[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 31

31ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ إِذَا قُصِدَ بِهِ الـحُكْمُ كَانَ أَوْلَى مِمَّا لَمْ يُقْصَدْ بِهِ الـحُكْمُ

މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުން ޙުކުމް ޤަޞްދުކުރެވިފައިވާނަމަ، ޙުކުމް ޤަޞްދުކުރެވިފައިނުވާ ޚަބަރަށްވުރެ އޭގެ އައުލާކަން ބޮޑު}

މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، ހުރިހާ ގޮތަކުން ވެސް އެ ދެ ޚަބަރު ހަމަހަމަވެފައި، އެ ތަނުން އެއް ޚަބަރުގެ ސިޔާޤުގައިވަނީ އަދި އެ ޚަބަރުން ޤަޞްދުކުރެވިފައިވަނީ، އެ ދެ ޚަބަރާ ގުޅިގެން ޚިޔާލުތަފާތުވުން އުފެދިފައިވާ ޙުކުމް ބަޔާންކޮށްދިނުން ކަމުގައިވާނަމަ، އަދި މިއާ ޚިލާފަށް އަނެއް ޚަބަރުގައި އެފަދައިން ބަޔާންކުރެވިފައިނުވެ އެހެންނަމަވެސް އެއިން އެ ޙުކުމް ލާޒިމުކޮށްދޭނަމަ، އިސްކުރުމުގައި އަދި ތަރުޖީޙުދިނުމުގައި އައުލާކަންބޮޑީ ޙުކުމް ބަޔާންކޮށްދިނުން ޤަޞްދުކުރެވިފައިވާ ޚަބަރެވެ. ސަބަބަކީ، ޙުކުމް ބަޔާންކޮށްދިނުމުގެ ޤަޞްދުގައި ޙަދީޘް ސިޔާޤުކުރެވިފައިވުމީ (އެބަހީ، ޢިބާރާތްކުރެވިފައިވުމީ) ތަރުޖީޙުދެވޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި ވާތީއެވެ. އަދި އޭގައި އިޙްތިމާލުތައް ކުޑައީތީއެވެ.

މިސާލަކަށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާވެފައިވާ އަންނަނިވި ޙަދީޘެވެ. ((ليس فيما دون خمسة أوسق صدقة)) މާނައީ: [ފަސް އައުސަޤަށްވުރެ މަދު އެއްޗަކުން ޒަކާތްދިނުމެއް ނުވެއެވެ.] (މުތަރުޖިމު: އައުސަޤުއަކީ ވަސަޤުގެ ގިނަގޮތެވެ. ވަސަޤަކީ، ނަބަވީ ޞާޢުއިން ބަލާއިރު ފަސްދޮޅަސް ޞާޢުއެވެ. ތިންސަތޭކަ ޞާޢުއަކީ، ކަދުރުންނަމަ ގާތްގަނޑަކަށް ނުވަސަތޭކަ ކިލޯއެވެ.) މި ޙަދީޘް، ((فيما سقت السماء العشر)) މާނައީ: [ވާރޭފެނުން ހެދުނު ގޮވާމުން ދިހަބައިކުޅަ އެއްބައެވެ.] މި ޙަދީޘްގެ މައްޗަށް އިސްކުރެވި ތަރުޖީޙުދެވޭނެ ކަމަށް ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. ސަބަބަކީ، ފުރަތަމަ ޙަދީޘް އައިސްފައިވަނީ ޒަކާތް ވާޖިބުވާ މިންވަރު ބަޔާންކުރުމަށްޓަކައެވެ. އޭގައި ޒަކާތުގެ ގޮތުގައި ނެރެންވީ މިންވަރާ ގުޅޭގޮތުން ވާހަކަދެކެވިފައެއް ނުވެއެވެ. އޭގައި ވަނީ ނެރެންވީ މިންވަރާ ގުޅޭގޮތުން ޖުމްލަގޮތެއްގައެވެ. އެހެންނަމަވެސް، ދެވަނަ ޙަދީޘުގައި ޤަޞްދުކުރެވިފައިވަނީ، ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު މިންވަރު ބަޔާންކުރުމަށެވެ. އޭގައި އެވަނީ ޒަކާތް ނެރުން ވާޖިބުވާ ނިޞާބާ ގުޅޭގޮތުން ޖުމްލަގޮތެއްގައެވެ. ދެން ފަހެ، ގިނަ ޢިލްމުވެރިންނާ ޚިލާފަށް ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިން މި ތަނުން ދެވަނަ ޙަދީޘުން ދަލީލުނަންގަވައި ވިދާޅުވަނީ، ދަނޑުގޮވާމުގެ މަދު މިންވަރުންނާއި ގިނަ މިންވަރުން ވެސް ޒަކާތް ވާޖިބުވާނެ ކަމުގައެވެ. އެހެންނަމަވެސް، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި އެ ޙަދީޘް އައިސްފައިވާ ސިޔާޤު (ނުވަތަ ޢިބާރާތްކޮޅު އޮތް ތަން) އެ ގޮތަށް ކަނޑައެޅުމަކަށް ތަނެއް ނުދެއެވެ. ސަބަބަކީ، އެ ގޮތަށް އެ ޙަދީޘުގެ އެ ޢިބާރާތްކޮޅުން ޤަޞްދުކުރެވިފައި ނުވާތީއެވެ. އިސްކުރުން އައުލާކަންބޮޑީ ޤަޞްދުކުރެވިފައިވާ ޚަބަރެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =