[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12

12ވަނަ ޤަވާޢިދު (ޖުމްލަ 60): خَبَرُ الوَاحِدِ مُقَدَّمٌ عَلَى القِيَاسِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤިޔާސްގެ މައްޗަށް އާޙާދު ޚަބަރު އިސްކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ޤިޔާސްގެ މައްޗަށް އަބަދުވެސް އާޙާދު ޚަބަރު އިސްކުރެވޭނެތެވެ. އެއީ، ދަލީލުތައް ތަރުތީބުކުރުމުގައި ކަމަށް ވިޔަސް، ނުވަތަ އެ ދޭއްޗަށް އެއްފަހަރާ ޢަމަލުކުރުން މުސްތަޙީލުވާފަދަ ގޮތަކަށް އެ ދޭތި ތަޢާރުޟުވެ އެ ތަނުން އެކަތި އިސްކުރަން މަޖުބޫރުވިޔަސް މެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، މާލިކީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިން، އާޙާދު ޚަބަރާއި ޤިޔާސް ތަޢާރުޟުވާހިނދު، އެ ތަނުން ޤިޔާސް އިސްކުރައްވަތެވެ. މި މައްސަލައިގައި އިމާމު މާލިކަށް އެކި ރައުޔުތައް ނިސްބަތްކުރެވިފައިވެއެވެ. އެގޮތުން، ޤިޔާސް އިސްކުރައްވާކަމަށް ވެސް އަދި އާޙާދު ޚަބަރު އިސްކުރައްވާކަމަށް ވެސް ވާރިދުވެފައިވެއެވެ.

އަދި ޢީސާ ބްނު އަބާންއާއި އަބޫ ޒައިދު އައްދައްބޫސީއާއި ފަހުގެ ގިނަ ޙަނަފީންގެ ނަޒަރުގައި، އެ އާޙާދު ޚަބަރަކީ ޚުލަފާއުއްރާޝިދީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ، އަދި/ނުވަތަ [ޢަބާދިލާ] (ޢަބްދުﷲ ތައް) ގެ ނަމުން މަޝްހޫރުވެފައިވާ އަޞްޙާބު ބޭކަލުންގެ ތެރެއިން ފިޤުހުވެރިޔެއްގެ ރިވާޔަތެއް ކަމުގައިވާނަމަ، އެ އާޙާދު ޚަބަރު ޤިޔާސްގެ މައްޗަށް އިސްކުރެވޭނެއެވެ. އެ ކަން އެ ގޮތަށް ވެފައި ނުވާނަމަ، ޤިޔާސްގެ މައްޗަށް އިހެއް ނުކުރެވޭނެއެވެ. ސަބަބަކީ، އޭނާގެ ފިޤުހު ޢިލްމުގެ މަދުކަމުން އެއަށް އުނިއިތުރެއް ގެނައުމުގެ ސަބަބުން، މާނަ ތަޣައްޔަރުވުމުގެ ފުރުޞަތު އޮތީތީއެވެ. އެހެންނަމަވެސް، އަބުލްޙަސަން އަލްކަރްޚީ އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔުގައި ހިއްޕަވައި، އާޙާދު ޚަބަރު އިސްކުރެވޭނެކަމަށް ދެކިވަޑައިގެންނެވިއެވެ.

އަދި މި މައްސަލައިގައި އަބޫބަކުރު އަލްބާޤިއްލާނީ ވަކިކޮޅެއް އިޚްތިޔާރުނުކުރައްވައި ތަވައްޤުފު އިޚްތިޔާރުކުރެއްވިއެވެ. މާނައަކީ، އެހެން ދަލީލަކުން ވަކިކޮޅަކަށް ދަލީލު ލިބިއްޖައުމަށްދާންދެން އެ އާޙާދު ޚަބަރާއި ޤިޔާސުންކުރެ އެއްވެސް ދަލީލަކަށް ޢަމަލުނުކުރުމެވެ.

ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި މި ތަނުގައި އުފެދިފައި މިވާ ޚިލާފަކީ، ޤަޠުޢީ ނައްޞަކުން އިސްތިންބާޠުކުރެވިފައިވާ ޢިއްލަތެއް އޮތް ޤިޔާސްއާ ގުޅޭގޮތުން އޮތް ޚިލާފެކެވެ. މިއާ ޚިލާފަށް، ޤަޠުޢީ ނޫން ނައްޞަކުން އިސްތިންބާޠުކުރެވިފައިވާ ޢިއްލަތެއް އޮތް ޤިޔާސް، އާޙާދު ޚަބަރުގެ މައްޗަށް މުޠުލަޤުކޮށް އެއްވެސް ހާލަތެއްގައި އިސްނުކުރެވޭނެއެވެ. އެހެންނަމަވެސް، ގިނަ އަދަދެއްގެ ބޭފުޅުންގެ ނަޒަރުގައި މި ގޮތަށް ތަފާތުކުރުމެއް ނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި މިވާ ޚިލާފަކީ މި ހުރިހާ ޤިޔާސަކަށް ވެސް ޝާމިލުވާނޭހެން އޮތް ޚިލާފެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =