24ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الـمُتَّفَقُ عَلَى رَفْعِهِ مُرَجَّحٌ عَلَى الـخَبَرِ الـمُخْتَلَفِ فِي رَفْعِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ރަފުޢުވެފައިވާ ކަމާމެދު ޚިލާފުއުފެދިފައިވާ ޚަބަރުގެ މައްޗަށް، ރަފުޢުވެފައިވާ ކަމާމެދު އިއްތިފާޤުވެވިފައިވާ ޚަބަރަށް ތަރުޖީޙުދެވިގެންވޭ}
މި ޤަވާޢިދުގެ މުރާދު: ތަޢާރުޟުވާ ދެ ޚަބަރެއް އޮވެފައި، އެ ތަނުން އެއް ޚަބަރަކީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ހަމައަށް އެ ޚަބަރު ރަފުޢުވެފައިވާ ކަމާމެދު (އެބަހީ، ސަނަދު އެ ނަބިއްޔާއާ ހަމައަށް ފޯރާފައިވާ ކަމާމެދު) އިއްތިފާޤުވެވިފައިވާ ޚަބަރަކަށްވެފައި، އަނެއް ޚަބަރަކީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ރަފުޢުވެފައިވާ ޚަބަރެއްތޯ ކަނޑައެޅުމުގައި ނުވަތަ އެ ޚަބަރު އޮތީ ރާވީއާ ހަމައަށް މައުޤޫފުކޮށްތޯ ކަނޑައެޅުމުގައި ޚިލާފުއުފެދިފައިވާ ޚަބަރަކަށް ވާނަމަ، ރަފުޢުވެފައިވާ ކަމާމެދު ޚިލާފުއުފެދިފައިވާ ޚަބަރުގެ މައްޗަށް، ރަފުޢުވެފައިވާ ކަމާމެދު އިއްތިފާޤުވެވިފައިވާ ޚަބަރަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، އެ ޚަބަރު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރުމުގައި، ރަފުޢުވެފައިވާ ކަމާމެދު އިޚްތިލާފު އުފެދިފައިވާ ޚަބަރުގައި ނުވާފަދަ ވަރުގަދަ ޡައްނެއް، ރަފުޢުވެފައިވާ ކަމާމެދު އިއްތިފާޤުވެވިފައިވާ ޚަބަރުގައި އޮތީތީއެވެ. ޡައްނުގެ ގޮތުން ބާރުގަދަ އެތި އެ ނޫން އެތީގެ މައްޗަށް އިސްކުރެވޭނެތެވެ.
ކޮންމެއަކަސް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި މި ޤަވާޢިދު ބޭނުންކުރެވޭނީ، ރަފުޢުވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ޚިލާފުއުފެދިފައިވަނީ ބުއްދިއަށް ވިސްނޭގޮތް ފާޅުކުރުމުގެ ފުރުސަތު އޮތް ކަމެއްގައިނަމައެވެ. މިއާ ޚިލާފަށް، އެ ކަމުގައި ބުއްދިއަށް ވިސްނޭގޮތް ފާޅުކުރުމުގެ ފުރުސަތު ނެތްނަމަ، އެ ހާލަތުގައި އެ ދެ ޚަބަރު ވެސް ދަރަޖައިގެ ގޮތުން ހަމަހަމަވެގެންވެއެވެ.
މިސާލަކަށް، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. ((من وجد سَعَةً فلم يُضحِّ فلا يقربنَّ مصلانا)) މާނައީ: [ތަނަވަސްކަމެއް ލިބިހުރި ހާލު އުޟުޙިޔާ ކަތިނުލައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާ އަހުރެމެން ނަމާދުކުރާ ތަނާ ގާތްނުވާހުށިކަމެވެ.] މި ޙަދީޘަކީ، ކުޅަދާނަކަން ލިބިގެންވާމީހާ އުޟުޙިޔާ ކަތިލުން ވާޖިބުވެގެންވާކަމަށް ވިދާޅުވާ ބޭފުޅުން ދަލީލު ނަންގަވާ ޙަދީޘެކެވެ. އެހެންނަމަވެސް، މި ޙަދީޘް މަރުފޫޢުތޯ ނުވަތަ މައުޤޫފުތޯ ކަނޑައެޅުމުގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އަދި އައްބައްރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إن أول ما نبدأ به في يومنا هذا أن نصلي، ثم نرجع فننحر، من فعله فقد أصاب سنتنا، ومن ذبح قبل فإنما هو لحم قدمه لأهله ليس من النسك في شيء)) މާނައީ: [މިއަދު އަޅުގަނޑުމެން އެންމެ ފުރަތަމަ ފަށާނެ ކަމަކީ، ނަމާދުކުރުމެވެ. ދެން، އެނބުރިގޮސް (އުޟުޙިޔާ) ކަތިލާނީއެވެ. އެ ގޮތަށް ޢަމަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އޭނާ އަޅުގަނޑުމެންގެ ސުންނަތާ އެއްގޮތަށް ރަނގަޅަށް ޢަމަލުކޮށްފިއެވެ. އަދި އޭގެ ކުރިން ކަތިލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެއީ އޭނާ އޭނާގެ އަހުލުންނަށް ދިން މަހެކެވެ. އެ ކަންތައް މަނާސިކުތަކުގެ ތެރޭގައެއް ނުހިމެނެއެވެ.] މި ޙަދީޘަކީ، އުޟުޙިޔާ ކަތިލުމީ ސުންނަތެކޭ އެއީ ވާޖިބެއް ނޫނޭ ވިދާޅުވާ ބޭފުޅުން ދަލީލު ނަންގަވާ ޙަދީޘެކެވެ. އަދި އަބޫހުރައިރާގެ ޙަދީޘަށްވުރެ މި ޙަދީޘުގެ ރާޖިޙުކަން ބޮޑެވެ. ސަބަބަކީ، މި ޙަދީޘަކީ މަރުފޫޢުވެފައިވާ ޙަދީޘެއް ކަމާމެދު އިއްތިފާޤުވެވިފައިވާ ޙަދީޘެއްކަމުގައިވެފައި، އަބޫހުރައިރާގެ ޙަދީޘަކީ މަރުފޫޢުވެފައިވާ ޙަދީޘެއް ކަމާމެދު ޚިލާފުއުފެދިފައިވާ ޙަދީޘަކަށް ވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =