[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 15

15ވަނަ ޤަވާޢިދު (ޖުމްލަ 60): الـحَدِيْثُ الـمُسْنَدُ أَوْلَى مِنَ الـمُرْسَلِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުރުސަލު ޙަދީޘަށްވުރެ މުސްނަދު ޙަދީޘް އައުލާކަންބޮޑު}

މި ޤަވާޢިދުގެ މުރާދު: މުސްނަދު ޙަދީޘަކީ، އެ ޙަދީޘެއްގެ ސަނަދު ފެށުނީއްސުރެ ނިމެންދެން ގުޅިފައިވާ ޙަދީޘެވެ. ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ސަނަދު ގުޅިފައިވާ ޙަދީޘެވެ. މުރުސަލު ޙަދީޘަކީ، ސަނަދުގައި ހިމެނެންޖެހޭ ޞަޙާބީ ނުވަތަ ޞަޙާބީންތައް ބަޔާންނުކޮށް ދޫކޮށްލައިފައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިޔޭ ބުނެފައިވާ ޙަދީޘްތަކެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުޖުތަހިދު ޢިލްމުވެރިޔާގެ ނަޒަރުގައި މުސްނަދު ޙަދީޘަކާއި މުރުސަލު ޙަދީޘެއް ތަޢާރުޟުވެ، އެ ދެ ޙަދީޘް ޖަމްޢުކޮށް ފުށުއެރުން ނައްތައިލަން އެއްވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، މުރުސަލުގެ މައްޗަށް މުސްނަދު އިސްކުރުން ވާޖިބުވެގެންވެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އެއީ، ސަނަދު ގުޅިފައިވުމަށް ބަލާއިރު، މުރުސަލު ޙަދީޘަށްވުރެ މުސްނަދު ޙަދީޘުގެ ބާރު މާ ގަދަވީމައެވެ.

މިއާ ޚިލާފަށް، ޢީސާ ބްނު އަބާންއާއި އަބުލްޚައްޠާބި އަލްކަލްވަޛާނީފަދަ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، މުސްނަދާއި މުރުސަލު ތަޢާރުޟުވެއްޖެނަމަ، އިސްކުރެވޭނީ މުރުސަލެވެ. ސަބަބެއް ކަމުގައި އެ ބޭފުޅުން ވިދާޅުވަނީ، މުރުސަލުކޮށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިޔޭ އިތުބާރުހިފޭ ރާވީއަކު ވިދާޅުވުމަކީ، އެ ރިވާޔަތް ޞައްޙަކަމަށް ކަނޑައެޅިގެން ޙުކުމްކުރުން ކަމުގައި ވާތީއެވެ. އެހެންނަމަވެސް، މުސްނަދުގައި މިފަދައިން ކަށަވަރު ޙުކުމެއް ކޮށްފައި ނޯންނާތީއެވެ. މި ރައުޔުގެ ޙުއްޖަތުގެ ރައްދުގައި ބުނެވެނީ، މުސްނަދުގައިވާ ރާވީގެ ޢަދުލުވެރިކަމާމެދު ކުރެވޭ ހީ، މުރުސަލުގައިވާ ރާވީގެ ޢަދުލުވެރިކަމާމެދު ކުރެވޭ ހީއަށްވުރެ މާ ބޮޑެވެ. އެހެންކަމުން، އިސްކުރެވޭނީ މުސްނަދެވެ.

އަދި އަލްޤާޟީ ޢަބްދުލްޖައްބާރުގެ ނަޒަރުގައި، މުސްނަދަކާއި މުރުސަލެއް ތަޢާރުޟުވެއްޖެނަމަ، އެ ދޭތި ވެސް ދަރަޖައިގައި ހަމަހަމަވެގެންވެއެވެ. އެބަހީ، އެހެންކަމުން، އެ ދޭތިންކުރެ އެކަތި އަނެކަތީގެ މައްޗަށް ތަރުޖީޙެއް ނުދެވޭނެއެވެ.

ކޮންމެއަކަސް، މުރުސަލު ޙަދީޘަކީ ޙުއްޖަތެއް ކަމާމެދު ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެހެންކަމުން، މަތީގައި އެވާ ޚިލާފަކީ، މުރުސަލު ޙަދީޘަކީ ޙުއްޖަތެއް ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އުފެދިފައިވާ ޚިލާފެކެވެ.

އަދި ހަމައެހެންމެ، މި ޤަވާޢިދުގައިވާފަދައިން މުރުސަލު ޙަދީޘުގެ މައްޗަށް މުސްނަދު ޙަދީޘަށް ތަރުޖީޙުދެވޭނީ، މުސްނަދު ޙަދީޘުގެ ބާރު ގަދަނަމައެވެ. ނުވަތަ ސަނަދުގެ ވަރުގަދަކަމުގެ ގޮތުން އެ ދޭތި ވެސް ހަމަހަމަވެގެންވާނަމައެވެ. މިއާ ޚިލާފަށް، މުރުސަލަށްވުރެ މުސްނަދު ބަލިކަށިނަމަ، މިސާލަކަށް މުސްނަދު ޙަދީޘް ރިވާވެގެން އައިސްފައިވަނީ ޙަސަން ދަރަޖައިގައި ކަމަށްވެފައި މުރުސަލު ޙަދީޘް ރިވާވެގެން އައިސްފައިވަނީ ޞަޙީޙު ދަރަޖައިގައި ކަމަށް ވެއްޖެނަމަ،  އިސްކުރެވޭނީ މުރުސަލެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =