[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 23

23ވަނަ ޤަވާޢިދު (ޖުމްލަ 60): عَمَلُ أَكْثَرِ الأُمَّةِ بِالـخَبَرِ يُرَجِّحُهُ

މި ޤަވާޢިދުގެ ތަރުޖަމާ: {އުއްމަތުގެ ގިނަ މީހުން ޚަބަރާ އެއްގޮތަށް ޢަމަލުކުރުމުން އެއަށް ތަރުޖީޙުދެވޭ}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދަކީ، ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދެވޭ ކަންކަމުގެ ތެރެއިން، ޚާރިޖީ ކަމަކަށް ބިނާކޮށް ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޚާރިޖީ ކަމަކަށް ރުޖޫޢަވާ ތަރުޖީޙުކުރުންތަކުގެ ތެރޭގައި، ޚަބަރާ އެއްގޮތްވާ ގޮތުގެ މަތިން އުއްމަތުގެ ގިނަ މީހުން ޢަމަލުކުރުމުން އެ ޚަބަރަށް ތަރުޖީޙުދިނުން ހިމެނޭ ކަމުގައެވެ. އެގޮތުން، ބޭރުފުށުން ތަޢާރުޟުވާ ދެ ޚަބަރެއް ވާރިދުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް ބާރުގެގޮތުން އެއް ދަރަޖައެއްގެ ދެ ޚަބަރަށްވެފައި، އެ ތަނުން އެއް ޚަބަރާ އެއްގޮތްވާ ގޮތުގެ މަތިން އުއްމަތުގެ ގިނަ މުޖުތަހިދު ޢިލްމުވެރިންނާއި، ޞަޙާބީންނާއި އޭގެ ފަހުގެ ބޭފުޅުންގެ ތެރެއިން ޢިލްމުގެ އަހުލުވެރިންކުރެ ގިނަ ބޭފުޅުން ޢަމަލުކުރައްވާފައިވާނަމަ، އެފަދައިން ކަންތައްވެފައިނުވާ އެ ޚަބަރާއި ތަޢާރުޟުވާ އަނެއް ޚަބަރުގެ މައްޗަށް އެ ޚަބަރަށް ތަރުޖީޙުދެވޭނެއެވެ.

މި ގޮތަށް ތަރުޖީޙުދިނުމުގައި ޝަރުޠަކީ، އެ ޚަބަރާ ތަޢާރުޟުވާ އަނެއް ޚަބަރަކީ އުއްމަތުގެ ގިނަ މީހުންނަށް ވަންހަނާވުން އެކަށީގެންވާފަދަ ޚަބަރަކަށް ނުވުމެވެ. އެ ޚަބަރާ ތަޢާރުޟުވާ ޚަބަރަކީ އުއްމަތުގެ ގިނަ މީހުންނަށް ވަންހަނާވުން އެކަށީގެންވާފަދަ ޚަބަރެއްނަމަ، ގިނަ މީހުން ޢަމަލުކުރާ ގޮތަށް ތަރުޖީޙުދިނުމެއް ނުވެއެވެ. އެއީ، އެބައިމީހުންނަށް އެ ޚަބަރާ ގުޅޭ މަޢުލޫމާތު ނުލިބި އޮތުމުގެ އިޙްތިމާލު އޮތީތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން، ގިނަ މީހުން ޢަމަލުކުރާ ގޮތަށް ތަރުޖީޙުދިނުން މަނާކުރައްވަތެވެ. އެއީ، ގިނަ މީހުންގެ ބަހަކީ ޙުއްޖަތެއް ނޫންކަމަށާއި، އެހެންކަމުން، ގިނަ މީހުންނަށް ތަޤުލީދުކުރުން ވާޖިބުވެގެންނުވާކަން ބަޔާންކޮށް އެއިން ދަލީލުނަންގަވާފައެވެ. އަދި މިއީ، އިބްނު ޙަޒްމުގެ ރައުޔެވެ. އަދި އައްޝައުކާނީ ލެނބިވަޑައިގަންނަވަނީ ވެސް މި ރައުޔަށެވެ.

މި ތަނުގައި ފާހަގަކޮށްލަން މުހިއްމު ނުކުތާއަކީ، މި ޤަވާޢިދަކީ ދެ ޚަބަރު ތަޢާރުޟުވެއްޖެހިނދެއްގައި ބޭނުންކުރެވޭ ޤަވާޢިދެއް ކަމެވެ. އެއީ، އުއްމަތުގެ ގިނަ މީހުން އެއިން އެއް ޚަބަރަކަށް ޢަމަލުކޮށްފިނަމަ، އޭގެ އަސަރު އެ ތަނުން އެއް ޚަބަރަށް ތަރުޖީޙުދިނުމުގައި ކުރާނެތޯ ބަލާއިރުގައެވެ. އެހެންކަމުން، މި މައްސަލަ މި މައްސަލައާ އެއްގޮތްކަމެއްހުރި އެހެން ދެ މައްސަލައަކާ ތަފާތެވެ. ފުރަތަމަ މައްސަލައަކީ، ތަޢާރުޟުނުވާ ހާލަތުގައި އުއްމަތުގެ ގިނަ މީހުން ޚަބަރަކާ އެއްގޮތަށް ނުވަތަ ޚިލާފަށް ޢަމަލުކޮށްފިނަމަ، އޭގެ އަސަރު ޚަބަރު ޤަބޫލުކުރުމާއި ރައްދުކުރުމަށް ކުރާނެތޯ ބެލުމުގެ މައްސަލައެވެ. މި މައްސަލައާ ގުޅޭގޮތުން [عملُ أكثر الأمة بخلاف الخبر لا يوجب ردَّه] މި ޤަވާޢިދުގެ ދަށުން ވާނީ ވާހަކަދެކެވިފައެވެ. ދެވަނަ މައްސަލައަކީ، ޚަބަރުލްވާޙިދެއް އުއްމަތުގެ ގިނަ މީހުންގެ ޢަމަލާ ފުށުއަރައިފިނަމަ ކަންކުރާނެ ގޮތާ ގުޅޭ މައްސަލައެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި އެ ހާލަތުގައި އިސްކުރެވޭނީ ޚަބަރުލްވާޙިދެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =