[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 20

20ވަނަ ޤަވާޢިދު (ޖުމްލަ 60): التَّرْجِيْحُ إِنَّمَا يَجْرِي بَيْنَ ظَنَّيْنِ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަރުޖީޙުދިނުން އޮންނަނީ ދެ ޡައްނުގެ މެދުގައި}

މި ޤަވާޢިދުގެ މުރާދު: ތަޢާރުޟުވުން ތަޞައްވުރުކުރެވޭ ދަލީލުތަކަކީ އެ ދަލީލުތަކެއްގެ މެދުގައި ތަރުޖީޙުދިނުން އެކަށީގެންވާ ދަލީލުތަކެކެވެ. ތަޢާރުޟުވުން ތަޞައްވުރުކުރެވެނީ (އެބަހީ، ތަޢާރުޟުވެދާނެކަމަށް ޙަޤީޤަތުގައި ބެލެވެނީ) ހަމައެކަނި ޡައްނީ ދަލީލުތަކުގައި ކަމަށްވުމުން، ތަރުޖީޙުދިނުން އޮންނާނީ ވެސް ދަލީލުތަކުގެ ތެރެއިން ހަމައެކަނި ޡައްނީ ދަލީލުތަކުގެ މެދުގައެވެ.

ޡައްނީ ދަލީލުތަކުގެ ތެރޭގައި، ދަލީލުކޮށްދޭ ގޮތަށް އެކަނި ބިނާކޮށް ޡައްނީ ދަލީލުތަކާއި، ޘާބިތުވެފައިވާ ގޮތަށް އެކަނި ބިނާކޮށް ޡައްނީ ދަލީލުތަކާއި، އެ ދެ ގޮތަށް ބިނާކޮށް ޡައްނީ ދަލީލުތައް ހިމެނެއެވެ. ޝަރުޢީ ގިނަ ޙުކުމްތައް ސާބިތުވެފައިވަނީ ޡައްނީ ދަލީލުތަކުންނެވެ.

ޡައްނީ ދަލީލުތަކާ ޚިލާފަށް ޤަޠުޢީ ދަލީލުތަކަކީ، އޭގައި އަޞްލުގައި ތަޢާރުޟުވުން ތަޞައްވުރުކުރެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން، އެއިން ލާޒިމުކުރަނީ ޤަޠުޢީ ދަލީލުތަކުގެ މެދުގައި ތަރުޖީޙުދިނުން ނުއޮތުމެވެ. މިއީ، މި ޤަވާޢިދުގައި ބަޔާންކުރާ ގޮތެވެ. އަދި މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

އެހެންނަމަވެސް، އައްރާޒީއާއި އަލްއިސްނަވީފަދަ ޖަމާޢަތެއްގެ އުޞޫލީ ޢިލްމުވެރިންނާއި، ޙަނަފީންކުރެ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، ޤަޠުޢީ ދަލީލުތަކުގެ މެދުގައި ވެސް ތަޢާރުޟުވުމީ ވުން އެކަށީގެންވާ ތަޞައްވުރުކުރެވޭ ކަމެކެވެ. އެހެންކަމުން، އެއަށް ބިނާކޮށް ޤަޠުޢީ ދަލީލުތަކުގެ މެދުގައި ވެސް ތަރުޖީޙުދެވިދާނެއެވެ. އެ ބޭފުޅުން ވިދާޅުވަނީ، ޤަޠުޢީ ދަލީލުތަކަކީ އެއް ދަރަޖައެއްގެ ދަލީލުތަކެއް ނޫންކަމަށާއި އެ ދަލީލުތަކުން ދަލީލުކޮށްދޭ ގޮތުގައި ތަފާތުތަކެއް ވާކަމުގައެވެ. އެހެންކަމުން، އެ ދަލީލުތަކުގެ މެދުގައި ތަރުޖީޙުދިނުމުގައި މަނާވެގެން ނުވާކަމުގައެވެ. އަދި ހަމައެހެންމެ، ޤަޠުޢީ ދަލީލުތަކަކީ ވެސް ނަސްޚުވުން އެކަށީގެންވާ އެއްޗެހިތަކެއްކަމާމެދު އިއްތިފާޤުވެވިފައިވާއިރު، އެފަދަ ދަލީލުތައް ވެސް ނަސްޚުވެފައި އޮތުމީ އަދި ނަސްޚުވާނެ ކަމަށް ބުނުމީ، އެ ދަލީލުތަކުގެ މެދުގައި ވެސް ތަޢާރުޟުވުން އޮތުން އެކަށީގެންވާކަމަށް ބުނުންފަދަ ކަމެކެވެ. އެހެންކަމުން، އެފަދަ ދަލީލުތަކުގެ މެދުގައި ވެސް ތަރުޖީޙުދެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =