[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 21

21ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُثْبِتُ مُقَدَّمٌ عَلَى النَّافِـي

މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީކުރާ އެތީގެ މައްޗަށް ސާބިތުކުރާ އެތި އިސްކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: މިއީ، ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ސަނަދުގެ ޞައްޙަކަމުގައި އެއްވަރު ދެ ޚަބަރު ވާރިދުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް އެއް މައުޟޫޢުއަކާ ގުޅޭގޮތުން އޮތް ދެ ޚަބަރެއްކަމުގައިވެފައި، އެއިން އެއް ޚަބަރުން ޙުކުމެއް ލިއްބައިދޭއިރު، އަނެއް ޚަބަރުން އެ ޙުކުމް ނަފީކުރާނަމަ، އެ ތަނުން ޙުކުމް ނަފީކުރާ ޚަބަރުގެ މައްޗަށް ޙުކުމް ސާބިތުކުރާ ޚަބަރު އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މި ގޮތަށް އިމާމު އަޙްމަދު ވެސް ވިދާޅުވެފައިވެއެވެ. އަދި ފިޤުހުވެރިން ވެސް ދެކިލައްވަނީ މި ގޮތަށެވެ.

މި ޤަވާޢިދު ވަނީ ޤައިދަކުން ޤައިދުކުރެވިފައެވެ. އެ ޤައިދަކީ، ނަފީކުރާ ފަރާތުން އެ ކަން އެނގޭކަން ހާމަކޮށްފައި ނުވުމެވެ. އެ ޙުކުމް އޮތް ކަން ނޭނގެޔޭ ބުނެފައި ނުވުމެވެ. މިސާލަކަށް، ރާވީއަކު [ތިމަންނައަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެކޮޅުގައި ނަމާދު ނުކުރައްވާކަން އެނގެޔޭ، ސަބަބަކީ، އެ ކަލޭގެފާނާއެކު ތިމަންނަ ހުރީތީއޭ] ބުނުމެވެ. ނުވަތަ [ތިމަންނައަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ކަލޭގެފާނުގެ ގެކޮޅުގައި ނަމާދު ނުކުރައްވާކަމުގެ ޚަބަރު ދެއްވިޔޭ] ބުނުމެވެ. މިފަދަ ގޮތަކަށް އޮވެއްޖެނަމަ، އެ ނަފީއަކީ ސާބިތުކުރާ ޚަބަރާ އެއް ދަރަޖައެއްގައިވާ ޚަބަރެއް ކަމަށް ބެލެވޭނެއެވެ. އަދި އެ ދޭތި ތަޢާރުޟުވާކަމަށް ބެލެވޭނެއެވެ.

މި ޤަވާޢިދަކީ، ހަމައެކަނި އުޞޫލުލްފިޤްހް ޢިލްމުގެ ދާއިރާގައި ބޭނުންކުރެވޭ ޤަވާޢިދެއް ނޫނެވެ. އެހެނެއްކަމަކު، މި ޤަވާޢިދަކީ ޤަޟާގެ ޢިލްމު (ނިޔާކަނޑައެޅުމުގެ ޢިލްމު) ގައި ވެސް ބޭނުންކުރެވޭ އެންމެ މުހިއްމު ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. އަދި ހަމައެފަދައިން، މިއީ މުޞްޠަލަޙުލްޙަދީޘް ޢިލްމުގައި ވެސް ބޭނުންކުރެވޭނޭ ޤަވާޢިދެކެވެ.

ދެން ފަހެ، މި އުޞޫލީ ޤަވާޢިދު ޙައްދުތަކާގުޅޭ ބާބުގައި ބޭނުންކުރާއިރު އިސްތިޘްނާއެއް ކުރެވެއެވެ. އެއީ، ޙައްދުތަކުގައިނަމަ، ޙައްދު ޖެހުން ލާޒިމުކުރާ ޚަބަރުގެ މައްޗަށް ޙައްދު ޖެހުން ނަފީކުރާ ޚަބަރަށް ތަރުޖީޙުދިނުމެވެ. އެއީ، ނަބަވީ ޙަދީޘުގައި [ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މުސްލިމުންގެ ކިބައިން ޙައްދުތައް ދުރުކުރަން] ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާތީއެވެ. އެހެންކަމުން، ޙައްދު ޖެހުން މަނާކުރާފަދަ ޝުބުހައެއް ފެނިއްޖެނަމަ، އެ ޤަބޫލުކުރެވި، ޙައްދު ޖެހުމުން އެއްކިބާވެވޭނެތެވެ.

މި ޤަވާޢިދުގައި ބަޔާންވެފައިވާ ގޮތާ ޚިލާފަށް، އިމާމު އަޙްމަދުގެ އެއް ރިވާޔަތުގައިވާ ގޮތުން އަދި އަހުލުލްޙަދީޘްގެ ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވާ ގޮތުން، ސާބިތުކުރާ ޚަބަރުގެ މައްޗަށް ނަފީކުރާ ޚަބަރު އިސްކުރެވޭނެތެވެ. މިއީ، އަލްއާމިދީ އިޚްތިޔާރުކުރައްވާ ރައުޔެވެ.

އަދި އަލްޤާޟީ ޢަބްދުލްޖައްބާރު ވިދާޅުވާކަމަށް އައްޞަފިއްޔުލްހިންދީ ވިދާޅުވެފައިވަނީ، ސާބިތުކުރާ ޚަބަރާއި ނަފީކުރާ ޚަބަރު ދަރަޖައިގެ ގޮތުން އެއްވަރުވާނެ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =