19ވަނަ ޤަވާޢިދު (ޖުމްލަ 60): إِعْمَالُ الدَّلِيْلَيْنِ وَلَوْ مِنْ وَجْهٍ أَوْلَى مِنْ إِلْغَاءِ أَحَدِهِمَا
މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ދަލީލުގެ ތެރެއިން އެއް ދަލީލު ދޫކޮށްލުމަށްވުރެ، ދެ ދަލީލަށް ކޮންމެވެސް ގޮތަކުން ޢަމަލުކުރުން އައުލާވެގެންވޭ}
މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއް ތަޢާރުޟުވާތީ ފެނިއްޖެނަމަ، މުޖުތަހިދު ޢިލްމުވެރިޔާއަށް އެންމެ ފުރަތަމަ ވެސް ވާޖިބުވެގެންވަނީ، އެ ދެ ދަލީލު ޖަމްޢުކޮށް (މާނަ އެއްގޮތްކޮށް، ފުށުއެރުން ފިލުވައިލައިގެން) އޭގައި އެވާ ތަޢާރުޟުވުން ފިލުވައިލުމެވެ. އަދި އެ ދެ ދަލީލަށް ވެސް ޢަމަލުކުރުމެވެ. އެންމެ ގޮތަކަށް ނަޒަރުހިންގައިގެން އެ ކަން ކުރިކަމުގައި ވިޔަސް މެއެވެ. އެ ކަންކުރަން މަސައްކަތްނުކޮށް، އެ ދެ ދަލީލުގެ ތެރެއިން ދަލީލަކަށް ތަރުޖީޙުދިނުމަށް މުޖުތަހިދު ޢިލްމުވެރިޔާ މަސައްކަތްކޮށްގެން ނުވާނެއެވެ. ތަރުޖީޙުދޭން މަސައްކަތްކުރަންވާނީ، އެ ދެ ދަލީލު ޖަމްޢުކުރަން ނުކުޅެދިއްޖެ ހާލަތެއްގައި އެކަންޏެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ދެ ދަލީލެއްގެ މެދުގައި ތަޢާރުޟުވާތީ ފެނިއްޖެނަމަ، މުޖުތަހިދު ޢިލްމުވެރިޔާއަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ، އެ ދެ ދަލީލުގެ ތާރީޚަށް ބެލުމެވެ. އެ ދެ ދަލީލު ވާރިދުވީ ތާރީޚު އެނގި، އޭގެ ތެރެއިން އިހުގެ ދަލީލާއި ފަހުގެ ދަލީލު އެނގިއްޖެނަމަ، ފަހުގެ ދަލީލަކީ ކުރީގެ ދަލީލު ނަސްޚުކުރާ އެއްޗެއްކަމުގައި ބަލާނީއެވެ. އެއީ، އެ ދެ ދަލީލަކީ އެއްވަރެއްގެ ބާރުގަދަ ދެ ދަލީލުކަމުގައި ވާނަމައެވެ. އެހެންނަމަވެސް، ތާރީޚު އެނގެން ނެތްނަމަ، އެ ތަނުން އެއް ދަލީލަށް ތަރުޖީޙުދިނުމަށް މަސައްކަތްކުރާނީއެވެ. އެއީ، އެ ތަނުން އެއް ދަލީލަށް އަނެއް ދަލީލުގައި ނުވާ ޚާއްޞަ ސިފައެއް (އެބަހީ، ތަރުޖީޙުދޭނޭ ކަމެއް) ލިބިގެންވާނަމައެވެ. ދެން، ތާރީޚު ވެސް އެނގެންނެތިފައި، ތަރުޖީޙުދޭނޭ ކަމެއް ވެސް ނެތްނަމަ، އެ ދެ ދަލީލު ޖަމްޢުކުރުމަށް މަސައްކަތްކުރާނީއެވެ. ޖަމްޢު ނުކުރެވުނުނަމަ، އެ ދެ ދަލީލު ދޫކޮށްލައިފައި އެ މައްސަލައިގައި އެހެން ދަލީލެއްގައި ހިފާނީއެވެ.
ތަޢާރުޟުވާ ދެ ދަލީލު ޖަމްޢުކޮށްގެން އެ ދެ ދަލީލަށް ވެސް ޢަމަލުކުރުމާ ގުޅޭ އުޞޫލީ އަޘަރުތަކުގެ ތެރޭގައި، ޚާއްޞަކަމުގެ މައްޗަށް (އެބަހީ، ޚާއްޞަ ދަލީލުގެ މައްޗަށް) ޢާއްމުކަން (އެބަހީ، ޢާއްމު ދަލީލު) އިސްކުރުން ހިމެނެއެވެ. އެގޮތުން، އެ ހާލަތަކާ ގުޅޭގޮތުން ޚާއްޞަ ދަލީލު ވާރިދުވެފައިވާ ހާލަތުގައި ޚާއްޞަ ދަލީލަށް ޢަމަލުކުރެވޭނެއެވެ. އަދި އެހެން ހާލަތްތަކުގައި ޢާއްމު ދަލީލަށް ޢަމަލުކުރެވޭނެއެވެ.
އަދި މި ކަމާ ގުޅޭ އުޞޫލީ އަޘަރުތަކުގެ ތެރޭގައި، މުޤައްޔަދުގެ މައްޗަށް މުޠުލަޤު އިސްކުރުން ހިމެނެއެވެ. އެހެނީ، އޭރުން މުޠުލަޤު ދަލީލަށް ވެސް ޢަމަލުކުރެވިފައި، މުޤައްޔަދު ދަލީލާ އެއްގޮތްވާ ގޮތުގެ މަތިން ޤައިދެއް އިތުރުކުރެވިފައި ވެސް އޮންނާނެތީއެވެ. އެހެންނަމަވެސް، މުޠުލަޤު ދަލީލަށް އޭގެ މުޠުލަޤުކަންމަތީ ޢަމަލުކޮށްފިނަމަ، މުޤައްޔަދު ދަލީލުގައިވާ ޤައިދަށް އިހުމާލުވެވޭނެއެވެ.
އަދި އޭގެ ތެރެއަށް، ޚާއްޞަކުރުމެއް ވަދެފައިވާ ޢާއްމު ދަލީލުގެ މައްޗަށް، ޚާއްޞަކުރުމެއް ވަދެފައިނުވާ ޢާއްމު ދަލީލަށް ތަރުޖީޙުދިނުން ވެސް ވަދެގެންދެއެވެ. އެހެނީ، ޚާއްޞަކުރުމެއް ވަދެފައިނުވާ ޢާއްމު ދަލީލަށް ޢަމަލުކުރުމުން، އެ ނައްޞުގެ ޢާއްމުކަމުގެ ތެރެއަށް ވަންނަ ހުރިހާ ފަރުދުންތަކަކަށް ވެސް އެ ނައްޞު ހިންގޭނެއެވެ. މިއާ ޚިލާފަށް، ޚާއްޞަކުރުމެއް ވަދެފައިވާ ޢާއްމު ދަލީލަށް ޢަމަލުކުރާނަމަ، އެ ނައްޞު ހިންގޭނީ އެ ނައްޞުގެ ތެރެއަށް ވަންނަ ބައެއް ފަރުދުންތަކަށް އެކަންޏެވެ. އެހެންނަމަވެސް، ޢާއްމުގައި އަޞްލަކީ، އޭގެ ހުރިހާ ފަރުދުންތަކެއްގައި ވެސް އެއަށް ޢަމަލުކުރުމެވެ.
ހަމައެފަދައިން، މި ޤަވާޢިދާއި ނައްޞުތައް ތަފްސީރުކުރުމާ ގުޅޭ ޤަވާޢިދުތަކުގެ ތެރެއިން [الأَصْلُ فِي الأَدِلَّةِ الإِعْمَال لَا الإِهْمَال] (ދަލީލުތަކުގައި އަޞްލަކީ، ޢަމަލުކުރުމެވެ. އިހުމާލުކޮށްލުމެއް ނޫނެވެ.) އަކީ، އެކަތި އަނެކަތީގެ ތެރެއަށް ވަދެފައިވާ ދެ ޤަވާޢިދުކަން ފާހަގަކޮށްލަމެވެ. މި ތަނުން އަޅުގަނޑުމެން މި ވާހަކަދައްކާ ޤަވާޢިދަކީ، ދަލީލުތަކުގެ މެދުގައި ތަޢާރުޟުވެ، އެ ތަކެތި ޖަމްޢުކުރާއިރު ބޭނުންކުރެވޭ ޤަވާޢިދެކެވެ. އެހެންނަމަވެސް، އަނެއް ޤަވާޢިދަކީ، އޭގެ ޢިބާރާތުގެ ޢާއްމުކަން ބޮޑުކަމުގައި ވިޔަސް، ޝަރުޢީ ނައްޞުތައް ތަފްސީރުކުރާއިރު ދެ މާނަޔަކަށް ނުވަތަ އެތަކެއް މާނަޔަކަށް އިޙްތިމާލު އުފެދިއްޖެނަމަ ބޭނުންކުރެވޭ ޤަވާޢިދެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =