[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 14

14ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الَّذِي رُوَاتُهُ أَكْثَرُ رَاجِحٌ عَلَى الَّذِي لَا يَكُونُ كَذَلِكَ

މި ޤަވާޢިދުގެ ތަރުޖަމާ: {ރާވީން ގިނަ ޚަބަރު، އެފަދައިން ނުވާ ޚަބަރުގެ މައްޗަށް ރާޖިޙުކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: މިއީ، ސަނަދަށް ބިނާކޮށް ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ދެ ޚަބަރެއް ބޭރުފުށުން ތަޢާރުޟުވިއިރު، އެ ދެ ޚަބަރު ޞައްޙަކަމުގައި ހަމަހަމަވެފައި، އަދި އެ ދެ ޚަބަރުގައި ހިމެނޭ ރާވީން ޢަދުލުވެރިކަމާއި އިތުބާރުގެ ސިފައިގައި ވެސް ހަމަހަމަވެފައި، އެ ތަނުން އެއް ޚަބަރުގެ ޠަބަޤާތަކުގައި އަނެއް ޚަބަރަށްވުރެ ގިނަ ރާވީން ހިމެނޭނަމަ، އެ ތަނުން މަދު ރާވީން ހިމެނޭ ޚަބަރުގެ މައްޗަށް ގިނަ ރާވީން ހިމެނޭ ޚަބަރަށް ތަރުޖީޙުދެވޭނެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މި މައްސަލައިގައި އޮންނަ ހަތަރު ރައުޔުންކުރެ ފުރަތަމަ ރައުޔެވެ.

ދެވަނަ ރައުޔަކީ، ރާވީން ގިނަ ޚަބަރަށް ތަރުޖީޙުދިނުމެއް ނުވެއެވެ. މިއީ، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢާއްމުކޮށް ހުރިހާ ޢިލްމުވެރިންގެ ވެސް ރައުޔެވެ. އެހެންނަމަވެސް، އަބޫޙަނީފާއާއި އަބޫޔޫސުފް މަޝްހޫރު ޚަބަރުގެ ދަރަޖައަށް ފޯރާހާ ގިނަ ރާވީން ތިބޭ ހާލަތު އިސްތިޘްނާކުރައްވައި ވިދާޅުވަނީ، އެ ހާލަތުގައި އެ މަޝްހޫރު ޚަބަރަށް ތަރުޖީޙުދެވޭނެކަމުގައެވެ. އެގޮތަށް މަޝްހޫރުގެ ދަރަޖައަށް ފޯރާހާ ގިނަ ރާވީން ތިބޭ ޚަބަރާއި އެ ނޫން ޚަބަރު އެ ބޭފުޅުން ތަފާތުކުރެއްވި ސަބަބަކީ، ޚަބަރެއް މަޝްހޫރުގެ ދަރަޖައަށް ފޯރައިފިނަމަ، އެ ޚަބަރަކީ ދޮގެއްކަމަށް އިޙްތިމާލު އުފެދުން މަނާކުރާ ބާރެއް އެއަށް ލިބިގެންދާތީއެވެ. މިއާ ޚިލާފަށް، އެ ދަރަޖައަށް ނުފޯރާ ޚަބަރަކުން އެ އިޙްތިމާލު އުފެދުން މަނާކޮށް ނުދޭތީއެވެ.

ޙަނަފީން ދެ ދަލީލަކުން ދަލީލުނަންގަވައެވެ. ފުރަތަމަ ދަލީލަކީ، ހެކިބަސްދިނުމަށް ޤިޔާސްކޮށެވެ. އެ ބޭފުޅުން ވިދާޅުވަނީ، ފުށުއަރާ ދެ ހެކިބަހުގައި ދެ ފަރާތުން ވެސް ހުށަހެޅުން ލާޒިމުވާ ވަރަށް ހެކިވެރިންގެ އަދަދު ހަމަކޮށްފައިވާއިރު އެ ތަނުން އެއް ފަރާތުން މާ ގިނަ ހެކިވެރިން ގެނެސްފައިވިޔަސް، ގިނަ ހެކިވެރިން ހުށަހެޅި ފަރާތުގެ ހެކިބަހަށް ކޮންމެހެން ތަރުޖީޙެއް ނުދެވެއެވެ. ހަމައެފަދައިން، ތަޢާރުޟުވާ ދެ ޚަބަރުގައި ވެސް ރާވީން ގިނަ ޚަބަރަށް ތަރުޖީޙެއް ނުދެވޭނެއެވެ. މި ދަލީލަށް ޖަވާބުދެއްވައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ތިއީ ތަފާތު ދެ އެއްޗެއްގެ މެދުގައި ކުރެވިފައިވާ ޤިޔާސެއް ކަމުން ތި ޤިޔާސް ޞައްޙަނުވާނެ ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، ހެކިބަހުގައި ބެލެވެނީ އެންމެނަށް އެކީއެކައްޗަކަށް ކަމަށްވެފައި، ރިވާޔަތުގައި ކޮންމެ ވަކިވަކި ރިވާޔަތަކީ ވެސް އެއަށް ޙުކުމް ބިނާކުރެވި ޢަމަލުކުރުން ވާޖިބުވާނޭ އެއްޗެއް ކަމުގައި ވާތީއެވެ.

ޙަނަފީންގެ ދެވަނަ ދަލީލަކީ، ފަތުވާއަށް ޤިޔާސްކޮށެވެ. އެ ބޭފުޅުން ވިދާޅުވަނީ، އެއް މައްސަލައެއްގައި ދެ ގޮތަކަށް ފަތުވާދެވިފައިވާއިރު، އެއް ފަރާތުގައި ތިއްބެވި މުފްތީންގެ އަދަދު ގިނަވުމަށް އެކަނި ބަލައިފައި އެ ފަތުވާއަށް ތަރުޖީޙުދިނުމެއް ނުވާފަދައިން، ރާވީންގެ އަދަދު ގިނަ ޚަބަރަށް ތަރުޖީޙުދިނުމެއް ނުވާކަމުގައެވެ. މި ދަލީލަށް ޖަވާބުދެއްވައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ފަތުވާގައި މުފްތީންގެ އަދަދު ގިނަވުމަށް އެކަނި ބަލައިފައި އެ ފަތުވާއަށް ތަރުޖީޙުދިނުން ނެތުމީ، ޚަބަރުތަކުގައި އެފަދައިން ކަންތައްވުން ލާޒިމުކުރާ ކަމެއް ނޫންކަމުގައެވެ.

ތިންވަނަ ރައުޔަކީ، ރާވީން ގިނަ ޚަބަރަށް ތަރުޖީޙުދެވޭނީ، ތަޢާރުޟުވާ އެ ދެ ޚަބަރު ދޫކޮށް އެހެން ދަލީލެއްގައި ހިފުމަށް ނުކުޅެދިގެންވާނަމައެވެ. މިއީ، އިމާމުލްޙަރަމައިނިގެ ރައުޔެވެ.

ހަތަރުވަނަ ރައުޔަކީ، ރާވީން ގިނަވުމަށް ބަރޯސާކުރެވޭނީ، އެ ގޮތަށް ޢަމަލުކުރުމީ އެންމެ ރަނގަޅު ގޮތް ކަމަށް މުޖުތަހިދު ޢިލްމުވެރިޔާއަށް ބޮޑަށް ބުރަވެވިއްޖެނަމައެވެ. ފަހަރުގައި، އެ ގިނަ ޢަދުލުވެރިންގެ އިތުބާރު މާ ބޮޑުކަމަށް ޤަބޫލުކުރެވިދާނެއެވެ. ފަހަރުގައި، އެ ތަނުން ގިނަ ޢަދުލުވެރިންނަށްވުރެ، އެންމެ ޢަދުލުވެރިޔަކަށް ކުރެވޭ އިތުބާރު މާ ބޮޑުވެދާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =