11ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُتَوَاتِرُ مُقَدَّمٌ عَلَى الآحَادِ وَالأَقْيِسَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {އާހާދުއާއި ޤިޔާސްތަކުގެ މައްޗަށް މުތަވާތިރު އިސްކުރެވިގެންވޭ}
މި ޤަވާޢިދުގެ މުރާދު: ތަވާތުރުގެ ދަރަޖައިގައި ފޯރުކޮށްދެވިފައިވާ ޚަބަރު، އާޙާދުގެ ދަރަޖައިގައި ފޯރުކޮށްދެވިފައިވާ ޚަބަރުގެ މައްޗަށާއި ޤިޔާސްގެ މައްޗަށް އިސްކުރެވިގެންވެއެވެ. ސަބަބަކީ، މުތަވާތިރުން ޤަޠުޢީ ޢިލްމު ލިބިގެންދާކަމާމެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާތީއެވެ.
މިއާ ޚިލާފަށް، އާޙާދު ޚަބަރުންނާއި ޤިޔާސުން ލިބެނީ ހަމައެކަނި ޡައްނީ ޢިލްމެވެ. އަދި އުޞޫލީ ޢިލްމުވެރިންގެ އަރިހުގައިވާ ޤަވާޢިދުތަކުގައި، ޡައްނީ ދަލީލުގެ މައްޗަށް ޤަޠުޢީ ދަލީލު އިސްކުރެވޭނެކަމާއި، ބަލިކަށި ދަލީލުގެ މައްޗަށް ވަރުގަދަ ދަލީލު އިސްކުރެވޭނެކަން ބަޔާންވެފައިވާތީ، މުތަވާތިރު އެއް ފަރާތުގައި އޮވެފައި އަނެއް ފަރާތުގައި އާޙާދު ޚަބަރު ނުވަތަ ޤިޔާސް އޮވެ އެ ދެ ބައިގެ މެދުގައި ތަޢާރުޟުވުމެއް އޮވެދާނެކަމަކަށް ގިނަ އުޞޫލީ ޢިލްމުވެރިން ދެކިވަޑައެއް ނުގަންނަވަތެވެ. ސަބަބަކީ، ޤަޠުޢީއާއި ޡައްނީގެ މެދުގައި ތަޢާރުޟުވުމެއް ނޯންނާނެތީއެވެ. އަބަދުވެސް ޤަޠުޢީ ދަލީލު އިސްކުރެވޭނެތީއެވެ.
ދެން ފަހެ، ޤުރުއާނުގެ ނައްޞުތައް މުތަވާތިރުގެ ތެރެއަށް ވަނުން އައުލާކަން ބޮޑުވެގެންވެއެވެ. އެގޮތުން، އެހެން ހުރިހާ ދަލީލުތަކެއްގެ މައްޗަށް ޤުރުއާން އިސްކުރެވޭނެތެވެ. ހަމައެފަދައިން، ޙަނަފީންގެ އަރިހުގައި އޮންނަ މަޝްހޫރު ޚަބަރު ނުވަތަ މުސްތަފީޟު ޙަބަރަކީ ވެސް މި ތަނުގައި މުތަވާތިރާ އެއް ޙުކުމެއް ހިނގާނެ އެއްޗެއް ކަމުގައި ބެލެވޭނެތެވެ. އެހެންކަމުން، އާޙާދު ޚަބަރާއި ޤިޔާސްތަކުގެ މައްޗަށް މަޝްހޫރު ޚަބަރު އިސްކުރެވޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =