16ވަނަ ޤަވާޢިދު (ޖުމްލަ 60): الـعِبْرَةُ بِرِوَايَةِ الرَّاوِي لَا بِرَأْيِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ބެލެވޭހުށީ ރާވީގެ ރިވާޔަތަށް، އޭނާގެ ރައުޔަކަށް ނޫން}
މި ޤަވާޢިދުގެ މުރާދު: ރާވީއަކު ގެނެސްފައިވާ ރިވާޔަތުގައިވާ ގޮތާއި އޭނާ ޢަމަލުކޮށްފައިވާ ގޮތާ ފުށުއަރާނަމަ، ބެލެވޭނީ އޭނާގެ ރިވާޔަތަށެވެ. އޭނާގެ ރައުޔަކަށް ނުވަތަ އޭނާ ޢަމަލުކޮށްފައިވާ ގޮތަކަށް ނުވަތަ އޭނާ ފަތުވާދީފައިވާ ގޮތަކަށް ނޫނެވެ.
ރާވީއަކު ޙަދީޘެއް ރިވާކޮށްފައިވާއިރު، އެ ޙަދީޘާ ޚިލާފަށް އޭނާ ޢަމަލުކޮށްފައިވާކަން ނުވަތަ ފަތުވާދީފައިވާކަން އެނގިއްޖެނަމަ، އޭނާ އެ ގޮތަށް ޢަމަލުކޮށްފައިވަނީ އެ ޙަދީޘް އޭނާއަށް ލިބުމުގެ ކުރިން ކަމުގައި ވާނަމަ އަދި އޭނާ އެ ޙަދީޘް ރިވާކުރުމުގެ ކުރިން ކަމުގައި ވާނަމަ، އެއީ އެ ޙަދީޘުގެ ޞައްޙަކަމަށް ބުރޫއަރާކަމެއް ކަމުގައިވުން ލާޒިމުނުކުރާ ކަމެއް ކަމާމެދު ހުރިހާ ޢިލްމުވެރިން ވެސް އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެ ހާލަތުގައި ޙުއްޖަތަކަށް ވާނީ، އޭނާ ރިވާކުރި ރިވާޔަތުގައިވާ ގޮތެވެ. އޭނާ ދެކުން ގޮތް ނުވަތަ ޢަމަލުކުރި ގޮތެއް ނޫނެވެ. މިސާލަކަށް، ބައެއް އަޞްޙާބު ބޭކަލުން ބަނގުރާ ޙަރާމްކުރެއްވުމަށްފަހު، އެ ބުއިން ޙަރާމްވެއްޖެކަމުގެ ޚަބަރު ފޯރުމުގެ ކުރިން، އެއީ ހުއްދަ އެއްޗެއްކަމުގައި ދެކިގެން ބަނގުރާ ހިއްޕެވިއެވެ. އެހެންނަމަވެސް، އެ ޙަރާމްކުރެއްވުނު ޚަބަރުލިބުމުން ވަގުތުން އެ ބުއިމުން އެއްކިބާވެވަޑައިގެންނެވިއެވެ. ހަމައެފަދައިން، ރާވީ އެ ޙަދީޘް ރިވާކޮށްފައިވާ ތާރީޚާއި އެ ރާވީ އެ ޢަމަލުކުރި ތާރީޚު އެނގެން ނެތްނަމަ ވެސް، ޢަމަލުކުރެވޭނީ ޙަދީޘަށް ކަމާމެދު އިއްތިފާޤުވެވިފައިވެއެވެ.
މިއާ ޚިލާފަށް، ރާވީ އޭނާ ރިވާކޮށްފައިވާ ޙަދީޘާ ޚިލާފަށް ޢަމަލުކޮށްފައިވަނީ އެ ޙަދީޘް އޭނާއަށް ފޯރުމަށްފަހު ކަމަށްވާނަމަ، މި ހާލަތުގައި ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ.
ފުރަތަމަ ރައުޔަކީ، ޙުއްޖަތަކަށް ވާހުށީ ރާވީ ރިވާކުރި ރިވާޔަތެވެ. އޭނާގެ ރައުޔު ނުވަތަ އޭނާ ޢަމަލުކުރި ގޮތް ނޫނެވެ. އެ ޙަދީޘުގެ ސަނަދު ޞައްޙަނަމަ، ރާވީ އެ ޙަދީޘާ ޚިލާފުވެފައިވޭތޯ ބެލުމެއް ނެތި، އެ ޙަދީޘް ޤަބޫލުކޮށް އެއާ އެއްގޮތަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. އަދި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި ޙަދީޘް ޢިލްމުވެރިންގެ ރައުޔެވެ. އަދި މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ ވެސް މިފަދައިންނެވެ.
ދެވަނަ ރައުޔަކީ، ރާވީ އޭނާ ރިވާކޮށްފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމީ ނުވަތަ ފަތުވާދިނުމީ، އެ ޙަދީޘުގެ ޞައްޙަކަމަށް ބުރޫއަރާފަދަ ޢިއްލަތެކެވެ. (ސަބަބެކެވެ) އެހެންކަމުން، އެ ހާލަތުގައި ޙުއްޖަތެއްގެ ގޮތުގައި ބެލެވޭނީ އެ ރާވީ ޢަމަލުކުރި ގޮތް ނުވަތަ ދިން ފަތުވާއެވެ. އެ ރާވީ ރިވާކުރި ރިވާޔަތެއް ނޫނެވެ. މިއީ، ޙަނަފީންގެ ތެރެއިން ކުރީގެ ބައެއް ބޭފުޅުންނާއި ޢާއްމުކޮށް ފަހުގެ ބޭފުޅުންނާއި، މާލިކީންކުރެ އަލްބާޤިއްލާނީއާއި، އިމާމުލްޙަރަމައިނިއާއި އަދި އެއް ރިވާޔަތުގައިވާ ގޮތުން އިމާމު އަޙްމަދުގެ ރައުޔެވެ.
ގިނަ އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި މި ޤަވާޢިދުގައި ބަޔާންވެފައި އެވާ [ރާވީ] ގެ މުރާދަކީ، ޙަދީޘް ރިވާކުރެއްވި ޞަޙާބީއެވެ. އެހެންނަމަވެސް، އިމާމުލްޙަރަމައިނިފަދަ އުޞޫލީ ބައެއް ޢިލްމުވެރިންގެ އަރިހުގައި މި ތަނުގައި ބަޔާންވެފައިވާ [ރާވީ] ގެ ތެރެއަށް، ޙަދީޘް ރިވާކޮށްފައިވާ އިމާމުވެރި ހުރިހާ ބޭފުޅުން ވެސް ވަންނާނެއެވެ. އެގޮތުން، އިމާމު އަބޫޙަނީފާއާއި އިމާމު މާލިކުފަދަ ބޭފުޅުން އެ ބޭފުޅުން ރިވާކުރައްވާފައިވާ ރިވާޔަތަކާ ޚިލާފަށް ޢަމަލުކުރައްވައިފިނަމަ ނުވަތަ ފަތުވާދެއްވައިފިނަމަ، މި މައްސަލަ ނުކުންނާނެއެވެ.
މި މައްސަލައިގައި އުފެދިފައި މިވާ ޚިލާފުގެ ނަތީޖާތަކަށް ބަލައިލާއިރު، ޙަދީޘް ޢާއްމުކޮށް އޮވެފައި، ރާވީ އޭނާގެ ޢަމަލުން ނުވަތަ ފަތުވާއިން އެ ޙަދީޘުގެ ޢާއްމުކަން ޚާއްޞަކޮށްފިނަމަ، ޙަނަފީންގެ އަރިހުގައި އެ ތަޚްޞީޞަކީ (ޚާއްޞަކުރުމަކީ) މުޢުތަބަރު ކަމެކެވެ. މިއާ ޚިލާފަށް، ގިނަ ޢިލްމުވެރިންގެ އަރިހުގައި އެއީ މުޢުތަބަރު ކަމެއް ނޫނެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =