް) ގިނަ ޤިޔާސްއަށް އެ ބޭފުޅުން ތަރުޖީޙުދެއްވައެވެ. އެގޮތުން، ދެ ޢިއްލަތެއް ތަޢާރުޟުވެފައި، އެ ތަނުން އެއް ޢިއްލަތަށް ދެ އަޞްލު ނުވަތަ ތިން އަޞްލު އޮވެފައި، އަނެއް ޢިއްލަތަށް އެންމެ އަޞްލެއް އޮތްނަމަ، އަޞްލުތައް ގިނަ ޢިއްލަތަށް އެ ބޭފުޅުން ތަރުޖީޙުދެއްވައި އެ ޤިޔާސް އިސްކުރައްވަތެވެ. ހަމައެފަދައިން، ދެ ޚަބަރެއް ތަޢާރުޟުވާހިނދު، އެ ތަނުން އެއް ޚަބަރުގެ ޠަބަޤާތަކުގައި ރިވާކުރެއްވި ރާވީންގެ އަދަދު ތަވާތުރުގެ އަދަދަށް ނުވަތަ މަޝްހޫރުގެ ދަރަޖައަށް ގިނަވެއްޖެނަމަ، ރާވީން ގިނަ އެ ޚަބަރު އަނެއް ޚަބަރުގެ މައްޗަށް އެ ބޭފުޅުން އިސްކުރައްވަތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =