28ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الـمُقْتَرِنُ بِذِكْرِ السَّبَبِ مُرَجَّحٌ عَلَى غَيْرِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ސަބަބު ބަޔާންކުރެވިފައިނުވާ ޚަބަރުތަކުގެ މައްޗަށް ސަބަބު ބަޔާންކުރެވިފައިވާ ޚަބަރަށް ތަރުޖީޙުދެވޭނެ}
މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާވެފައިވަނީ އެ ޚަބަރު ވާރިދުވީ ސަބަބާއި ވެސް އެކުގައި ކަމަށްވެފައި، އަނެއް ޚަބަރު ރިވާވެފައިވަނީ އެ ޚަބަރު ވާރިދުވީ ސަބަބު ނެތި ކަމުގައިވާނަމަ، ސަބަބު ބަޔާންވެފައިވާ ޚަބަރު އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މި ތަނުގައި ސަބަބޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ސަބަބަކާ ގުޅިގެން ޙަދީޘް ވާރިދުވީ ސަބަބެވެ. މި ތަނުގައި ސަބަބު ބޭނުންކުރެވިފައި އެ ވަނީ ޙުކުމުގެ ޢިއްލަތުގެ މާނައިގައެއް ނޫނެވެ.
މި ޤަވާޢިދަށް ޤައިދެއް ވާކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. އެ ޤައިދަކީ، އެ ދެ ޚަބަރަކީ ވެސް ޚާއްޞަ ދެ ޚަބަރު ކަމަށްވުމެވެ. ދެ ޚަބަރު ވެސް ޚާއްޞަކޮށް އޮތްނަމަ، މި ޤަވާޢިދުގައިވާ ގޮތަށް ޢަމަލުކުރެވޭނެކަމުގައި އެ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ. މިއާ ޚިލާފަށް، ތަޢާރުޟުވުން އުފެދިފައިވަނީ ޢާއްމު ދެ ޙަދީޘާއި ގުޅޭގޮތުން ކަމުގައިވާނަމަ، އަދި އެ ތަނުން އެއް ޙަދީޘް ވާރިދުވެފައިވަނީ ޚާއްޞަ ސަބަބަކާ ގުޅިގެންކަމުގައިވެފައި، އަނެއް ޙަދީޘް ވާރިދުވެފައިވަނީ އޭގެ ޢާއްމުކަންމަތީގައި ކަމަށްވާނަމަ، ޢާއްމުކަންމަތީ އޮތް ޙަދީޘް އިސްކުރެވޭނެއެވެ. ސަބަބަކީ، ބެލެވެނީ ލަފްޒުގެ ޢާއްމުކަމަށެވެ. ވާރިދުވީ ސަބަބުގެ ޚާއްޞަކަމަކަށް ނޫނެވެ.
މިސާލަކަށް، ((أفطر الحاجم والمحجوم)) (ޙިޖާމާ ޖަހައިދޭ މީހާއާއި ޙިޖާމާ ޖެހޭ މީހާގެ ރޯދަ ގެއްލިއްޖެއެވެ.) މި ޚަބަރުގެ މައްޗަށް، ((أن رسول الله صلى الله عليه و سلم مرَّ على رجل بين يدي حجام ؛ وذلك في رمضان؛ وهما يغتابان رجلا فقال صلى الله عليه وسلم: أفطر الحاجم والمحجوم)) (ޙިޖާމާ ޖަހައިދޭ މީހެއް އެ މީހެއްގެ ކުރިމަތީ ހުރި މީހެއްގެ ގާތުން ރަމަޟާންމަހެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވިއެވެ. އެ ދެ މީހުން ތިބީ މީހަކަށް ޣީބަބުނާށެވެ. އެހިނދު އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ޙިޖާމާ ޖަހައިދޭ މީހާއާއި ޙިޖާމާ ޖެހޭ މީހާގެ ރޯދަ ގެއްލިއްޖެއެވެ.) މި ޚަބަރު އިސްކުރެވޭނެއެވެ. މި ތަނުން ފުރަތަމަ ޚަބަރުން ލާޒިމުކުރަނީ، ރޯދައަށްހުރެ ޙިޖާމާ ޖަހާ މީހާއާއި ޙިޖާމާ ޖަހައިދޭ މީހާގެ ރޯދަ ބާޠިލުވުމެވެ. އަދި ދެވަނަ ޚަބަރުން ލާޒިމުކުރަނީ، އެ ދެ މީހުންގެ ރޯދަ ބާޠިލުނުވުމެވެ. އެހެނީ، މި ތަނުން ފުރަތަމަ ޚަބަރުގައި ސަބަބު ބަޔާންކުރެވިފައިނުވާއިރު، ދެވަނަ ޚަބަރުގައި ސަބަބު ބަޔާންކުރެވިފައިވާތީއެވެ. މި ސަބަބަށްޓަކައި، ގިނަ ޢިލްމުވެރިންގެ އަރިހުގައި، ރޯދައަށްހުރެ ޙިޖާމާ ޖަހައިދޭ މީހާއާއި ޙިޖާމާ ޖެހޭ މީހާގެ ރޯދައެއް ނުގެއްލޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =