[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 22

22ވަނަ ޤަވާޢިދު (ޖުމްލަ 60): أَفْعَالُ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَتَعَارَضُ

މި ޤަވާޢިދުގެ ތަރުޖަމާ: {ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތައް ފުށުއެއް ނާރާނެ}

މި ޤަވާޢިދުގެ މުރާދު: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގެ މެދުގައި ތަޢާރުޟުވުމެއް ފުށުއެރުމެއް އޮތުމީ ނުވާނޭކަމެކެވެ.

ދަލީލުތަކުގެ މެދުގައި ބޭރުފުށުން ތަޢާރުޟުވުން އޮތުމީ ވެދާނެކަމެއް ކަމަށް އުޞޫލީ ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުންނާއި އެ އިލާހުގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވާ ޚަބަރުތަކުގެ މެދުގައި ތަޢާރުޟުވުމީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ވެސް އެ ބޭފުޅުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އަދި އަމުރުތަކާއި ނަހީތަކާއި ޙުކުމްތަކުގައި އެ ގޮތަށް ބޭރުފުށުން ތަޢާރުޟުވެފައި އޮވެއްޖެނަމަ، އެ ޚަބަރުތައް ޖަމްޢު ނުކުރެވިއްޖެނަމަ، އެ ތަނުން ފަހުގެ ޚަބަރަކީ ކުރީގެ ޚަބަރު ނަސްޚުކުރާ އެއްޗަކަށް ވާނެކަމަށް ވެސް އެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވަތެވެ.

އެހެންނަމަވެސް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގައި ތަޢާރުޟުވުން އޮތުމާމެދު އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެގޮތުން މި މައްސަލައިގައި ތިން ރައުޔެއް ވެއެވެ.

  1. ފުރަތަމަ ރައުޔަކީ، މި ޤަވާޢިދުގައި ބަޔާންވެފައި އެވާ ގޮތަށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގައި ތަޢާރުޟުވުން އޮތުމުގެ ފުރުޞަތު ނެތުމެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އެގޮތުން، ޢަމަލުފުޅަކާ ގުޅޭގޮތުން ޚަބަރުތަކެއް ވާރިދުވެފައިވާއިރު އެ ތަނުން އެއް ޚަބަރުގައި އެ ޢަމަލުފުޅު ބަޔާންވެފައިވާ ގޮތާއި އަނެއް ޚަބަރުގައި އެ ޢަމަލުފުޅު ބަޔާންވެފައިވާ ގޮތް ތަޢާރުޟުވާކަމަށް ފެންނަނަމަ، އެއީ ދެ ޒަމާނެއްގައި ނުވަތަ ދެ މީހަކާ ގުޅޭގޮތުން ހިނގާފައިވާ ދެ ޢަމަލުފުޅަކަށްވުމީ ލާޒިމުކަމެކެވެ. އެފަދައިން އޮތްނަމަ، އެ ދޭތީގެ މެދުގައި ތަޢާރުޟުވުމެއް ނުވެއެވެ. އެ ހާލަތުގައި އެ ދޭތި ޖަމްޢުކޮށް ބޭރުފުށުން ފެންނަ ފުށުއެރުން ނައްތައިލެވިދާނެއެވެ.

ދެ ޢަމަލުފުޅު ތަޢާރުޟު ނުވާނީ، ޙުކުމް ސާބިތުވާކަން ދަލީލުކޮށްދޭ ބަސްފުޅެއް، ނުވަތަ މުސްތަޤުބަލުގައި ވެސް އޭގެ މަތީގައި ދެމިހުރުމުގެ ޤަޞްދު އޮތްކަން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެއް އެ ދެ ޢަމަލުފުޅާ ނުވަތަ އެއިން އެއް ޢަމަލުފުޅާ ގުޅިފައި ނުވާނަމައެވެ. އަދި އައްޒަރުކަޝީ އިތުރު ޤައިދެއް ނަޤުލުކުރައްވާފައި ވެއެވެ. އަދި އެއަށް އައްޝައުކާނީ އެއްބަސްވެވަޑައިގެންފައި ވެއެވެ. އެ ޤައިދަކީ، އެ ޢަމަލުފުޅުތަކަކީ، އެ ކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅުތައް، މިސާލަކަށް [ތިމަން ކަލޭގެފާނު ނަމާދުކުރެއްވީތީ ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށޭ]، ބަޔާންކޮށްދިނުމުގެ ގޮތުން ކުރައްވާފައިވާ ޢަމަލުފުޅުތަކަކަށް ނުވުމެވެ. މި ހާލަތުގައި، ފަހުން ކުރެއްވި ޢަމަލުފުޅަކީ ކުރީގެ ޢަމަލުފުޅު ނަސްޚުކުރާ އެއްޗަކަށް ވާނެއެވެ.

  1. ދެވަނަ ރައުޔަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގައި ތަޢާރުޟުވުން އޮތުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޚާރިޖީ ކަމަކަށް ބިނާކޮށް އެއަށް ތަރުޖީޙުދެވޭނެއެވެ. ޢަމަލުފުޅުތަކަށް ޙުކުމްކުރުމީ ބަސްފުޅުތަކަށް ޙުކުމްކުރުންފަދަ ކަމެކެވެ. މިއީ، އިބްނު ރުޝްދާއި އަލްބާޖީފަދަ އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ރައުޔެވެ.
  2. ތިންވަނަ ރައުޔަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގައި ތަޢާރުޟުވުން އޮތުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ފަހުގެ ޢަމަލުފުޅު އިސްކުރެވޭނެއެވެ. ބަސްފުޅުތަކުގައި ވެސް ކަންކުރެވޭ ގޮތަށެވެ. މިއީ، އިބްނުލްޢަރަބީ ގެންނަވާފައިވާ ރައުޔެކެވެ. އަދި މިއީ އިމާމު ޝާފިޢީގެ ރައުޔުކަމަށް އިމާމުލްޙަރަމައިނި ވިދާޅުވެފައި ވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =