[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13

13ވަނަ ޤަވާޢިދު (ޖުމްލަ 60): إِذَا تَعَارَضَ الـمَرْفُوعُ وَالـمَوْقُوفُ قُدِّمَ الـمَرْفُوعُ

މި ޤަވާޢިދުގެ ތަރުޖަމާ: {މަރުފޫޢުއާއި މައުޤޫފު ތަޢާރުޟުވެއްޖެނަމަ، މަރުފޫޢު އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: މަރުފޫޢު ޚަބަރަކާއި މައުޤޫފު ޚަބަރެއް އެކަތި އަނެކައްޗާ ފުށުއަރައިފިނަމަ، އެ ތަނުން އިސްކުރެވޭނީ މަރުފޫޢު ޚަބަރެވެ.

ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދެވޭ ގޮތްތައް އުޞޫލީ ޢިލްމުވެރިން ހަތަރު ބަޔަކަށް ބައްސަވަތެވެ. ފުރަތަމަ ބަޔަކީ، ސަނަދަށް ރުޖޫޢަވާ ކަންކަމެވެ. ދެވަނަ ބަޔަކީ، މަތުނަށް ރުޖޫޢަވާ ކަންކަމެވެ. ތިންވަނަ ބަޔަކީ، ޚަބަރުގެ ލަފްޒުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށް ރުޖޫޢަވާ ކަންކަމެވެ. ހަތަރުވަނަ ބަޔަކީ، ޚަބަރުން ބޭރު ޚާރިޖީ އެހެން ކަމަކަށް ރުޖޫޢަވާ ކަންކަމެވެ. މި ތަނުން ސަނަދަށް ރުޖޫޢަވާ ތަރުޖީޙުދިނުމުގެ ވައްތަރުތަކުގެ ތެރޭގައި، ޚަބަރުގެ ރިވާޔަތަށް ބިނާކޮށް ތަރުޖީޙުދިނުން ހިމެނެއެވެ. އެބަހީ، އެއީ ތަވާތުރު ޚަބަރެއްތޯ ނުވަތަ އާޙާދު ޚަބަރެއްތޯ، ނުވަތަ މަރުފޫޢު ޚަބަރެއްތޯ ނުވަތަ މައުޤޫފު ޚަބަރެއްތޯ، ނުވަތަ މުސްނަދު ޚަބަރެއްތޯ ނުވަތަ މުރުސަލް ޚަބަރެއްތޯ ބެލުންފަދަ ކަންކަމެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ރިވާޔަތުގެ ކައިފިއްޔަތަށް (ރިވާޔަތް އޮތް ގޮތަށް) ބިނާކޮށް ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން އެއް ގޮތް ކަމުގައިވާ، މައުޤޫފު ޙަދީޘް (ނުވަތަ މައުޤޫފް ޚަބަރު) ގެ މައްޗަށް މަރުފޫޢު ޙަދީޘް (ނުވަތަ މަރުފޫޢު ޚަބަރު) އަށް ތަރުޖީޙުދިނުމާ ގުޅޭ ވާހަކައެވެ.

މަރުފޫޢު ޚަބަރަކީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރެވިފައިވާ ތަކެއްޗެވެ. އޭގެ ސަނަދު ގުޅިފައި އޮތަސް ނުވަތަ މެދުކެނޑިފައި އޮތަސް މެއެވެ. މައުޤޫފު ޚަބަރަކީ، ޞަޙާބީ ބޭކަލަކަށް ނިސްބަތްކުރެވިފައިވާ ތަކެއްޗެވެ. އޭގެ ސަނަދު ގުޅިފައި އޮތަސް ނުވަތަ މެދުކެނޑިފައި އޮތަސް މެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ދެ ޢީދު ނަމާދުގައި ތަކުބީރުކިޔުމެވެ. ޙަނަފީންނާ ޚިލާފަށް ފިޤުހު ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، ދެ ޢީދު ނަމާދުގައި ތަކުބީރު ކިޔަން އޮންނަ ވަގުތަކީ، ޤުރުއާން ކިޔެވުމުގެ ކުރިއެވެ. އެއީ، ޢަމްރޫ ބްނުލް ޢާޞް ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް މަރުފޫޢުކޮށް އައިސްފައިވާ ޙަދީޘުން ދަލީލުނަންގަވައެވެ. މިއާ ޚިލާފަށް، ޙަނަފީންގެ އަރިހުގައި، ދެ ޢީދު ނަމާދުގައި ދެވަނަ ރަކުޢަތުގައި ތަކުބީރު ކިޔަން އޮންނަ ވަގުތަކީ، ޤުރުއާން ކިޔެވުމުގެ ފަހެވެ. އެއީ، އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ބަސްފުޅަކަށް ބިނާކުރައްވައެވެ. ރައްދުގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޢަމްރޫ ބްނުލް ޢާޞްގެ ޚަބަރަކީ މަރުފޫޢު ޚަބަރަކަށްވެފައި، އިބްނު މަސްޢޫދުގެ ޚަބަރަކީ މައުޤޫފު ޚަބަރަކަށްވުމުން، މި މައްސަލައިގައި އިސްކުރެވޭނީ ޢަމްރޫ ބްނުލް ޢާޞްގެ ޚަބަރުކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =