ފަޟީލަތުއްޝައިޚް ޕުރޮފެސަރު ޑރ. އައްޞިއްދީޤު މުޙައްމަދު އަލްއަމީން އައްޟަރީރުއަކީ، ސޫދާނަށް ނިސްބަތްވެވަޑައިގަންނަވާ، ޒަމާނީ އިސްލާމީ މާލީ މުޢާމަލާތްތަކާގުޅޭ ދާއިރާއިން ތަޚައްޞުޞު (ސްޕެޝަލައިޒް) ވެވަޑައިގެން ހުންނެވި، މޮޅު ޢިލްމުވެރިޔެއް އަދި ކުޅަދާނަ ބާޙިޘެކެވެ.
އެ ބޭފުޅާ ނިސްބަތްވެވަޑައިގަންނަވަނީ ޢިލްމުވެރި ޢާއިލާއަކަށެވެ. އެ ބޭފުޅާގެ ކާފާފުޅު، އައްޝައިޚް އަލްއަމީން އައްޟަރީރުއަކީ ސޫދާނުގެ ކުރީގެ ބޮޑު ޢިލްމުވެރިޔެކެވެ.
އެ ބޭފުޅާ އުފަންވެވަޑައިގަތީ، ސޫދާނުގެ އުއްމު ދުރްމާން ސިޓީގައި، މީލާދީ ސަނަތުން 1918 ވަނަ އަހަރުގައެވެ. ހިޖުރީ ސަނަތުން 1337 ވަނަ އަހަރުގައެވެ.
ފުރަތަމަކޮޅު، ޝަރީޢަތާއި ޢަރަބިބަހުގެ ޢިލްމުތަކުގެ ތެރެއިން މިންވަރެއް އެ ބޭފުޅާގެ ބައްޕާފުޅު، އައްޝައިޚް މުޙައްމަދު އަލްއަމީންގެ އަރިހުން ޙާޞިލުކުރެއްވިއެވެ. އަދި ޢާއްމު ނިޒާމީ ތަޢުލީމުގެ ތެރެއިން ތަޢުލީމު ޙާޞިލުކުރައްވަމުން ގެންދެވިއެވެ.
އެއަށްފަހު، ސޫދާނުގެ މަޝްހޫރު ޚަރުޠޫމް ޔުނިވަރސިޓީގެ ކުއްލިއްޔަތުލްޤާނޫނު (ލޯ ކޮލެޖު) ގެ ޝަރުޢީ ޤަޟާއާގުޅޭ ޑިޕާޓްމަންޓުން އިސްލާމީ ޝަރީޢަތުގެ ޑިޕްލޮމާއެއް ޙާޞިލުކުރެއްވިއެވެ. އަދި އެއަށް ބިނާކޮށް، 1952މ ގައި، ސޫދާނުގެ ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ.
އެހެންނަމަވެސް، ޔުނިވަރސިޓީ ތަޢުލީމު ކުރިޔަށްގެންދެވުމަށް، އެ ވަޒީފާ ދޫކޮށްލެއްވުމަށްފަހު، މިޞްރަށް ބަދަލުވެވަޑައިގެން، ޖާމިޢަތުލްޤާހިރާ (ކެއިރޯ ޔުނިވަރސިޓީ) ގައި ތަޢުލީމު ޙާޞިލުކުރައްވަން ފެއްޓެވިއެވެ. އެގޮތުން، 1957މ ވަނަ އަހަރު، ލައިސާނިސުލްޙުޤޫޤު (ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ) ޙާޞިލުކުރެއްވިއެވެ. އެއަށްފަހު، ހަމަ އެ ޔުނިވަރސިޓީން 1959މ ވަނަ އަހަރު، މަޢުހަދުއް ޝަރީޢަތިލް އިސްލާމިއްޔާގެ ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ.
އެއަށްފަހު، ޔުނިވަރސިޓީ ތަޢުލީމުގައި ކުރިޔަށް ވަޑައިގެން، 1967މ ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުން ޑޮކްޓަރޭޓް ޑިގްރީ (ޕީއެޗްޑީ) ޙާޞިލުކުރެއްވިއެވެ.
ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްފަހު، ޚަރުޠޫމް ޔުނިވަރސިޓީގެ ކުއްލިއްޔަތުލްޤާނޫނުގައި، އިސްލާމީ ޝަރީޢާ މާއްދާގެ ލެކްޗަރަރއެއްގެ ގޮތުން މަސައްކަތްކުރެއްވިއެވެ. އެ ބޭފުޅާގެ ޝަރަފުގައި، އެ ކުއްލިއްޔާއިން އެ ތަނުގެ ފަހުގެ ހޯލަކަށް އެ ބޭފުޅާގެ ނަމުން ނަންދެއްވާފައިވެއެވެ.
ކޮންމެއަކަސް، އެއަށްފަހު، 1975މ ގައި، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު، އިމާމު ޔުނިވަރސިޓީގެ ފަޚުރުވެރި ކޮލެޖު [އަލްމަޢުހަދުލްޢާލީ ލިލްޤަޟާ] ގެ ޕުރޮފެސަރަކަށް ވެވަޑައިގެންނެވިއެވެ.
ޑރ. އައްޞިއްދީޤު އައްޟަރީރުގެ ރައުޔުތަކަކީ، ޒަމާނީ މާލީ މުޢާމަލާތްތަކާގުޅޭ ދާއިރާގެ ދިރާސާތަކުގައި ނުހަނު ކުލަގަދަކޮށް ވިދަވިދާ ހުންނަ ރައުޔުތަކެކެވެ.
އެ ބޭފުޅާގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި، الغرر وأثره في العقود في الفقه الإسلامي ހިމެނެއެވެ. އެ ފޮތަށް، އިސްލާމީ ދިރާސާތަކުގެ ރޮނގުން ކިންގު ފައިޞަލް އެވޯޑު ލިބިފައިވެއެވެ. އަދި އެ ބޭފުޅާއަށް، އެ ބޭފުޅާގެ ޢިލްމީ އަގު ވަޒަންކުރުމުގެ ގޮތުން މި ނޫން ވެސް އެތަކެއް އެވޯޑުތަކެއް ލިބިވަޑައިގެންފައިވެއެވެ.
އަދި އެ ބޭފުޅާ ވަނީ، ޖިއްދާގެ ފިޤުހު އެކަޑަމީގެ މެންބަރުކަމާއި، މައްކާގެ ފިޤުހު އެކަޑަމީގެ މެންބަރުކަމާއި، ބަޙުރޭނުގެ އަޔޯފީގެ މެންބަރުކަމާއި، ޚަރުޠޫމުގެ ބޭންކުތަކާއި މާލީ މުއައްސަސާތަކާގުޅޭ ޝަރުޢީ ކޮމިޓީގެ ރައީސްކަން ކުރައްވާފައެވެ.
ދުޢާއަކީ، އެ ބޭފުޅާގެ ޢިލްމުގައި ﷲ ތަޢާލާ ބަރަކާތްލައްވައި، އަޅުގަނޑުމެންނީ މިފަދަ ޚިދުމަތްތެރި ޢިލްމުގެ އަހުލުވެރިންގެ ކިބައިން ނަމޫނާ ލިބިގަނެ، ޚިދުމަތްކުރުމުގައި ކުރިއަރައިދާ ބަޔަކުކަމުގައި ﷲ ތަޢާލާ ލެއްވުމެވެ. އާމީން!
-ނިމުނީ-