[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 29

29ވަނަ ޤަވާޢިދު (ޖުމްލަ 60): خَبَرُ صَاحِبِ الوَاقِعَةِ أَوْ الـمُبَاشِرِ لَهَا مُقَدَّمٌ عَلَى خَبَرِ غَيْرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ހާދިސާގައި އުޅޭ ފަރާތުގެ ނުވަތަ އެ ހާދިސާއާ ގުޅުންހުރި ފަރާތުގެ ޚަބަރު އެހެން ފަރާތްތަކުގެ ޚަބަރުގެ މައްޗަށް އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ބޭރުފުށުން ތަޢާރުޟުވެފައިވާއިރު، އެ ދެ ޚަބަރު ވެސް ސަނަދުގެ ޞައްޙަކަމުގެ ގޮތުން އެއްވަރުވެފައި، އެ ތަނުން އެއް ޚަބަރު ރިވާކޮށްފައިވަނީ އެ ޚަބަރުގައިވާ ހާދިސާގައި އުޅުނު ފަރާތްކަމުގައިވާނަމަ ނުވަތަ އެ ހާދިސާއާ ގުޅުންހުރި ފަރާތަކުން ކަމުގައިވާނަމަ، އެ ޚަބަރާއި ފުށުއަރާ ޚަބަރުގެ މައްޗަށް އެ ޚަބަރަށް ތަރުޖީޙުދެވޭނެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

 މި މައްސަލައިގައި ޙަނަފީންކުރެ އަލްޖުރްޖާނީފަދަ މަދު ޢިލްމުވެރިޔެއް މެނުވީ އިސްވެ ދެންނެވުނު ގޮތާ ޚިލާފުވެވަޑައިގެންފައި ނުވެއެވެ. އެ ބޭފުޅުންގެ ނަޒަރުގައި، އެ ގޮތަށް ތަރުޖީޙެއް ނުދެވޭނެއެވެ. ޙުއްޖަތެއްގެ ގޮތުން ވިދާޅުވަނީ، ހާދިސާގައި އުޅޭ ފަރާތަށް ޙުކުމް ރުޖޫޢަ ނުވާނެކަމަށާއި، އެހެނެއްކަމަކު، ޙުކުމް ރުޖޫޢަވާނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ކަމުގައެވެ. ފަހަރުގައި، ހާދިސާގައި އުޅޭ ފަރާތް ނޫން އެހެން ފަރާތެއް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ އަރިސްކަންބޮޑުވެފައި، އެ ކަލޭގެފާނުގެ ކަންކަން މާ ބޮޑަށް ދަންނަކަމުގައި ވެދާނެ ކަމުގައެވެ.

މި ވާހަކައިގެ ޖަވާބުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ، އެއީ ވިސްނުމަށް އަންނަ ހަމައެކަނި އިޙްތިމާލެއް ކަމުގައެވެ. ބޭރުފުށުން ފެންނަންއޮތްގޮތް ދުރައްޖެއްސުމުގެ ޤާބިލުކަން އޭގައި ނުވާކަމުގައެވެ. އެހެނީ، ބޭރުފުށުން އެނގެނީ ހާދިސާގައި އުޅޭ ފަރާތަށް އެ ހާދިސާއަކާ ގުޅިގެން ހިނގައިދިޔަ ކަންކަމާއި އޭގެ ތަފްސީލުތައް އެހެން މީހުންނަށްވުރެ މާ ރަނގަޅަށް އެނގޭނެކަމެވެ. އެހެންކަމުން، ތިއީ ތިގޮތަށް ކަންތައްވުން ދުރު އިޙްތިމާލެކެވެ.

ދެން ފަހެ، ހާދިސާގައި އުޅޭ ފަރާތާއި ހާދިސާއާ ގުޅުންހުރި ފަރާތުގެ ތަފާތަކީ، ހާދިސާގައި އުޅޭ ފަރާތަށްވުރެ ހާދިސާއާ ގުޅުންހުރި ފަރާތުގެ ޢާއްމުކަން ބޮޑުވުމެވެ. އެހެނީ، ހާދިސާއާ ގުޅުންހުރި ފަރާތޭ ބުނުމުން، އެއީ އެ ހާދިސާގައި އުޅޭ ފަރާތަށްވެސް އަދި އެ ހާދިސާ ހިނގި ތަނުގައި ބަލަންހުރި ފަރާތްފަދަ އެހެން ފަރާތަކަށް ވެސް ވެދާނެއެވެ.

މިސާލަކަށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މައިމޫނާ ރަޟިޔަ ﷲ ޢަންހާއާ ކައިވެނިބައްލަވައިގެންނެވި ހާދިސާއެވެ. މި ހާދިސާއާ ގުޅޭގޮތުން ދެ ރިވާޔަތެއް ވެއެވެ. ފުރަތަމަ ރިވާޔަތަކީ އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ރިވާޔަތެވެ. އޭގައި އޮންނަނީ، އެ ކަލޭގެފާނު އެ ކަމަނާއާ ކައިވެނިބައްލަވައިގެންނެވީ އިޙްރާމުކޮޅުގައި ހުންނަވައިކަމުގައެވެ. ދެވަނަ ރިވާޔަތަކީ އެ ހާދިސާގައި އުޅުއްވި އުއްމުލްމުއުމިނީން މައިމޫނާ ރަޟިޔަ ﷲ ޢަންހާގެ ރިވާޔަތެވެ. އޭގައި އޮންނަނީ، އެ ކަލޭގެފާނު އެ ކަމަނާއާ ކައިވެނިބައްލަވައިގެންނެވިއިރު އެ ދެ ބޭފުޅުން ތިއްބެވީ އިޙްރާމްކަނޑުއްވައިގެންކަމުގައެވެ. އަދި މި ރިވާޔަތް ރިވާކުރެއްވީ އަބޫ ރާފިޢު ރަޟިޔަ ﷲ ޢަންހުއެވެ. އެ ބޭފުޅާއަކީ މި ހާދިސާއާ ގުޅުންހުރި ބޭފުޅެކެވެ. އެހެނީ، އެ ކައިވެނީގައި އެ ދެ ބޭފުޅުންގެ މެދުގައި ސަފީރެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވީ އެ ބޭފުޅާއެވެ. އެހެންކަމުން، މި ތަނުން ފުރަތަމަ ރިވާޔަތުގެ މައްޗަށް ދެވަނަ ރިވާޔަތަށް ތަރުޖީޙުދެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =